ބައިބަލާ މައިދާނުގައި ރޭ ހަމަނުޖެހުން ހިންގީ ޓީސީއާ އެއްވެސް ގުޅުމެއް ނެތް މީހެއް ކަމަށާ އެ މީހާގެ އެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް އެ ކުލަބުން ބުނެފި އެވެ.
ބައިބަލާ މައިދާނުގައި ރޭ ހަމަނުޖެހުން ހިނގީ ޓީސީގެ މެޗެއް ކުރިއަށް ދަނިކޮށެވެ. އަދި އަވަގުރާނަގޮވާ މޫނު ބުރުގާ އަޅައިގެން ހުރި މީހަކަށް ހަމަލާދީ ހަމަނުޖެހުން އުފެދީ ޓީސީގެ ސަޕޯޓަރުން ތިބި ސަރަހައްދުގައި ހުރި މީހެކެވެ. އެެހެން ކަމުން ބައެއް މީހުން ދަނީ ކަމުގެ ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ދައްކަމުންނެވެ.
ޓީސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ރޭގެ ހަމަނުޖެހުމަކީ މެޗާ އެއްވެސް ގުޅުމެއް ނެތް ކަމެއް ކަމަށެވެ. އަދި އެ ކުލަބުގެ ސަޕޯޓަރުންގެ ބެންޗުގެ އެންމެ މަތީގައި އިން މީހަކު މަސްތުގެ ހާލުގައި ހުރެ އަވަގުރާނަ ގޮވާ ހެދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އޭނާ އެކަން ކުރީ ޓީސީގެ ކުޅުންތެރީންގެ އަނބީންނާއި އާއިލާތައް އެތަނުގައި ތިއްބާ ކަމަށާ އެ މީހަކީ ޓީސީއާ އެއްވެސް ގުޅުމެއް އޮތް މީހެއް ނޫން ކަމަށެވެ. އެއީ މިދިޔަ އަހަރުގެ މުބާރާތުގެ ތެރޭގައި ވެސް ހަމަނުޖެހުން ހިންގައިގެން ސަސްޕެންޑް ކޮށްފައިވާ މީހެކެވެ.
އެ މީހާ ވަނީ މޫނު އަޅައިގެން ހުރި އުޚުތެއްގެ ކަރާމާތަށް ވެސް އަރައިގެންފަ އެވެ. ޓީސީން ބުނީ މި އަމަލަކީ ކުޅިވަރުގެ މައިދާނެއްގައި ވެސް އަދި އެހެން މައިދާނެއްގައި ވެސް ހިނގިގެންވާނެ އަމަލެއް ނޫން ކަމަށެވެ.
މާރާމާރީގެ ކުލަބުގެ އެއްވެސް މެންބަރަކު ބައިވެރިވިތޯ ބަލަމުންދާ ކަމަށާ އެފަދަ ކަމެއް ފާހަގަ ކުރެވިއްޖެނަމަ ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުންޏެވެ. އަދި ހަގީގަތެއް ނެތް ވާހަކަތައް ނުފެތުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
ރޭގެ މެޗުގައި ރެފްރީގެ ބައެއް ނިންމުންތަކާމެދު ހިތްހަމަނުޖެހުން އޮތް ނަމަވެސް އެކަން ކުޅިވަރުގެ ދަނޑުން ބޭރަށް ނުގެންދާނެ ކަމުގެ ޔަގީންކަން ޓީސީން ވަނީ ދީފަ އެވެ. އަދި ވާދަވެރި ޓީމާ އެއްވެސް މައްސަލައެއް ނެތް ކަމުގެ ޔަގީންކަން ވެސް ދީފައިވެ އެވެ.
ބައިބަލާއަކީ ދިވެހި ސަގާފަތާ ގުޅިފައިވާ މުހިންމު ކުޅިވަރެއްކަން ފާހަގަކޮށް ޓީސީން ވަނީ އެރީނާގެ ބޭރުން ހިންގާ މިފަދަ ކަންކަން ވަގުތުން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ވެސް ގޮވާލާފަ އެވެ.
ބައިބަލާ މައިދާނުގައި ހަމަނުޖެހުން ހިންގީ ޓީސީއާ އެއްވެސް ގުޅުމެއް ނެތް މީހެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ