ތެލުގެ އަގު 104 ޑޮލަރަށް ވުރެ މައްޗަށް

ހޮރްމުޒް ކަނޑުއޮޅި ހިމާޔަތްކުރުމަށް އެހީތެރިވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގައުމުތަކަށް ގޮވާލައްވާފައިވީ ނަމަވެސް، މެދުއިރުމަތީގެ ހަކަތައިގެ އިންފްރާސްޓްރަކްޗަރަށް އޮތް ނުރައްކާ ބޮޑުވަމުންދާތީ، އިންވެސްޓަރުން އެކަމަށް ސަމާލުކަން ދިނުމާ އެކު، ތެލުގެ އަގު މިއަދު އަނެއްކާވެސް އުފުލިއްޖެ އެވެ. 
ބްރެންޓް ކްރޫޑްގެ އަގު 1.27 ޑޮލަރު ނުވަތަ %1.2 އިތުރުވެ، ފީފާއެއްގެ އަގު 104.41 ޑޮލަރަށް ވަނީ އަރާފަ އެވެ. އަދި އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަރމީޑިއޭޓްގެ އަގު 54 ސެންޓް އިތުރުވެ 99.25 ޑޮލަރަށް ވަނީ އަރާފައެވެ.
މިއާ އެކު މި މަހު ތެލުގެ އަގު ވަނީ %40އަށް ވުރެ މައްޗަށް ގޮސްފަ އެވެ. މިއީ 2022 ވަނަ އަހަރަށް ފަހު ތެލުގެ އަގު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.
މި ބަދަލު އައިސްފައިވަނީ އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން، ހޮރްމުޒް ކަނޑުއޮޅި މެދުވެރިކޮށް ކުރާ ގިނަ ދަތުރުތައް އީރާނުން ހުއްޓާލުމާ ގުޅިގެންނެވެ. މީގެ ސަބަބުން ދުނިޔޭގެ ތެލުގެ ސަޕްލައިގެ ގާތްގަނޑަކަށް %20އަށް ވަނީ ބުރޫއަރާފަ އެވެ.
އެނަލިސްޓުން ބުނާ ގޮތުގައި، އީރާނުގެ ތެޔޮ އެކްސްޕޯޓްކުރާ މައި މަރުކަޒު ކަމަށްވާ ހާގް އައިލެންޑަށް އެމެރިކާއިން ދިން ހަމަލާތަކުގެ ސަބަބުން ތެޔޮ ލިބުމުގެ ދަތިކަން ވަނީ އިތުރުވެފަ އެވެ. އައިއެންޖީ ކޮމޯޑިޓީ ސްޓްރެޓެޖިސްޓުން ބުނި ގޮތުގައި، އީރާނުގެ ގިނަ ތެޔޮ އެކްސްޕޯޓްތައް އެ ރަށުގެ ތެރެއިން ދަތުރުކުރާތީ، ހަފްތާ ބަންދުގައި އެމެރިކާއިން ދިން ހަމަލާތަކުގެ ސަބަބުން ސަޕްލައިއާ މެދު އޮތް ކަންބޮޑުވުންތައް ވަނީ އިތުރުވެފަ އެވެ.
ޔޫއޭއީގެ ފުޖައިރާގައި ހުންނަ މައި ތެޔޮ ޓާމިނަލަކަށް އީރާނުގެ ޑްރޯން ހަމަލާތަކެއް ދިނުމާ ގުޅިގެން މަސްރަހު އިތުރަށް ގޯސްވި އެވެ. ނަމަވެސް ފަހުން އެ ތަނުގެ މަސައްކަތްތައް ވަނީ އަލުން ފަށާފަ އެވެ.
އީރާނުގެ ތެޔޮ އިންފްރާސްޓްރަކްޗަރަށް އިތުރު ހަމަލާތަކެއް ދީފާނެކަމުގެ އިންޒާރު ޓްރަމްޕް ދެއްވާފައިވާއިރު، ކަނޑުއޮޅީގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް އެހީތެރިވުމަށް އެހެން ގައުމުތަކަށް ވަނީ ބާރުއަޅުއްވާފަ އެވެ. އެނަލިސްޓުން ބުނާ ގޮތުގައި، އެމެރިކާއިން ދަނީ އެ ސަރަހައްދުގައި އަސްކަރީ އިތުރު ފިޔަވަޅުތަކެއް އެޅުމަށް ވެސް ބަލަމުންނެވެ.
ބާޒާރު ހަމައަކަށް އެޅުވުމަށްޓަކައި، ދުނިޔޭގެ ރިޒާވްތަކުން 400 މިލިއަނަށް ވުރެ ގިނަ ފީފާ ތެޔޮ ވަރަށް އަވަހަށް ބާޒާރަށް ނެރޭނެ ކަމަށް އިންޓަނޭޝަނަލް އެނާޖީ އެޖެންސީ (އައިއީއޭ)އިން ވަނީ އިއުލާނުކޮށްފަ އެވެ. މިއީ މިފަދަ ގޮތަކަށް ގައުމުތައް ގުޅިގެން އަޅާ އެންމެ ބޮޑު ފިޔަވަޅެވެ.
އަގުތަކަށް އަންނަ މި ބަދަލުތަކާ އެކު ވެސް، އެމެރިކާގެ އެނާޖީ ސެކްރެޓަރީ ކްރިސް ރައިޓް ވިދާޅުވީ ކުރިއަށް އޮތް މަދު ހަފްތާތަކެއްގެ ތެރޭގައި މި ހަމަނުޖެހުން ނިމޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އެހެން ވެއްޖެ ނަމަ ތެލުގެ ސަޕްލައި އިއާދަވެ، އަގުތައް ދަށްވުމުގެ ފުރުސަތު އޮންނާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ