ޓެއިލާ އާއި ޓްރެވިސް ކައިވެނިކޮށްފި

މަޝްހޫރު ލަވަކިޔުންތެރިޔާ ޓެއިލާ ސުވިފްޓާއި އެމެރިކަން ފުޓްބޯޅަ ކުޅުންތެރިޔާ ޓްރެވިސް ކެލްސީ، ގިނަ އަދަދެއްގެ ތަރިން ބައިވެރިވި ކުލަގަދަ ރަސްމިއްޔާތެއްގައި ކައިވެނިކޮށްފި އެވެ. މި ކައިވެނީގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްދިނީ މަޝްހޫރު ކޮމެޑީ އެކްޓަރު އެޑަމް ސޭންޑްލާ އެވެ.
ޓެއިލާގެ ޕަބްލިސިސްޓާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުގައި، ކައިވެނީގެ ހަފުލާގައި ދެމަފިރިން ވެސް ބޭނުންކުރީ "ކްރިސްޓިއަން ޑިއޯ" ބްރޭންޑްގެ ފޭރާމެވެ. މި ކައިވެނީގައި އާންމުކޮށް ބާއްވާ ފަދަ "ބްރައިޑްސްމެއިޑުން" އަދި "ގްރޫމްސްމެން" ބައިވެރިކޮށްފައެއް ނުވެ އެވެ. އޭގެ ބަދަލުގައި ޓެއިލާގެ ފަރާތުން އޭނާގެ ކޮއްކޮ އޮސްޓިން ސުވިފްޓް ބައިވެރިވިއިރު، ކެލްސީގެ "ބެސްޓް މޭން" އަކީ އޭނާގެ ބޭބެ އަދި ކުރީގެ އެމެރިކަން ފުޓްބޯޅަ ކުޅުންތެރިޔާ ޖޭސަން ކެލްސީ އެވެ.
މެންހަޓަންގެ އެންމެ ކާރޫބާރޫ ބޮޑު އެއް ސަރަހައްދުގައި ހުންނަ މެޑިސަން ސްކޮޔާ ގާޑަންގައި ބޭއްވި މި ހަފުލާއާ ގުޅިގެން އެ ސަރަހައްދުގެ މަގުތައް ބަންދުކުރަން ޖެހުނެވެ. މި ގަރުނުގައި ބޭއްވޭ އެންމެ ކުލަގަދަ ހަފުލާއަށް ވެގެންދާނެ ކަމަށް ބެލެވޭ މި ރަސްމިއްޔާތުގައި ހޮލީވުޑްގެ އެންމެ ނުފޫޒު ގަދަ ތަރިން ބައިވެރިވި އެވެ.
މި ހަފުލާގައި ބައިވެރިވި މަޝްހޫރު ފަރާތްތަކުގެ ތެރޭގައި އެކްޓަރު ހިއު ގްރާންޓާއި ޖޭސަން ސުޑޭކިސްގެ އިތުރުން، ލަވަކިޔުންތެރިޔާ ބެންސަން ބޫން އަދި މޮޑެލް ޖީޖީ ހަދީދު ހިމެނެ އެވެ.
ހުކުރު ދުވަހުގެ މުޅި ދުވަހު އެ ސަރަހައްދަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ޖަމާވެފައި ތިއްބެވެ. އޭގެ ތެރެއިން ބައެއް މީހުން ޓެއިލާގެ ލަވަތައް ކިޔަމުން ދިޔައިރު، އަނެއް ބަޔަކު ތިބީ އޭނާގެ ކޮންސެޓްތަކުގައި ބޭނުންކުރާ ހެދުންތައް ލައިގެންނެވެ. އަދި ހަފުލާގެ މަންޒަރުތައް ރަނގަޅަށް ބަލާލުމަށްޓަކައި ބައެއް މީހުން ކައިރީގައި ހުރި އިމާރާތްތަކުގެ މައްޗަށް ވެސް އަރާފައިވެ އެވެ.
އުފާފާޅުކުރުންތައް ފެށުނީ ބުރާސްފަތި ދުވަހު ބޭއްވި ކުޑަ ހަފުލާއަކުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެ ހަފުލާގައި ބައިވެރިވީ ގާތްގަނޑަކަށް 100 އެއްހާ މީހުންނެވެ. ނިއު ޔޯކް ސިޓީގެ ކަމާބެހޭ އިދާރާތަކަށް ހުށަހެޅި ހުއްދައިގައި އެ ހަފުލާ ސިފަކޮށްފައިވަނީ "ޕްރީ-ޕާޓީ" އެއްގެ ގޮތުގަ އެވެ.
ޕެންސިލްވޭނިއާއަށް އުފަން ލަވަކިޔުންތެރިޔާ ޓެއިލާ ނިއު ޔޯކަށް ދިރިއުޅުން ބަދަލުކުރީ 2014 ވަނަ އަހަރު އެވެ. އެ އަހަރު އޭނާ ވަނީ ޓްރައިބެކާ ސަރަހައްދުން 20 މިލިއަން ޑޮލަރަށް ދެ ޕެންޓްހައުސް ގަނެ، އެ ދެ ތަން އެއްކޮށްލައިގެން ބޮޑު އެޕާޓްމަންޓަކަށް ބަދަލުކޮށްފަ އެވެ.
އެމެރިކަން ފުޓްބޯޅަ ކުޅުމަށް ކެންސަސްގައި ދިރިއުޅޭ ކެލްސީއަށް ނިއު ޔޯކް ސިޓީ ތައާރަފުވީ 2023 ވަނަ އަހަރު ޓެއިލާއާ ރައްޓެހިވި ހިސާބުންނެވެ.
މި ހަފުލާގެ ކުރިން، ބިލިއަނަރު ލަވަކިޔުންތެރިޔާ އާއި މުއްސަނދި އެތުލީޓު ވަނީ 20 އަށްވުރެ ގިނަ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކަށް 26 މިލިއަން ޑޮލަރު ހަދިޔާކޮށްފަ އެވެ. ނަމަވެސް އެ ފައިސާ ހަދިޔާކުރިއިރު ކައިވެނީގެ އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ