ފުރަތަމަ ކުއާޓަރުގައި މުދަލު ޒަކާތް %30 އިތުރު

މި އަހަރުގެ ފުރަތަމަ ކުއާޓަރގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނު މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 30 އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ.
މޯލްޑިވްސް ޒަކާތު ހައުސްއިން އާންމުކޮށްފައިވާ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓަރގައި މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 45.3 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ، 2025ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ލިބުނު 34.8 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 30.1 އިންސައްތައިގެ ކުރިއެރުމެކެވެ.
ވޭތުވެދިޔަ ތިން އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މުދަލު ޒަކާތުގެ ގޮތުގައި ލިބޭ މިންވަރު ދަނީ އިތުރުވަމުންނެވެ. އެގޮތުން 2024ވަނަ އަހަރު 23.56 މިލިއަން ރުފިޔާ ލިބިފައިވާއިރު، 2025ވަނަ އަހަރު މި އަދަދު ވަނީ 34.85 މިލިއަން ރުފިޔާއަށް އަރާފައެވެ.
މޯލްޑިވްސް ޒަކާތު ހައުސްއިން ވިދާޅުވީ، މި ކުއާޓަރުގެ 3 މަހަށް ވަކިން ބަލައިލާއިރު، ކޮންމެ މަހަކު ވެސް މުދަލު ޒަކާތުގެ ގޮތުގައި ލިބުނު މިންވަރު ދަނީ އިތުރުވަމުންނެވެ. އެގޮތުން އެންމެ ގިނައިން ޒަކާތް ލިބިފައިވަނީ، މާރިޗު މަހުގައެވެ.
ޒަކާތު ހައުސްއިން އާންމުކުރި ރިޕޯޓުގައި، އިޖުތިމާއީ އަދި ދީނީ ކަންކަމަށް ޒަކާތު ފަންޑުން ފައިސާ ހޭދަކުރި ގޮތުގެ ތަފްސީލުވެސް ވަނީ ހިމަނައިފައެވެ. އެގޮތުން ބޭސްފަރުވާގެ އެހީއާއި، އަސާސީ ބޭނުންތަކާއި، ރަމަޟާން މަހުގެ އެހީއާއި، ޤުރްއާން ހިތުދަސް ކުރުމުގެ ޕްރޮގްރާމްތަކާއި، ތަޢުލީމީ އެހީގެ އިތުރުން އިޖުތިމާއީ ތަރައްޤީގެ މަޝްރޫޢުތަކަށް ޖުމުލަ 13.3 މިލިޔަން ރުފިޔާ ހޭދަކޮށްފައިވެއެވެ.
މީގެތެރެއިން އެންމެ ބޮޑު ބައެއް ހޭދަކޮށްފައިވަނީ، ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައިވާ ފަރާތްތަކަށެވެ. އެއީ، ގާތްގަނޑަކަށް 6.69 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ފީސަބީލިﷲ ބަޔަށް 5.5 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، ޒަކާތު އާމިލުންނަށް 815,000 ރުފިޔާ އަދި އިބްނުއްސަބީލް ބަޔަށް 363,000 ރުފިޔާ ހޭދަކޮށްފައިވެއެވެ.
ޒަކާތުގެ ފައިސާ ދެމެހެއްޓެނިވި ގޮތެއްގައި އިތުރު ކުރުމަށްޓަކައި، ޖުމްލަ 41,078,781.90 ރުފިޔާ އިންވެސްޓުކޮށްފައިވާކަން ވެސް މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ، "ދާރުއްސަލާމް" އާއި "ދާރުލްއަރުޤަމް" ވަޤުފު އިމާރާތްތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުތަކެވެ.
މުދަލު ޒަކާތުގެ އާމްދަނީއަށް ލިބުނު މި ބޮޑު ކުރިއެރުމަކީ، އާންމުންގެ ހޭލުންތެރިކަމާއި، ދީނީ ވާޖިބު އަދާކުރުމަށް އޮތް ޝައުޤުވެރިކަން ހާމަކޮށްދޭ ކަމެއް ކަމަށް ޒަކާތު ހައުސްއިން ވިދާޅުވިއެވެ. އަދި މިއީ ރާއްޖޭގެ އިޖުތިމާޢީ ދުޅަހެޔޮކަމާއި، މުޖުތަމައު ތަރައްޤީ ކުރުމުގައި ޒަކާތުގެ މުހިންމު ދައުރު އިތުރަށް ވަރުގަދަ ވެގެންދާނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ