ގަޒުފްގެ މައްސަލަ ތަހުގީގުކުރަނީ ރައީސް އަންގަވައިގެންނެއް ނޫން، ޕީޖީ އަންގައިން: ތަރުޖަމާނު

ރައީސް މުހައްމަދު މުއިއްޒަށް ތުހުމަތުތަކެއްކޮށް 'އަދަދު' ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީގެ މައްސަލަ ފުލުހުން ތަހުގީގުކުރަނީ އެމަނިކުފާނު އަންގަވައިގެން ނުވަތަ ހުށަހަޅުއްވައިގެން ނޫން ކަމަށާއި އެއީ ޕްރެސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ އެންގުމަށް ކުރާ ތަހުގީގެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިދިޔަ ހޯމަދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ތުހުމަތުތަކާ ގުޅޭ ގޮތުން 'އަދަދު'ން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވަނީ އެ ޑޮކުމެންޓްރީގައި ހުރި ވާހަކަތައް ދޮގުކުރައްވައިފަ އެވެ. އޭގެ ފަހުން، ކޯޓު އަމުރެއްގެ ދަށުން އެ ނޫހުގެ އޮފީސް ބަލާ ފާސްކޮށް އެތަނުގެ ދެ ވެރިޔެއްގެ ޕާސްޕޯޓު ވެސް ހިފެހެއްޓި އެވެ.
މިއަދު ޓީވީއެމްގެ ސްޓޫޑިއޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މައްސަލައާ ގުޅޭ ގޮތުން ބައެއް ނޫސްވެރިން ވަނީ ތަރުޖަމާނާ ސުވާލު ކުރިމަތިކޮށްފަ އެވެ.
ތަފްސީލު - އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ ގާނޫނުތަކުގައިވާ ގޮތުން ޖިނާއީ ތަހުގީގެއް ހިންގަން ފުލުހުންގެ މައްޗަށް އަމުރުކޮށްދިނުމުގެ ބާރު ޕީޖީއަށް އޮންނަ ކަމަށެވެ. އެގޮތުގެ މަތިން އެއީ ޕީޖީ އޮފީހުގެ އެނގުމަށް ކުރާ ތަހުގީގެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ހިނގަމުންދާ އިންވެސްޓިގޭޝަންއަކީ، ރައީސް އަންގަވައިގެން ކުރާ ކަމެއް ނޫން. [އަދި] ސަރުކާރުން އަންގައިގެން ކުރާ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން އޭނާ ވިދާޅުވީ އެ ޑޮކިއުމެންޓްރީގެ މައްސަލަ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (މީޑިއާ ކޮންޓްރޯލް ކޮމިޝަން)އިން ވެސް ބަލަމުންދާ ކަމަށެވެ.
"އެއީ، ގަޒުފުގެ އިޝޫއެއް މިއުޅެނީ. ރާއްޖޭގެ ގާނޫނުއަސާސީން ތިބޭފުޅުންނަށް ލިބިވަޑައިގަންނަވާ ވަރަށް ފުރިހަމަ އިހްތިޔާރުތަކެއް އެބަ އޮވޭ އެއީ ނޫސްވެރިކަމަކީ އަސާސީ ހައްގެއް. ނަމަވެސް އެ ހައްގުތައް އޮންނަނީ. އިސްލާމްދީނުގެ ހުދޫދުގެ ތެރެއިން އަސާސްތަކުގެ ތެރެއިންނޭ އެކަން ކުރަންވަނީ. އެހެންވީމާ އެ އިންފާރު ހުރަސްކުރެވިފައޭ މި އޮތީ އެއީ [ފުލުހުން] އެ ކުރާ އިންވެސްޓިގޭޝަންއަކީ،" މުހައްމަދު ހުސައިން ޝަރީފް ވިދާޅުވި އެވެ.
އޭނާގެ ޖަވާބުގައި ގަޒުފްގެ މައްސަލައެއް ކަމަށް ވިދާޅުވުމުން، އެއީ ރައީސް ކުރައްވާ ތުހުމަތެއްތޯ އާއި އެ ތުހުމަތުކުރައްވަނީ ކޮން ބޭސިސްއަކުންތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ "ރައީސް ތުހުމަތެއް ނުކުރައްވާ" ކަމަށެވެ.
"ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ފުލުހުންނަށް ތަހުގީގު ކުރުމަށް އެދި ހުށަހަޅާފައި އޮތް އޮތުމާ އަދި ބްރޯޑްކާސްޓިން ކޮމިޝަނުން އެބޭފުޅުންގެ ކޮންޓެންޓާ ގުޅޭ ގޮތުން އެއީ އެ ކޮމިޝަނުން ބަލާނީ ކޮންޓެންޓާ ގުޅޭ މައްސަލަ،" އެ ދެ ކަންތައް ވެސް ފެށުނީ ރައީސް ހޯމަދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ކުރިންކަން ފާހަގަކުރައްވައި އޭނާ ވިދާޅުވި އެވެ.
މިއީ ހޯމަދުވަހު ރައީސް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރި ސުވާލާ ގުޅިގެން ހިނގި ކަންކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ މައްސަލަ ބަލަން ޕީޖީ އޮފީހަށް ވެސް ރައީސް ނާންގަވާ ކަމަށެވެ.
"މި ސްޕެސިފިކް ކޭސްގައި [ރައީސް] އަންގަވާކަށް ނުޖެހުނޭ. ކީއްވެ؟ އެއީ މި ދެންނެވިހެން ޕްރޮސެކިއުޓަ ޖެނެރަލް އިސްނަންގަވައިގެން ލިޔުން ފޮނުއްވައި، މަތިކުރައްވާފައި އޭރު ވެސް އެކަން ތަހުގީގުކޮށްދިނުމަށް،" ޑޮކިއުމެންޓްރީގެ މައްސަލަ ބަލަން ޕީޖީއަށް ރައީސް މުއިއްޒު އެންގެވިތޯ އެހުމުން ތަރުޖަމާން ވިދާޅުވި އެވެ.
ފަސް މަންޒަރު - ރައީސްއަށް ތުހުމަތުތަކެއްކޮށް 'އައިޝާ'ގެ ނަމުގައި 'އަދަދު' ނޫހުން އެ ޑޮކިއުމެންޓްރީ ގެނެސްދިނީ މިދިޔަ މަހުގެ 28ގަ އެވެ. އެ ޑޮކިއުމެންޓްރީގައި، ރައީސް އޮފީހުގައި ވަޒީފާ އަދާކުރި ކަމަށް ބުނާ އަންހެނަކު ވަނީ ކާކުކަން ނޭނގޭ ގޮތަށް ރައީސް މުއިއްޒުއާ ގުޅުވައި އަހުލާގީ ގޮތުން ދަށް ވާހަކަތަކެއް ދައްކައިފަ އެވެ. 
އެކަމަކު ޑޮކިއުމެންޓްރީއާ ބެހޭ ގޮތުން ރައީސްއާ ސީދާ ސުވާލުކުރީ މިދިއަ ހޯމަދުވަހު އެވެ. އެ ސުވާލާ ގުޅިގެން ރައީސް މުއިއްޒު ވިދާޅުވީ:
"ދޮގު ވާހަކަ ދެއްކި ހުރިހާ ފަރާތްތަކާ ދެކޮޅަށް ދައުވާކުރަން އެދެން ކަމާ ބެހޭ ހުރިހާ ފަރާތްތަކުގެ ކިބައިން."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ