ބޭންކް އޮފް މޯލްޑިވްސްއިން ވިލިމާލޭގައި އިމާރާތް ކުރާ 300 ހައުސިން ޔުނިޓުގެ މަޝްރޫޢުގެ ބިންގާ އަޅައިފިއެވެ.
ވިލިމާލޭގައި 300 ހައުސިން ޔުނިޓު ތަރައްޤީ ކުރުމުގެ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާނުކުރެއްވީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވިލިމާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.
ވިލިމާލޭ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަނިކުފާނު ރިޔާސީ އިންތިޚާބުގައި ވެފައިވާ ވަޢުދުތަކުގެ މަތީން ހަނދާން ނުނެތޭ ކަމަށް ވިދާޅުވެފައެވެ.
އަދި ވިލިމާލޭގެ ރައްޔިތުންނަށް ވެފައިވާ ވައުދުތަކުގެ ތެރެއިން ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލު ކުރުމަކީ ވެވަޑައިގެންނެވި ވައުދެއްކަން ފާހަގަކުރައްވާ، ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލު ކުރުމަށްޓަކައި 300 ހައުސިން ޔުނިޓުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ވިލިމާލޭގައި ތަރައްޤީކުރާ 300 ހައުސިން ޔުނިޓު އެޅުމަށް ޙަވާލުކޮށްފައިވަނީ، ރަޝީދު ކާޕެންޓަރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫޢުގެ ދަށުން އެޅުމަށް ހަމަޖެހިފައިވަނީ 17 ފަންގިފިލާގެ 3 ޓަވަރެވެ. މި މަޝްރޫޢަކީ، ވިލިމާލޭގައި އިތުރުވަމުންދާ އާބާދީއަށް ވަރަށް މުހިންމު މަސައްކަތެއް ކަމަށް ސަރުކާރުން ޤަބޫލު ކުރައްވައެވެ.
އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ކުއްޔަކާ ނުލައި ދީފައިވާ ބިމުގައި އިމާރާތް ކުރާ މިޔުނިޓްތަކުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭ ނިންމައިލެވޭނެ ކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ވިލިމާލެ 300 ހައުސިން ޔުނިޓުގެ އެފޯޑަބަލް ހައުސިން މަޝްރޫޢުގެ ބިންގާ އެޅުމަށް ވިލިމާލޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައިސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބާއި, ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ބީއެމްއެލްގެ ޗެއަޕަރސަން އަޙްމަދު އަލީ ހަބީބާއި، ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފާއި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގެ އެމްޑީ ޙަސަން ޝާމްއާއި، އާރްސީސީގެ ޗެއާމަން ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމްވެސް މިރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ، އައިއެންއޭއެޗުގެ ދަށުން ކަނޑައަޅާފައިވާ މަޤުސަދު ޙާސިލް ކުރުމަށް ބޭންކް އޮފް މޯލްޑިވްސްއިން އުފެއްދި ސަބްސިޑިއަރީ ކުންފުނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީއިން ޖުމުލަ 3260 ހައުސިންގ ޔުނިޓް ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ.
ހައުސިން ޔުނިޓް ތަރައްޤީ ކުރުމުގެ މަޝްރޫޢު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ވިލިމާލެއާއި، ހުޅުމާލެ ފޭސް 1 އަދި ފޭސް 2ގައެވެ. އެއީ، ވިލިމާލޭގައި 300 ހައުސިން ޔުނިޓް އަދި ހުޅުމާލޭގެ ދެ ފިޔަވަހީގައި ޖުމުލަ 2700 ހައުސިން ޔުނިޓެވެ.
ބީއެމްއެލްއިން ވިލިމާލޭގައި އަޅާ 300 ހައުސިން ޔުނިޓުގެ ބިންގާ އަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ