ކަރަންޓުގެ ޚިދުމަތުގެ ފެންވަރު މަތިކުރަން މ. އަތޮޅަށް ބޭނުންވާ ސަމާނު ފޮނުވަން ފަަށައިފި

މ.އަތޮޅުގެ ރަށްތަކުގެ ކަރަންޓުގެ ޙާލަތު ދެނެގަނެ، އެރަށްތަކުގެ ވިއުގަ ރަނގަޅުކުރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފިއެވެ.
މ.އަތޮޅުގެ ރަށްތަކުގެ ކަރަންޓުގެ ވިއުގަ ބެލެހެއްޓުން ސްޓެލްކޯއާ ހަވާލުކުރީ ޖޫންމަހުގެ 21ވަނަ ދުވަހުއެވެ.
މުލަކަތޮޅު މުލި، ދިއްގަރު، ކޮޅުފުށި، މަޑުއްވަރި، މުލައް، ނާލާފުށި، ރަތްމަންދޫ އަދި ވޭވަށުގެ އިންޖީނުގެއާއި ކަރަންޓުގެ ވިއުގައިގެ ބެލެހެއްޓުން ސްޓެލްކޯއާ ވަނީ ހަވާލުކޮށްފައެވެ. ކުރިން އެތަންތަން ހިންގަމުންދިޔައީ ފެނަކައިގެ ބެލުމުގެދަށުންނެވެ.
ސްޓެލްކޮއިން ވިދާޅުވީ މ. އަތޮޅުގެ ރަށްތަކުގެ ޔުޓިލިޓީ ޚިދުމަތާއި ކުންފުނިން ހަވާލުވުމަށްފަހު، އެ ރަށްތަކުގެ ޚިދުމަތުގެ ފެންވަރު ދެނެގަންނަމުންދާކަމަށެވެ. އަދި ކުންފުނިން ޤަބޫލުކުރާ ފެންވަރަށް މަތިކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތައް ފަށާފަވާކަމަށެވެ. އެގޮތުން މުލަކަތޮޅުގެ ރަށްތަކުގެ އިންޖީނުގެތަކުގައި ފިއުލް މޮނިޓަރކޮށް ބެލެހެއްޓުމަށް ބޭނުންވާ ސްޓޯރޭޖް ޓޭންކްތައް އެ ރަށްރަށަށް ފޮނުވުމުގެ މަސައްކަތް މިހާރު ފަށާފަވާކަމަށެވެ.
ކަރަންޓާއި، ފެނާއި ނަރުދަމާގެ ޚިދުމަތް ކުރިން ފެނަކައިން ފޯރުކޮށްދެމުން އައި 8 ރަށް ސްޓެލްކޯއާ ޙަވާލުކުރީ، ސަރުކާރުން ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ތަރައްޤީކޮށް، މި ޚިދުމަތަށް ހެޔޮ ބަދަލުތަކެއް ގެނައުމަށްކަން ސްޓެލްކޯއިން ފާހަގަކުރެއެވެ. އަދި މި ބަދަލާއެކު އެ ރަށްތަކުގެ ރައްޔިތުންނަށް ދޭ ޚިދުމަތްތައް އިތުރަށް ތަރައްޤީ ކުރެވިގެންދާނެ ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.
މީމު އަތޮޅަކީ ނިސްބަތުން ރާއްޖޭގައި އެންމެ އާބާދީ ކުޑަ އެއް އަތޮޅެވެ. އެ އަތޮޅުގެ އާބާދީ އުޅެނީ 7000ގައެވެ.
ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށް ގިނަ އަތޮޅުތަކެއްގެ ކަރަންޓުގެ ޚިދުމަތް ސްޓޭލްކޯގެ ބެލުމުގެދަށަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. އެގޮތުން ބ، ޅ އަދި މ އަތޮޅުގެ ރަށްތަކުގެ ޚިދުމަތް ހަވާލުކުރީ މިއަހަރުއެވެ.
މިއާއިއެކު ގްރޭޓަރމާލެ، ބ، ޅ، ކ، އއ، އދ، ވ އަދި މ. އަތޮޅު ހިމެނޭގޮތަށް ސްޓެލްކޯއިން ޚިދުމަތްދޭ ރަށްތަކުގެ އަދަދު 61 ރަށަށް ފުޅާވެގެންދާނެއެވެ.
މި ރަށްތަކުގެ ފެނާ ނަރުދަމާގެ ނިޒާމުވެސް މަސައްކަތްތައްވެސް ދެން ބަލަހައްޓަމުންދާނި ސްޓެލްކޯގެ ބެލުމުގެދަށުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ