ޕޮޕް ސްޓާރު ޓޭލާ ސްވިފްޓް ކައިވެނިކޮށްފި

ޕޮޕް މިއުޒިކްގެ އެންމެ ވަރުގަދަ ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް އާއި އޭނާގެ ލޯބިވެރިޔާ އަދި އެމެރިކާގެ ފުޓްބޯޅަ ތަރި ޓްރެވިސް ކެލްސީ އިއްޔެ ކައިވެނިކޮށްފި އެވެ. 
ރިޕޯޓްތައް ބުނި ގޮތުގައި، އެ ކައިވެނީގެ ހަފުލާ ބޭއްވީ އެމެރިކާގެ ނިއުޔޯކްގެ މަޝްހޫރު މެޑިސަން ސްކޮއާ ގާޑަންގަ އެވެ. އެ ބޮޑު ކައިވެނީގެ ހަފުލާއަށް ފަހު، އެ އިމާރާތުގެ ބޭރުގައި ހުރި ބޮޑު ސްކްރީންތަކުން އެމީހުން ކައިވެނިކުރިކަން އަންގައިދޭ މެސެޖުތަކެއް ވަނީ އާންމުކޮށްފަ އެވެ. 
މި ހާއްސަ ހަފުލާ ކުރިއަށް ގެންގޮސްދިނީ އެމީހުންގެ ގާތް އެކުވެރިއެއް ކަމަށްވާ ހޮލީވުޑް އެކްޓަރު އެޑަމް ސޭންޑްލާ އެވެ.
އެހެން ކައިވެނީގެ ހަފުލާތަކާ ޚިލާފަށް، މި ކައިވެނީގައި "ބްރައިޑްސްމެއިޑް" ނުވަތަ "ގްރޫމްސްމެން"އެއް ބޭނުމެއް ނުކުރެ އެވެ. އޭގެ ބަދަލުގައި ޓޭލާގެ "މޭން އޮފް އޮނާ"އަކަށް ހުރީ އޭނާގެ ކޮއްކޮ އޮސްޓިން ސްވިފްޓް އެވެ. އަދި ޓްރެވިސްގެ "ބެސްޓް މޭން"އަކީ އޭނާގެ ބޭބެ ޖޭސަން ކެލްސީ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ޓޭލާ އާއި ޓްރެވިސްގެ ކައިވެނީގެ ހެދުންތައް ފަރުމާކޮށްފައި ވަނީ ކްރިސްޓިއަން ޑިއޯ އިންނެވެ. އަދި ދެމަފިރިން ވެސް ބޭނުންކުރީ ކްރިސްޓިއަން ލޫބޫޓިންގެ ފައިވާނެވެ. މީގެ އިތުރުން ޓޭލާ ވަނީ ކާޓިއޭގެ އަގުބޮޑު ގަހަނާ ބޭނުންކޮށްފަ އެވެ.
މި ކައިވެނީގެ ފޮޓޯތައް އަދި އާންމުކޮށްފައެއް ނުވެ އެވެ. 
ނޫސްތަކުގައި ބުނެފައިވާ ގޮތުގައި، މި ކައިވެނީގެ ހަފުލާގައި ގާތްގަނޑަކަށް 1،000 އެއްހާ މެހެމާނުން ބައިވެރިވި އެވެ. އޭގެ ތެރޭގައި ދުނިޔޭގެ ނޫސްތަކުގެ ފަލަސުރުޚީތަކުން ފެންނަ މަޝްހޫރު އެތައް ތަރިންނެއް ހިމެނެ އެވެ. އޭގެ ތެރޭގައި ސެލީނާ ގޯމޭޒް، އެޑް ޝީރަން، ޖީޖީ ހަޑީޑް، ބްރެޑްލީ ކޫޕާ، ހިއު ގްރާންޓް އަދި ޖިމީ ފެލަން ކަހަލަ ސެލެބްރިޓީން ހިމެނެ އެވެ.
މި ބޮޑު ހަފުލާއަށް މެޑިސަން ސްކޮއާ ގާޑަން އެތެރެ ބަދަލުކޮށްލާފައި ވަނީ ބޮޑު ގަނޑުވަރެއް ސިފަވާގޮތަށް، ވަރަށް ފުރިހަމަ ބަގީޗާ ތީމަކަށެވެ. އަދި ކައިވެނީގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ ގޮތުން އެ ސަރަހައްދުގެ ބައެއް މަގުތައް ބަންދުކޮށް، ހަފުލާގެ އެތެރޭގައި ފޯނު ބޭނުންކުރުން ވެސް އޮތީ މަނާކޮށްފައި ކަމަށް ރިޕޯޓްތައް ބުންޏެވެ.
The most trusted news source in the Maldives
ޓޭލާ އާއި ޓްރެވިސްގެ ލޯބީގެ ގުޅުން ފެށުނީ މީގެ ތިން އަހަރު ކުރިން، 2023 ވަނަ އަހަރު ޓްރެވިސް ޓޭލާއަށް "ފްރެންޑްޝިޕް ބްރޭސްލެޓް"އެއް ދޭން އުޅުމުގެ ތެރެއިންނެވެ. އޭގެ ފަހުން، މިދިޔަ އަހަރުގެ އޮގަސްޓް މަހު އެ ދެމީހުން އެންގޭޖްވެ، ކައިވެނި އިއުލާންކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ