ދެ އިންތިހާބު އެއްކޮށްލައިފި ނަމަ މަޖިލީހާ އެކު ގައުމުގެ މުޅި ނިޒާމު ހުސްކަމަކަށް ދާނެ: ޔާމީން

ރައްޔިތުންގެ މަޖިލީހާއި ރިޔާސީ ދައުރު އެކުއެކީގައި ފެށި އަދި ނިމޭ ނަމަ ގައުމު ބޮޑު ނުރައްކަލަކަށް ދާނެ ކަމަށާއި އޭރުން މަޖިލީހާ އެކު ގައުމުގެ މުޅި ނިޒާމު ވެސް ހުސްކަމަކަށް ދާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލަން އަންނަ މަހުގެ 4ގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގަން ރައީސް މުހައްމަދު މުއިއްޒުގެ ގަރާރަކުން ވަނީ އަންގަވައިފަ އެވެ.
މި ވޯޓުގައި ދެ އިންތިހާބު އެއްކޮށްލަން ރައްޔިތުން އާނއެކޭ ބުނެފި ނަމަ 2029ގައި އޮންނަން ޖެހޭ މަޖިލިސް އިންތިހާބު ބާއްވަން ޖެހޭނީ، 2028ގެ ރިޔާސީ އިންތިހާބާ އެކު އެވެ.
ދެ އިންތިހާބު އެއްކޮށްލަން މަޖިލީހުން ފާސްކުރި އިސްލާހުގައި ވާ ގޮތުން، ރައްޔިތުންގެ ތާއީދު އެކަަމަށް ލިބިއްޖެ ނަމަ ރައީސް އެ ބިލު ތަސްދީގުކުރެއްވުމުން، މަޖިލީހުގެ އުމުރު ފެށޭނީ މެއި މަހުގެ ބަދަލުގައި 1 ޑިސެމްބަރުން ފަސް އަހަރުދުވަހަށެވެ. އެ މުއްދަތު ހަމަވުމުން މަޖިލިސް އުވުނީ އެވެ.
ބުނީ ކީކޭ؟ - އާޓިފިޝަލް ބީޗުގައި ޕީއެންއެފްއިން މިރޭ ބޭއްވި 'ޗަގޯސް' ޖަލްސާގައި ޔާމީން ވިދާޅުވީ ގައުމުގެ އެންމެ މުހިންމު ބަޔަކީ ވެރިމީހާ ޖަވާބުދާރީ ކުރުވަން އޮތް ރައްޔިތުންގެ މަޖިލިސް ކަމަށެވެ. ރާއްޖޭގައި ދައުލަތް ހިންގަމުން އަންނަ ރިޔާސީ ނިޒާމު ތަރުތީބުވެފައި އޮތް ގޮތުން ރައްޔިތުންގެ މަޖިލީހުގެ ހުއްދަ ނުލިބި ރައީސްއަށް އެއްވެސް ކަމެއް ކުރުމުގެ ބާރު ނޯންނާނެކަން ވެސް ފާހަގަކުރެއްވި އެވެ.
"އެހެންވީމާ ރައީސުލްޖުމްހޫރިއްޔާ ނެތް ހާލަތުގައި ވެސް، މަޖިލީހެއް ގައުމުގައި އޮންނަން ޖެހޭ. ދައުރު ހުސްނުވެ އޮންނަ މަޖިލީހެއް ނޯންނާނެ ހާލަތެއް މެދުވެރިކުރާ ހާލަތެއް މިއީ. އެއީ ނޫނެކޭ ބުނަން ޖެހޭ ސަބަބު،" ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމަކީ ހަދާ ވަރަށް ބޮޑު ގޯހެއް ކަމަށާއި އެއީ އެއްގޮތަކަށް ވެސް ތާއީދުކުރާ ކަމެއް ނޫން ކަމަށެވެ. އޭރުން ކަމެއް ދިމާވާ ހާލަތުގައި ބަހެއް އަހާލަން ޖެހޭނެ ބަޔަކު ވެސް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
"ރައީސުލްޖުމްހޫރިއްޔާގެ ދައުރު ހުސްވެގެންދާއިރު މަޖިލީހެއް އޮންނަން ޖެހޭ. ސަބަބަކީ އަދިވެސް ފަހު ނޭވާ ލަންދެން ވެސް ނޫނީ ސަންދޯކުގެ އެންމެ ފަހުގެ މޮހޮރު ޖަހަންދެން ވެސް ރައީސް ރައްޔިތުންނަށްޓަކައި އެކުރާ ކަމަކީ ގާނޫނުގެ ތެރެއިން ރައްޔިތުންގެ މަސްލަހަތަށް ކުރާ ކަމެއްތޯ ބެލުމަށް އޮންނަ ހަމައެކަނި ބާރަކީ، ގާނޫނީ ފަރުވާއަކީ މަޖިލިސް. [އެއީ] ޖުޑިޝަރީއެއް ވެސް ނޫން. ރައީސްގެ ދައުރާއި، މަޖިލީހުގެ އުމުރު ތަފާތުކޮށް އޮންނަން ޖެހޭ ސަބަބަކީ އެއީ،" ޔާމީން ވިދާޅުވި އެވެ.
ކުރީގެ ރައީސް ވިދާޅުވީ އެއްވެސް ބައެއްގެ އަތަށް ހުރިހާ ބާރުތަކެއް ދީފި ނަމަ އެ ހުރިހާ ބާރެއް ކޮރަޕްޓުކުރެވޭނެ ކަމަށެވެ. އެހެންކަމުން މަޖިލީހާއި ރިޔާސީ ދައުރު އެކުއެކީގައި ފެށި އަދި ނިމުމަކީ ގައުމަށް ދިމާވާނެ ބޮޑު ނުރައްކަލެއް ކަމަށް ޔާމީން ވިދާޅުވި އެވެ.
"އެއީ [އޭރުން] މިދެންނެވި ކަހަލަ ބައިވަރު ގާނޫނީ މައްސަލަތަކުގެ އިތުރަށް، އޭގެ ޒާތުގައި ވެސް ގާނޫނުއަސާސީއާ ގައުމުގެ މަސްލަހަތު ދަމަހައްޓައިދޭނެ އެއްވެސް ފަރާތެއް ނެތި ގައުމުގެ މުޅި ނިޒާމު ހުސްކަމެއްގެ ތެރެއަށް ދަނީ،" ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ދެ ވޯޓު އެއްކުރާއިރު އެކަން ކުރަން ޖެހޭ ސަބަބު ސާފުކޮށް ރައްޔިތުންނަށް ކިޔައިދޭން ޖެހޭނެ ކަމަށެވެ. އެކަމަށް މަޝްވަރާކޮށް ހިޔާލު ބަދަލުކުރަން އެކަށީގެންވާ ވަގުތު ވެސް ދޭން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
ޔާމީން ވިދާޅުވި ގޮތުގައި ދެ އިންތިހާބު އެއްކޮށްލަން ޖެހޭ ސަބަބަކީ ދައުލަތުގެ ހަރަދުތައް ކުޑަކުރުން ކަމަށް ބުނާ ނަމަ ސަރުކާރުން އެ ހަދަނީ ބުހުތާނު ދޮގެކެވެ.
ދެ އިންތިހާބު އެއްކޮށްލުން ފަދަ ބޮޑު ކަމެއް ކުރާއިރު ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ބަހަނާއަށް ވުރެ އެކަށީގެންވާ ސަބަބެއް ރައީސް މުއިއްޒު ވިދާޅުވާން ޖެހޭނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. އެކަމަކު އެވަރުގެ ސަބަބެއް މިހާތަނަށް ސަރުކާރަށް ބުނެނުދެވޭކަން ފާހަގަކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ