ދިވެހިރާއްޖޭގެ މާލީ ހާލަތު މިހާރު ހުރި ގޮތުން މި ސަރުކާރަށް އެކަންކަން ހައްލު ނުކުރެވޭނެ ކަމީ ވަރަށް ސާފުކޮށް ފެންނަން އޮތް ހަގީގަތެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ ޑޮލަރު ހޯދުމުގައި މި ސަރުކާރުގެ އެއްވެސް ގާބިލުކަމެއް ނެތް ކަމަށާއި، ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ބޭރު ފައިސާ ނެތް ކަމަށެވެ. މާލީ ނިޒާމު ދިރާސާ ކުރައްވާ ފަރާތްތަކަށް މިހާރު ވަނީ ”ރަތްބޮކި“ ދިއްލިފައި ކަމަށާއި، މިއީ ރައްޔިތުންނާއި އިލްމީ ބޭފުޅުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލައެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ މާލީ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މާލީ ދާއިރާގެ ތަޖުރިބާކާރުން ޑޮލަރުގެ އަގު 21 ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރި ނަމަވެސް، އެމަނިކުފާނު އަންދާޒާ ކުރައްވާ ގޮތުގައި ޑޮލަރުގެ އަގު 23 ރުފިޔާއަށް އުފުލޭނެ ކަމަށެވެ. އަދި ބޭންކުގައި ހުރި ޑޮލަރުކޮޅުވެސް ރައްޔިތުންނަށް ފަސޭހައިން ނުނެގޭނެ ހާލަތަކަށް ކަންކަން ގޮސްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”މިސަރުކާރަށް މިކަންކަން ހައްލު ކުރެވެން ނެތްކަން ވަރަށް ވެސް ސާފު، ހަމަ ވަރަށް ބޮޑަށް ސާފު ބޭންކް އޮފް މޯލްޑިވްސްގައި ހަމަ ނެތީ އިނގޭތޯ ބޭރު ފައިސާ. މިކަމާއި ރައްޔިތުން ތިބީ ވަރަށް ކަންބޮޑުވެފަ،“ ރައީސް ނަޝީދު ވިދާޅުވިއެވެ.
ސަރުކާރަށް ބޭރުން ޑޮލަރު ނުވެއްދޭކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ، ބޮންޑު ވިއްކައިގެންނާއި ލޯނުގެ ގޮތުގައި ވެސް މި ސަރުކާރަށް ފައިސާ ހޯދިފައި ނުވާ ކަމަށެވެ. އަދި މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ އާމްދަނީއަށް ނޭދެވޭ އަސަރުތަކެއް ކޮށްފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި މައްސަލަތަކަށް ހައްލެއް ހޯދުމުގެ ގާބިލުކަން ސަރުކާރުގައި ނެތްކަން ތަކުރާރު ކުރައްވަމުން، ރައީސް ނަޝީދު ވަނީ މިކަމުގައި މަޝްވަރާގެ މޭޒުދޮށަށް ވަޑައިގަތުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.
ރާއްޖޭގެ މާލީ ކަންކަން މިސަރުކާރަކަށް ޙައްލެއް ނުކުރެވޭނެ، އެޤާބިލުކަމެއް ނެތް،: ރައީސް ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ