ހުޅުމާލެ ފޭސް 2، ބެރެބެދިމާ ހިނގުމުން އެއް ވަނަ ގޯޅީގައި ޕާކުކޮށްފައި ހުރި ކާރުތަކެއްގައި ސައިކަލަކުން ޖެހި އެކްސިޑެންޓުވުމުން ސައިކަލު ދުއްވަން އިން މީހާ މަޑުނުކޮށް ފިލައިފި އެވެ.
ފުލުހުން ބުނީ މި ހާދިސާގައި ސައިކަލުގެ ފަހަތުގައި އިން 21 އަހަރުގެ މީހާ އެކްސިޑެންޓުވުމުން ސީންގައި މަޑުކުރި ކަމަށާއި އޭނާއަށް އެކިވަރުގެ އަނިޔާ އެކްސިޑެންޓުގައި ލިބުނު ކަމަށެވެ.
މި އެކްސިޑެންޓުގައި ޕާކުކޮށްފައި އޮތް ކާރަކަށާއި އެކްސިޑެންޓުވި ސައިކަލަށް އެކިވަރުގެ ގެއްލުން ލިބުނެވެ. މައްސަލައިގެ ތަހުގީގަށް އެކްސިޑެންޓުވި ސައިކަލު ފުލުހުން ވަނީ ޓޯކޮށްފަ އެވެ.
އެކްސިޑެންޓާ ގުޅިގެން ސައިކަލުގެ ފަހަތުގައި އިން މީހާއާ ފުލުހުން ސުވާލުކޮށް، އެކްސިޑެންޓުވުމުން މަޑުނުކޮށް ފިލި މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މަގުމަތީ އެކްސިޑެންޓުތަކަކީ މާލެ އަދި ބޮޑެތި ރަށްރަށުގައި އާންމުވެ، ބޮޑުވެފައިވާ މައްސަލައެކެވެ. އެކްސިޑެންޓުތަކުގައި މަރުވާ ޒުވާނުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް 1500 އަށް ވުރެ ގިނަ އެކްސިޑެންޓު ވަނީ ހިނގައިފަ އެވެ.
ހުޅުމާލޭގައި ޕާކުކޮށްފައި ހުރި ކާރުތަކެއްގައި ސައިކަލަކުން ޖެހި އެކްސިޑެންޓުވުމުން ދުއްވަން އިން މީހާ ފިލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ