ހަނގުރާމަވެރި ޖަމާއަތްތަކާ ދެކޮޅަށް ކުރާ މަސައްކަތުގައި އެހީތެރިވުމަށް މި އަހަރުގެ ކުރީކޮޅު ނައިޖީރިއާއަށް ފޮނުވި އެމެރިކާ ސިފައިންގެ ބޮޑު ބައެއް އެ ގައުމުން އަނބުރާ ގެންގޮސްފި އެވެ.
މިދިޔަ ޑިސެމްބަރު މަހު އެމެރިކާ އާއި ނައިޖީރިއާގެ ސިފައިން ގުޅިގެން ލޭކް ޗާޑް ބޭސިން ސަރަހައްދުގައި ހާއްސަ އޮޕަރޭޝަނެއް ފެށި އެވެ. މި އޮޕަރޭޝަނުގެ ދަށުން މިދިޔަ އަހަރުގެ ކްރިސްމަސް ދުވަހު ހަނގުރާމަވެރިންނަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، އޭގެ ދެ މަސް ފަހުން އެމެރިކާގެ 200 އެއްހާ ސިފައިން އެ ސަރަހައްދަށް ފޮނުވި އެވެ.
މިދިޔަ މަސްތަކުގެ ތެރޭގައި ކުރިއަށްދިޔަ މި މިޝަންގެ ތެރެއިން، އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އިސް ލީޑަރެއް ކަމަށްވާ އަބޫ-ބިލާލް އަލް-މިނޫކީ ވަނީ މަރާލާފަ އެވެ.
މި އޮޕަރޭޝަނަކީ ކާމިޔާބު އޮޕަރޭޝަނެއް ކަމަށް އެމެރިކާއިން ބުރާސްފަތި ދުވަހު ބުނެފައިވާއިރު، ނައިޖީރިއާގެ އަސްކަރީ ތަރުޖަމާނު ވިދާޅުވީ އެމެރިކާ ސިފައިން އެ ގައުމުން ފޭބުމުގެ ސަބަބުން ނައިޖީރިއާ ސިފައިންގެ މަސައްކަތްތަކަށް އެއްވެސް މަޑުޖެހުމެއް ނާންނާނެ ކަމަށެވެ.
މިފަދަ އަސްކަރީ އޮޕަރޭޝަންތައް ހިންގަމުންދިޔަ ނަމަވެސް، ހަނގުރާމަވެރި ޖަމާއަތްތަކުން ދަނީ ނައިޖީރިއާގެ އިރުއުތުރު ސަރަހައްދުތަކުގައި މެދުނުކެނޑި ހަމަލާތައް ދެމުންނެވެ.
މޭޖަރ ޖެނެރަލް މައިކަލް އޮނޯޖާ ވިދާޅުވި ގޮތުގައި ދެ ގައުމުގެ ދެމެދުގައި ޖާސޫސީ މައުލޫމާތު ހިއްސާކުރުން ކުރިއަށްދާނެ އެވެ. އެމެރިކާގެ އަސްކަރިއްޔާއިން ބޭއްވި ބްރީފިންގައި ވެސް މިކަން ވަނީ ކަށަވަރުކޮށްދީފަ އެވެ.
އެމެރިކާ ސިފައިން ނައިޖީރިއާއިން ފައިބައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ