4 ކާރުގައި ސައިކަލު ޖެހުމުން ފިލި ޑްރައިވަރަކު ހޯދަނީ

ދުއްވާފައި ދިޔަ ސައިކަލެއް، ޕާކުކޮށްފައި އޮތް ހަތަރު ކާރުގައި ޖެހި އެކްސިޑެންޓު ވުމުން، ސައިކަލު ދޫކޮށް ފިލި ޑްރައިވަރު ފުލުހުން ހޯދަން ފަށައިފިއެވެ. ފުލުހުން ބުނީ މި ހާދިސާ ހިނގީ ހުޅުމާލެ ފޭސް ދޭއްގެ ބެރެންބެދިމާ ހިނގުމުގެ އެއްވަނަ ގޯޅިން، ދެކުނުން އުތުރަށް ދުއްވާފައިދިޔަ ސައިކަލެއް އެ މަގުގައި ޕާކުކޮށްފައި ހުރި ކާރުތަކެއްގައި ޖެހުމުން ކަމަށެވެ. އަދި ސައިކަލު ދުއްވަން އިން ޑްރައިވަރު މަޑުނުކޮށް ސައިކަލު ދޫކޮށް ފިލާފައިވާ މައްސަލަ މިއަދުގެ ހެނދުނު 06:27 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ ސައިކަލު ދުއްވަން އިން މީހާ އެކްސިޑެންޓަށް ފަހު މަޑުނުކޮށް ފިލި ނަމަވެސް ސައިކަލުގެ ފަހަތުގައި އިން މީހާ ސީން ގައި ހުރި ކަމަށެވެ. އަދި އޭނާއާ ސުވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ވަނީ މި ހާދިސާގައި ސައިކުލައިގެ ފަހަތުގައި އިނީ 21 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާގެ ތުންފަތް ފަޅައިގެން ގޮސް ގައިގެ އެކި ތަންތަން މަށައިގެން ދިއުން ފަދަ އަނިޔާ ލިބިފައިވާ ކަމަށް ބުނެފައެވެ. އަދި މި އެކްސިޑެންޓްގައި ޕާކުކޮށްފައި އޮތް ހަތަރު ކާރަކަށާއި އެކްސިޑެންޓްވި ސައިކަލަށް އެކިވަރުގެ ގެއްލުންތައް ވެފައިވާ ކަމަށް ވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. ފުލުހުން ބުނި ގޮތުގައި މި ހާދިސާގެ ތަހުގީގުގެ ބޭނުމަށް އެކްސިޑެންޓްވި ސައިކަލު މިހާރު ވަނީ ޓޯކޮށްފައެވެ. އަދި ސައިކަލު ދުއްވި މީހާ ހޯދުމާއި މި މައްސަލަ އިތުރަށް ތަހުގީގު ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ