ސަޤާފަތާއި އާދަކާދަތައް ބަދަލުކުރުމަކީ ރާއްޖެ އާއި ޖަޕާންގެ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމަށް މަގުފަހިވާ ކަމެއް ކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެެވެ.
ރާއްޖޭގައި ޖަޕާނުގެ އެމްބަސީއެއް ޤާއިމްކުރިތާ 10 އަހަރު ފުރުން ފާހަގަކުރުމަށް، ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު އިރުތިޝާމް ވިދާޅުވީ، ފާއިތުވެދިޔަ އަހަރުތަކުގައި ޖަޕާންގެ ސަޤާފަތާއި އާދަކާތަކަށް ރާއްޖޭގައި އޮތް ޝައުގުވެރިކަން އިތުރުވެފައިވާކަމަށެވެ. އެގޮތުން "ސޫޝީ" އާއި "މާޗާ" ފަދަ ޖަޕާނުގެ ކެއިންބުއިންތައް ރާއްޖޭގައި އާއްމުވަމުން އަންނަކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި "އެނިމޭ" ފަދަ މުނިފޫހިފިލުވުމުގެ އުފެއްދުންތަކަށްވެސް ދިވެހި ޒުވާނުންގެ މެދުގައި ޝައުގުވެރިކަން ބޮޑުކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން ދެ ޤައުމުގެ ސަޤާފަތާއި އާދަކާދަތައް ބަދަލުކޮށް އަހުލުވެރިވުމަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ގާތްކޮށްދޭކަމެއްކަމަށް ވަޒީރުވަނީ ވިދާޅުވެފައެވެ.
ރާއްޖެ އާއި ޖަޕާނާއި ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް އުއްމީދުކުރައްވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ޖަޕާނަކީ ރާއްޖެއަށް ބަރޯސާވެވޭ އެކުވެރިއެއްކަމަށެވެ. އަދި ފާއިތުވެ ދިޔަ 10 އަހަރުތެރޭގައި ޖަޕާން އެމްބަސީ މެދުވެރިކޮށް ރާއްޖޭގެ އިދާރާތަކާއެކު ވަރަށް ގާތުން މަސައްކަތްކުރަމުންދާކަމަށް ވެސް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. އެގޮތުން އެކި ދާއިރާތަކުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެ ޤައުމުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވާ، ވަޒީރު ވަނީ ޝުކުރުއަދާކުރައްވާފައެވެ.
" ތަޢުލީމީ، އިޤްތިޞާދީ އަދި އެހެނިހެން ދާއިރާތަކުން ޖަޕާން އެމްބަސީ މެދުވެރިކޮށް ކަންކަން ފަސޭހަވެއްޖެ. ވިސާ ހޯދުން މިއަދު ފަސޭހަވެއްޖެ. އަދި އެކި ދާއިރާތަކުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ޖަޕާނަކީ ނަމޫނާ ޤައުމެއް." ވަޒީރު އިރުތިޝާމް ވިދާޅުވިއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯ ވިދާޅުވީ ޖަޕާނުން ރާއްޖެއަށް އެހީވުމުގައި އަބަދުވެސް އިސްކުރަނީ ގާތް ރަހުމަތްތެރިކަމުގެ އުސޫލުންކަމަށެވެ. ކުރިއަށް އޮތްތަނުގައި ވެސް އެކި ދާއިރާތަކުން ރާއްޖެއާއެކު ގާތްގުޅުމެއް ބާއްވާނެކަން ސަފީރު ވިދާޅުވިއެވެ. މީގެއިތުރުން އުއްމީދަކީ ކުރިއަށް އޮތްތަނުގައި ރާއްޖެ އަންނަ ޖަޕާން ފަތުރުވެރިންގެ އަދަދު އިތުރުވުން ކަމަށް ސަފީރު ވިދާޅުވިއެވެ.
"ޖަޕާނުން ދެމިއޮންނާނީ ރާއްޖޭގެ އެންމެ ގާތް އެއް ޤައުމުގެ ގޮތުގައި. އެކިދާއިރާތަކުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށާއި، އާދަކާދަތައް ބަދަލުކުރުމަށް ޖަޕާނުން ޚާއްސަ އިސްކަމެއްދޭ." ސަފީރު ވިދާޅުވިއެވެ.
ޖަޕާނުގެ އެމްބަސީއެއް ރާއްޖޭގައި ޤާއިމްކުރިތާ 10 އަހަރުފުރުމާއި ގުޅިގެން ޖަޕާނުގެ މާޝަލް އާޓްސްގެ ބާވަތެއްކަމަށްވާ "ކެންޑޯ" ކޯހެއް ރާއްޖޭގައި ވަނީ ހިންގާފައެވެ. ސޯޝަލް ސެންޓަރގއި ބޭއްވި ރަސްމިއްޔާތުގައިވަނީ ކެންޑޯގެ ހަރަކާތްތައް ދައްކާލާފައެވެ. އަދި ކެންޑޯގެ އާލާތްތައް ޖަޕާނުން ވަނީ ރާއްޖެއަށް ހަދިޔާކޮށްފައެވެ. އެތަކެތި ޖަޕާނުގެ ފަރާތުން ހަވާލުކޮށްދެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯއެވެ.
ޖަޕާނާއި ރާއްޖެއާއި ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރީ 15 ނޮވެންބަރު 1967ގައެވެ. އަދި ރާއްޖޭގައި ޖަޕާނުގެ އެމްބަސީ އެއް ޤާއިމްކުރީ 1 ޖަނަވަރީ 2016ގައެވެ.
ސަޤާފަތް މެދުވެރިކޮށް ރާއްޖެއާއި ޖަޕާނުގެ ގުޅުން ބަދަހިވުމަށް މަގުފަހިވޭ: ވަޒީރު އިރުތިޝާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ