ރީޖަނަލް ގްރީން އިކޮނޮމީ ފޯރަމް މިއަހަރު ރާއްޖޭގައި

ރީޖަނަލް ގްރީން އިކޮނޮމީ ފޯރަމް މިއަހަރު ދިވެހިރާއްޖޭގައި ބާއްވަން ނިންމައި، ފޯރަމްގައި ބައިވެރިވުމުގެ ފުރުޞަތު މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ. މީގެ ފުރަތަމަ ފޯރަމް ބޭއްވީ މިދިޔަ އަހަރު މޮރޮކޯގައެވެ.
ރީޖަނަލް ގްރީން އިކޮނޮމީ ފޯރަމަކީ ވޯލްޑް ގްރީން އިކޮނޮމީ އޯގަނައިޒޭޝަން އަދި އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް، އެއޯސިސް ގުޅިގެން ބާއްވާ ފޯރަމެކެވެ. މިއީ މުސުމީ ބަދަލުތަކަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް، ޤައުމުތަކުގެ ތިމާވެއްޓާ ބެހޭ ލީޑަރުން ބައިވެރިވާ ފޯރަމެކެވެ.
"ރީޖަނަލް ގްރީން އިކޮނަމީ ފޯރަމް 2026"ގެ މަގުޞަދަކީ އޭޝިއާ-ޕެސިފިކް ސަރަހައްދަށް ދެމެހެއްޓެނިވި މުސްތަގުބަލެއް ބިނާކުރުމަށް ބޭނުންވާ މުހިންމު މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކޮށް، އެކަމަށް މަގުފަހިކުރުމެވެ. މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 އަދި 30 މި ދެދުވަހު ކުރުނބާ މޯލްޑިވްސްގައެވެ.
ވުޒާރާގެ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ކިއުއާރް ކޯޑް މެދުވެރިކޮށް ރެޖިސްޓްރީވުމަށް މިހާރު ވަނީ ހުޅުވާލާފައެވެ.
ފޯރަމްގައި ޤައުމުތަކުގެ ލީޑަރުންނާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކާއި އަމިއްލަ ފަރާތްތަކާއި ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވާނެއެވެ.
ސްމޯލް އައިލެންޑް ޑިވެލޮޕްމަންޓް ސްޓޭޓްސް، އެސްއައިޑީއެސް އާއި އައްސޭރިފަށުގެ އިގްތިސާދުތަކަށް ޚާއްސަ ސަމާލުކަމެއް ދީގެން، އިންވެސްޓްމަންޓްތައް ހޯދުމާއި ޕަބްލިކް-ޕްރައިވެޓް ޕާޓްނަޝިޕްތައް ހަރުދަނާކޮށް، ޑިޖިޓަލް އަދި ޓެކްނޮލޮޖީގެ ހައްލުތައް ކުރިއެރުވުމާއި، ބްލޫ އިކޮނޮމީ މަގުޗާޓު ތަންފީޒު ކުރުމަށް ބާރުއަޅާ މަސައްކަތްތައް ކުރާނެއެވެ.
އަދި ކޮޕް-31 އާއި ވޯލްޑް ގްރީން އިކޮނޮމީ ސަމިޓް 2026ގެ ކުރިން ސަރަހައްދީ އިސްކަންދޭ ކަންކަން ބައްޓަންކުރުމުގައި ވެސް މި ފޯރަމްގެ އެހީތެރިކަން ލިބިގެންދާނެ އެވެ.
މީފެ ފުރަތަމަ ފޯރަމް ބޭއްވީ މިދިޔަ އަހަރު މޮރޮކޯގެ ޓެންޖިއާގައެވެ. މި ފޯރަމް ބޭއްވީ "ކާބަން ނިއުޓްރަލް ސިޓީސް" މި ތީމްގެ ދަށުންނެވެ.
ދިވެހިރާއްޖޭގައި ބާއްވާ ރީޖަނަލް ގްރީން އިކޮނޮމިކް ފޯރަމް ބާއްވަނީ "ޝޭޕިން އަ ސަސްޓެއިނަބަލް އެންޑް ރެސިލިއަންޓް ފިއުޗާ ފޯ ދަ އޭޝިއާ-ޕެސިފިކް" ތީމްގެ ދަށުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ