ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ވިލިމާލޭގައި އިމާރާތްކުރުމަށް ނިންމި 300 ހައުސިން ޔުނިޓްގެ ބިންގާ މިރޭ އަޅައިފިއެވެ.
މިކަމަށްޓަކައި މިރޭ ވިލިމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އިތުރުން ހައުސިން މިނިސްޓަރު ޢަބްދުﷲ މުއްތަލިބާއި، ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ޝަރީފްގެ އިތުރުންވެސް ކަމާ ބެހޭ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ބީއެމްއެލްގެ 300 ހައުސިން ޔުނައިޓްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން... ފޮޓޯ: ރައީސް އޮފީސް
ވިލިމާލޭގައި އިމާރާތްކުރާ މި 300 ހައުސިން ޔުނިޓް ކުރިއަށްގެންދަނީ، ބޭންކް އޮފް މޯލްޑިވްސްގެ ސަބްސިޑިއަރީ ކުންފުނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގެ ދަށުންނެވެ. މި މަޝްރޫޢުއަށް ބީއެމްއެލުން ފައިނޭންސް ކުރާއިރު، މަޝްރޫޢުގެ ކޮންޓްރެކްޓަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާއެވެ.
ބީއެމްއެލްގެ 300 ހައުސިން ޔުނައިޓްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން... ފޮޓޯ: ރައީސް އޮފީސް
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، މި މަޝްރޫޢުގެ ސަބަބުން ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދިއުމަށް މަގުފަހިވެގެން ދާނޭކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން ރައްޔިތުންނަށް އަތް ފޯރާ ފަދަ އަގެއްގައި ބޯހިޔާވަހިކަން ލިބިގެންދާނޭކަމަށް ޝަރީފް ވިދާޅުވިއެވެ.
ބީއެމްއެލްސީއީއޯ
ވިލިމާލޭގައި 300 ހައުސިން ހައުސިން ޔުނިޓް ތަރައްޤީކުރާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ އެ އަވަށަށް ވަޑައިގެން ރައްޔިތުންނާ ވާހަކަދައްކަވަމުން ވިދާޅުވެފައެވެ. މި މަޝްރޫޢު އިއުލާނުކުރައްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައި ވިލިމާލޭގައެވެ.
ބީއެމްއެލުން ވިލިމާލޭގައި ތަރައްޤީކުރާ މި 300 ހައުސިން ޔުނިޓް ހުންނާނީ، 17 ފަންގިފިލާގެ މައްޗަށް ބިނާކުރާ ތިން ޓަވަރެއްގައެވެ. މި މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭގައި ނިންމާލެވޭނޭކަމަށް ބީއެމްއެލުން ވަނީ ބުނެފައެވެ.
ބީއެމްއެލްގެ އެފޯޑަބަލް ހޯމް ލީސިން ކުންފުނިން ޖުމްލަ އެފޯޑަބަލް ހައުސިންގެ 5 މަޝްރޫޢުއެއް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫޢުތައް އިފްތިތާހްކޮށްފައިވަނީ، މިއަހަރުގެ ޖެނުއަރީމަހުގެ ތެރޭގައެވެ. ބީއެމްއެލުން ބުނެފައިވަނީ، މި މަޝްރޫޢުތައް ނިމުމުން ހުޅުމާލެ ފޭސް އެކެއް، ފޭއް 3 އަދި ވިލިމާލޭގައި 3،200 އަށްވުރެ ގިނަ ހައުސިން ޔުނިޓް ކުލިދައްކައި ހަލާސްކުރުމުން މިލްކުވާގޮތަށް ނިސްބަތުން ކުޑަ ކުއްޔަކަށް ދޫކުރާނޭކަމަށެވެ. މިއީ ރާއްޖޭގައި ގެދޮރު ހޯދުމުގައި އޮތް ޑިމާންޑަށް އެކަށީގެންވާ ލުޔެއް ގެނެސްދޭނެ މަޝްރޫޢު ތަކެއްކަމަށް ބީއެމްއެލުން ބުނެއެވެ.
ޤައުމީ ބޭންކުން ވިލިމާލޭގައި އިމާރާތްކުރާ 300 ހައުސިން ޔުނިޓްގެ ބިންގާ އަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ