އެމްޓީސީސީގެ ވަޒީފާއެއް ލިބުނު ކަމަށް ފެތުރުނު އަޑުތަކާ ގުޅިގެން ނިއުމާއަށް 1500 ކޯލާއި 400 މެސެޖު!
ކުރީގެ މަޝްހޫރު ފިލްމީ ތަރި ނިއުމާ މުޙައްމަދަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވަޒީފާއެއް ހަމަޖައްސައިދިން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރުނު ވާހަކަތަކާ ގުޅިގެން، އޭނާއަށް 1500 އަށްވުރެ ގިނަ ކޯލާއި 400 އަށްވުރެ ގިނަ މެސެޖު ލިބިއްޖެ ކަމަށް އޭނާ ބުނެފިއެވެ. އޭނާ ބުނީ މިކަމާ ގުޅިގެން އުނދަގޫތަކާ ކުރިމަތިވެ، އެންމެ ފަހުން އޭނާގެ ފޯނު ނަންބަރުގެ ޚިދުމަތްވެސް ވަނީ ކަނޑާލާފައި ކަމަށެވެ. ފޭސްބުކްގައި މިއަދު ކުރި ޕޯސްޓެއްގައި ނިއުމާ ވަނީ މިކަމުގެ ސަބަބުން އޭނާއަށް ލިބުނު ގެއްލުމުގެ ޒިންމާ އެމްޓީސީސީގެ އިސްވެރިން ނަގަން ޖެހޭނެ ކަމަށް ބުނެފައެވެ. އޭނާ ތުހުމަތުކުރާ ގޮތުގައި މި ޚަބަރު ފަތުރާފައިވަނީ އެ ކުންފުނީގެ މުވައްޒަފެކެވެ. “އެމްޓީސީސީގެ އެމްޕްލޯއީއަކާ ހެދި މަށަށް މިވީ ގެއްލުމާ މީހުން ސޯޝަލް މީޑިއާ މިކިޔާ ހަޑި ހުތުރު އެއްޗެހީގެ ޒިންމާ އެމްޓީސީސީގެ ބޮޑުން އެބަޖެހޭ ނަގަން. އިއްޔެއިން ފެށިގެން މިވަގުތާ ހަމައަށް 1500 އަށްވުރެ ގިނަ ކޯލު ލިބި 400 އަށްވުރެ ގިނަ މެސެޖު ވަނީ ލިބިފަ. އެންމެ ފަހުން ނަންބަރުގެ ޚިދުމަތްވެސް ޖެހުނީ ކަނޑާލަން،” ނިއުމާގެ ޕޯސްޓުގައި ލިޔެފައިވެއެވެ. ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ވަނީ ނިއުމާއަށް މަސައްކަތަށް ނުގޮސް 40،000 ރުފިޔާގެ މުސާރައެއް ލިބޭ ވަޒީފާއެއް ހަމަޖައްސާފައިވާ ކަމަށް ބުނެ ފާޑުކިޔާފައެވެ. މިކަމަށް ރައްދުދެމުން ނިއުމާ ބުނީ، ހަގީގަތް ނުބަލައި މީހުން ވާހަކަދައްކަމުންދާ ކަމަށެވެ. “ތަނެއް ދޮރެއް ބަލާލުމެއް ނެތި މީހުން ސޯޝަލް މީޑިއާގަ ރޮލާ ކާލަނީ މަށަކަށް ނުދޭ 40،000 ރުފިޔާގެ މުސާރަ ލިބޭ ވަޒީފާއެއް. މަގޭ ހިތަށް އަރާ ހުވާ މިވަރު މުސާރައެއް ދީފަ މަ ގޭގަ ބަހައްޓާނެ ނަމައޭ،” ނިއުމާ ލިޔެފައިވެއެވެ. ސަރުކާރުގެ ކުންފުނިތަކުން ސިޔާސީ ބޭނުމަށް ނުވަތަ ނުފޫޒުގަދަ ފަރާތްތަކަށް ބޮޑު މުސާރަ ލިބޭ ވަޒީފާތައް ދޭކަމުގެ ތުހުމަތުތަކަކީ އާންމުކޮށް ސޯޝަލް މީޑިއާގައި ފެންމަތިވާ މައްސަލައެކެވެ. ނަމަވެސް މިހާތަނަށް އެމްޓީސީސީން ނިއުމާގެ މި ތުހުމަތުތަކާ ގުޅިގެން ރަސްމީކޮށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ