ވެކްސިންގެ މުހިންމުކަމާ ގުޅޭގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުން ޚާއްޞަ ސީއެމްއީ ސެޝަނެއް ބާއްވައިފި
ދުނިޔޭގެ ވެކްސިން ހަފުތާ ނުވަތަ 'އިމިއުނައިޒޭޝަން ވީކް' ފާހަގަކުރުމުގެ ގޮތުން، ވެކްސިންގެ މުހިންމުކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން 'ކޮންޓިނިއުއިންގް މެޑިކަލް އެޑިޔުކޭޝަން' (ސީއެމްއީ) ސެޝަނެއް މި ހަފުތާގައި ބާއްވައިފިއެވެ. މި ސެޝަންގެ މައިގަނޑު މަގުސަދަކީ ފަރުދީ އަދި މުޖުތަމައުގެ ދުޅަހެޔޮކަމަށް ވެކްސިން އަދާކުރާ މުހިންމު ދައުރަށް އަލިއަޅުވާލުމެވެ. މި ސެޝަންގައި މައުލޫމާތު ދެއްވީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ފަރާތުން ސީނިއާ ކޮންސަލްޓަންޓް ޕީޑިއަޓްރީޝަން ޑރ. އަޙްމަދު ފައިސަލްއެވެ. ޑރ. ފައިސަލްގެ ޕްރެޒެންޓޭޝަންގައި، ހުރިހާ އުމުރުފުރާއެއްގެ މީހުންނަށްވެސް ފުރާނައަށް ނުރައްކާވާ ފަދަ ބަލިތަކުން ރައްކާތެރިވުމަށް ވެކްސިންގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ބަލިތަކުން ދިފާއުވުމަށްޓަކައި 'ހާޑް އިމިއުނިޓީ' ނުވަތަ މުޖުތަމައުގެ ބޮޑު އިންސައްތައެއް ވެކްސިން ފުރިހަމަކުރުމުގެ ބޭނުންތެރިކަމަށް އޭނާ ބާރުއެޅުއްވިއެވެ. މީގެ އިތުރުން، ވެކްސިން ޖެހުމަށް ފަސްޖެހޭ މައްސަލައާއި، އާންމުންގެ މެދުގައި އިތުބާރު އުފެއްދުމާއި، ހޭލުންތެރިކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް ޑރ. ފައިސަލް ވާހަކަދެއްކެވިއެވެ. ދައުލަތުގެ ސިއްހީ އިދާރާތަކުންނާއި ސިއްހީ ޚިދުމަތް ފޯރުކޮއްދޭ އެކިއެކި ފަރާތްތަކުން ވެކްސިންގެ ޚިދުމަތްތައް ފުޅާކުރުމަށް ކުރަމުންދާ އަދި ކުރެވިދާނެ މަސައްކަތްތަކަށް ވެސް އޭނާ އަލިއަޅުވާލެއްވިއެވެ. މި ސެޝަންގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ކޮންސަލްޓަންޓް ޕީޑިއަޓްރީޝަން ޑރ. އެލެސަންޑްރާ މާޓިނޯވެސް ވަނީ މައުލޫމާތު ހިއްސާކުރައްވާފައެވެ. އޭނާގެ ވާހަކައިގައި ކުޑަކުދިންނަށް ދޭންޖެހޭ ވެކްސިންތައް ގަޑިއަށް ދިނުމާއި، ބެލެނިވެރިން ހޭލުންތެރިކުރުވުމުގައި ސިއްހީ ޚިދުމަތްތެރިންގެ މުހިންމު މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން ވާހަކަދެއްކެވިއެވެ. ޓްރީ ޓޮޕް ހޮސްޕިޓަލަކީ ގައުމީ ފެންވަރުގައި ކުރިއަށްގެންދާ ވެކްސިން ޖެހުމުގެ ޕްރޮގްރާމްތަކަށް އެއްބާރުލުންދީ، ބަލިތަކުން ރައްކާތެރިވެފައިވާ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ނުހަނު އިސްކަންދޭ ހޮސްޕިޓަލެކެވެ. މިފަދަ ތައުލީމީ ސެޝަންތަކުގެ ސަބަބުން ސިއްހީ ޚިދުމަތްތެރިންގެ މައުލޫމާތު އައުވެ، މުސްތަގުބަލުގެ ޖީލުތަކަށް ރައްކާތެރި މުޖުތަމައެއް ގާއިމުކުރުމަށް ކުރާ މަސައްކަތަށް އިތުރު ބާރެއް ލިބޭ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުން، 3351610އަށް ގުޅުމުން ނުވަތަ [email protected] އަށް އީމެއިލް ކުރުމުން ވެސް އިތުރު މައުލޫމާތު ސާފުކުރެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ