ރައީސްގެ ހާއްސަ ސްކޮލާޝިޕަށް ކުރިމަތިލާން ހުޅުވާލައިފި

މިދިޔަ އަހަރު މަތީ ސާނަވީ އިމްތިހާނު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން، ރައީސް ދެއްވާ ހާއްސަ ސްކޮލާޝިޕް ނުވަތަ ޕްރެޒިޑެންޝިއަލް ސްކޮލާޝިޕަށް ޝަރުތުހަމަވާ ދަރިވަރުން އެ ސްކޮލާޝިޕަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވައިލައިފިއެވެ.
މި ސްކޮލާޝިޕް ލިބޭ ދަރިވަރުން ކިޔަވަން ބޭނުން ދާއިރާއަކުން ބޭނުން ގައުމެއްގައި ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމުގެ ހަރަދު، ސަރުކާރުން ހަމަޖައްސައިދޭނެއެވެ. ޕްރެޒިޑެންޝިއަލް ސްކޮލާޝިޕްގެ އިތުރުން ހައި އެޗީވާސް ސޮކްލާޝިޕަށްވެސް ކުރިމަތިލުމުގެ ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ.
ޕްރެޒިޑެންޝިއަލް ސްކޮލާޝިޕް ލިބޭނީ ޝަހާދާ ސާނަވިއްޔާ އިމްތިހާނުގައި ކިޔެވި ސްޓްރީމްގައި ކިޔަވަން ޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅައިފައިވާ ހުރިހާ މާއްދާއަކުން އޭ ސްޓާ ހޯދާފައިވުމާއެކު އެޗްއެސްސީގެ ދިވެހި މާއްދާއިން އޭ ސްޓާ ހޯދާފައިވާ ދަރިވަރުންނަށެވެ.
މި ސްކޮލާޝިޕަށް ކުރިމަތިލުމުގެ ސުންގަޑިއަކީ ސެޕްޓެމްބަރު 30، 2027 ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި މި ފުރުސަތުގެ ބޭނުން ހިފައި ކިޔަވަން ފަށަން ލާޒިމުކުރާތީ، ވީ އެންމެ އަވަހަށް ދަރިވަރުން މިކަން ކުރިއަށް ގެންދިއުމަށް އެދިފައެވެ.
ރައީސްގެ ސްކޮލާޝިޕް ލިބޭ ދަރިވަރުން ބޭނުންދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ސަރުކާރުން ވަނީ ފަހިކޮށްދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ