އައިފޯން 18 ޕްރޯގެ ސިއްރުތައް ޓާޓާ އިން ލީކުވި މައްސަލަ އިންޑިއާގައި ތަހުގީގު ކުރަނީ

އެޕަލް ކުންފުނިން އަދި ބާޒާރަށް ނެރެފައިނުވާ އައިފޯން 18 ޕްރޯއާ ގުޅޭ ސިއްރު މައުލޫމާތުތަކެއް ލީކުވި މައްސަލަ އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ތަހުގީގު ކުރަން ފަށައިފި އެވެ.
އިންޑިއާގެ އައިޓީ ސެކްރެޓަރީ ބުރާސްފަތި ދުވަހު ވިދާޅުވީ، މި މައުލޫމާތުތައް ލީކުވެފައިވަނީ އެޕަލްގެ އުފެއްދުންތައް ތައްޔާރުކުރާ ޓާޓާ އިލެކްޓްރޯނިކްސްއިން ކަމަށެވެ. މިއީ މި ހާދިސާއާ ގުޅިގެން އިންޑިއާ ސަރުކާރުން ރަސްމީކޮށް ބަހެއް ބުނި ފުރަތަމަ ފަހަރެވެ.
ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އައިފޯން 18 ޕްރޯގައި ހިމެނޭ ބައިތަކުގެ ލިސްޓާއި، އެ ތަކެތި ސަޕްލައިކޮށްދޭ ފަރާތްތަކުގެ ތަފުސީލާއި، ފޯނުގެ ފޮޓޯތައް ހިމެނޭހެން ސިއްރު ލިޔެކިޔުންތަކެއް ވަނީ "ޑާކް ވެބް" ގައި އާންމުކޮށްފަ އެވެ. މި މައުލޫމާތުތައް ލީކުކޮށްލާފައިވަނީ ޓާޓާ އިލެކްޓްރޯނިކްސްއަށް އަމާޒުކޮށް ރެންސަމްވެއާ ހަމަލާއެއް ދިން ގްރޫޕަކުން ކަމަށް ބެލެވެ އެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީގެ ސެކްރެޓަރީ އެސް. ކްރިޝްނަން ވިދާޅުވީ، މި މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި މި މައްސަލަ މިހާރު ވަނީ އިންޑިއާގެ ސައިބާ ސެކިއުރިޓީއާ ބެހޭ ގައުމީ އިދާރާ ކަމަށްވާ "ކޮމްޕިއުޓާ އިމަޖެންސީ ރެސްޕޮންސް ޓީމް" އަށް ހުށަހަޅާފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި މައުލޫމާތުތައް ލީކުވުމާ ގުޅިގެން، ދުނިޔޭގެ އެކި ގައުމުތަކުގައި ހުރި ސަޕްލަޔަރުން މެދުވެރިކޮށް އެޕަލްއިން ގެންގުޅޭ ވަރުގަދަ ސަޕްލައި ޗެއިންގެ ރައްކާތެރިކަމާ މެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.
އެޕަލްއިން އައިފޯން 18 ޕްރޯ އަދި ޕްރޯ މެކްސް ފޯނުތައް ބާޒާރަށް ނެރޭނެ ކަމަށް ބެލެވެނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ. ލީކުވި ލިޔެކިޔުންތަކުގެ ތެރޭގައި، ފޯނުގެ ވަކިވަކި ބައިތައް އުފައްދާ ކުންފުނިތައް ހާމަވާ ފަދަ މަދުވެގެން ހަ ލިޔުމެއް ހިމެނޭ ކަމަށްވެ އެވެ. މިއީ އާންމުކޮށް އެޕަލްއިން ސިއްރުކޮށްގެން ގެންގުޅޭ މައުލޫމާތުތަކެވެ.
ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މައުލޫމާތުތައް ލީކުވުމާ ގުޅިގެން ޓާޓާ އިލެކްޓްރޯނިކްސްއިން މިހާރު ވަނީ ބައިނަލްއަގުވާމީ ކޮންސަލްޓެންސީ ފާމެއް މެދުވެރިކޮށް ފޮރެންސިކް އޮޑިޓެއް ހަދަން ފަށާފަ އެވެ. މި ހާދިސާގައި އެޕަލްގެ އިތުރުން ޓެސްލާ، ކުއަލްކޮމް އަދި ޓީ.އެސް.އެމް.ސީ ފަދަ ބޮޑެތި ކުންފުނިތަކާ ގުޅޭ ލިޔެކިޔުންތަކެއް ވެސް ޑާކް ވެބްގައި އާންމުކޮށްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ