އިންތިހާބާ ދިމާކޮށް އާރްޑީސީން ޕްރޮމޯޝަން ދޭ މައްސަލަ މަޖިލީހަށް ހުށަހަޅައިފި އިންތިހާބާ ދިމާކޮށް އާރްޑީސީން ޕްރޮމޯޝަން ދޭ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓު (ރެފެރެންޑަމް) އާ ދިމާކޮށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ޕްރޮމޯޝަން ދެމުންދާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަ ޕްރައިސަސް (އެސްއޯއީ) ކޮމިޓީއަށް މިއަދު ހުށަހަޅައިފި އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ހުށަހެޅުއްވި އެ މައްސަލައިގައި ބުނެފައި ވަނީ އާރްޑިސީން ހަމައެއް ލަމައެއް ނެތި ޕްރޮމޯޝަންތައް ދޭ މައްސަލައިގައި މައުލޫމާތުތައް ހޯދުމަށް އެދޭ ކަމަށެވެ.
މީކާއިލް ހޯދަން އެދުނު މައުލޫމާތުގެ ތެރޭގައި އާރްޑީސީގެ އެޗްއާރް ޕޮލިސީ އާއި އޯގަނައިޒޭޝަން ސްޓްރަކްޗާ، މޭން ޕަވާގެ ތަފްސީލް، ޖޮބް ކްލެސިފިކޭޝަން ފްރޭމްވޯކް، ބަޖެޓުގެ ތަފްސީލް، ޕްރޮމޯޝަން އަދި ހެޑް ހަންޓް، ކުރީގެ އާރްޑީސީ މުވައްޒަފުންގެ ރެކޯޑު، އެމްޑީސް ބިއުރޯ ޑިވިޝަންގެ މުވައްޒަފުންގެ ތަފްސީލް ހިމެނެ އެވެ.
މީގެއިތުރުން އޭނާ ހޯދުމަށް އެދިފައިވަނީ ހެޑް އޮފް ޑިޕާޓްމަންޓް އަދި ސެކްޝަން ހެޑުންގެ ތަފްސީލާއި މުވައްޒަފުންނާއި ޕްރޮމޯޝަންގެ ތަފްސީލާއި، އިންފޮމޭޝަން އޮފިސަރާއި ރިސްކް މެނޭޖްމަންޓްގެ ތަފްސީލާއި، ކޮމިޓީތަކާއި ބޯޑުގެ ނިންމުންތަކުގެ އިތުރުން އޮޑިޓް ރިޕޯޓުތަކެވެ.
މީކާއިލް އެދިފައިވަނީ މިކަމާ ގުޅޭ މައްސަލަ މަޖިލީހުގެ އެސްއޯއީ ކޮމިޓީން ބަލައި ދިނުމަަށާއި އަދި ވީހައިވެސް އަވަހަށް ކޮމިޓީގެ ބައްދަލުވުމެއް ތާވަލުކޮށްދިނުމަށެވެ.
އިންތިހާބު ބޯމަތިވެފައި އޮއްވާ އާރްޑިސީއަށް 142 މުވައްޒަފުން ނަގަން މާޗު 14، ގައި އިއުލާންކޮށްފައިވެ އެވެ.
އާރްޑީސީ އިން އިއުލާނު ކުރީ ހަ ރަށެއްގެ ރަށު ސައިޓަށް މުވައްޒަފުން ހޯދުމަށެވެ. އެއީ އއ. ރަސްދޫއަށް 42 މުވައްޒަފުންނަށް ހއ. އުލިގަމަށް 50 މުވައްޒަފުންނާއި ކ. ކާށިދޫއަށް 24 މުވައްޒަފުންނާއި ޅ. ނައިފަރަށް 12 މުވައްޒަފުންނާއި ތ. މަޑިފުއްޓަށް 13 މުވައްޒަފުން އަދި ޅ. ހިންނަވަރަށް އެއް މުވައްޒަފެވެ.
ރައޯސް މުހައްމަދު މުއިއްޒުގެ ރިޔާސީ ދައުރު ދެބައިވުމާ ގާތްވެފައި އޮއްވާ ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވަން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އިދިކޮޅުން ދަނީ ތުހުމަތު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ