ސެކިއުރިޓީ ކެނޑިޔަސް މުޒާހަރާތަކަށް ނުކުންނާނަން

ކުރީގެ ރައީސުން މުޒާހައަރާކަށް ވަޑައިގަންނަވާ ނަމަ އެ ވަގުތަކަށް ސެކިއުރިޓީ ކަނޑާލަން ނިންމި ނަމަވެސް ކުރިއަށް އޮތް ތަނުގައި ވެސް މުޒާހަރާތަކަށް ވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ދުނިޔޭގައި މިހާތަނަށް ސިޔާސީ ފަރާތްތަކަށް ހަމަލާ ދީފައި ވަނީ ސިޔާސީ އެއްވުންތަކުގެ ތެރެއިން ކަމަށާއި އެފަދަ އެއްވުންތަކަށް ޓެރަރިސްޓް ހަމަލާއެއް ދީފާނެ ކަމުގެ ބިރު އޮތް ކަމަށެވެ.މޭ 6، 2021 އެފަދަ ހަމަލާއެއް އަމާޒުވެ ވަރަށް ބޮޑަށް އަނިޔާވި ނަޝީދު ވިދާޅުވީ ސެކިއުރިޓީ ކަނޑާލާފައި އޮއްވާ ސިޔާސީ އެއްވުމެއްގެ ތެރެއިން އަނެއްކާވެސް އެފަދަ ޓެރަރިސްޓް ހަމަލާއެއް އަތުވެއްޖެ ނަމަ ސިޔާސީ މީހާގެ އިތުރުން އާންމުންގެ ތެރެއިން ވެސް ގިނަ ބަޔަކަށް ގެއްލުން ވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ނަމަވެސް އެމްއެންޑީއެފްގެ ވީއައިޕީ ސެކިއުރިޓީ ފޯރުކޮށްދިނުމާ ބެހޭ އުސޫލު މަޖިލީހުގެ 241 ކޮމިޓީން އިސްލާހު ކޮށްފައި ވަނީ ކުރީގެ ތިން ރައީސުން ކަމަށްވާ ނަޝީދާއި އިބްރާހިމް މުހައްމަދު ސޯލިހު އަދި އަބްދުﷲ ޔާމީން ގުޅިގެން މަގުމަތީ ހަރަކާތްތައް ފަށަން ނިންމާފައި ވަނިކޮށެވެ."ބައެއް ފަހަރަށް 30 މީހުން މަރުވެފައި އަނެއް ފަހަރަށް 80 މީހުން މަރުވެފައި އެބަވޭ. އެންމެ ބޮޑަށް ސަލާމަތީ ބާރުތަކުން ސަލާމަތްތެރިކަން ބަލަހައްޓަން މި ޖެހެނީ އެއްވުމެއްގެ ތެރެއިން. އެފަދަ އެއްވުމެއްގެ ތެރެއަށް ޓެރަރިސްޓް ހަމަލާއެއް އަތުވެދާނެ ކަމުގެ ބިރުވެރިކަން އަބަދުވެސް އޮންނާނެ،" ނަޝީދު ވިދާޅުވި އެވެ.ކުރީގެ ރައީސުން ފަދަ ބޭފުޅުންގެ ސެކިއުރިޓީ ކަނޑާލުމަކީ ސިޔާސީ ވިސްނުމެއްގައި ކުރަން ރަނގަޅު ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ސެކިއުރިޓީ ކަނޑާލައިގެން މުޒާހަރާ އަށް ދިޔުން ހުއްޓުވޭނެ ކަމަށް ގަބޫލު ކުރުމަކީ ވެސް ރަނގަޅު ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.  "އަޅުގަނޑު މުޒާހަރާއަށް ނުކުތުން ހުއްޓުމަކަށް ނާންނާނެ. ސެކިއުރިޓީ ކަނޑާލިޔަސް މުޒާހަރާއަށް ނުކުންނާނަން. އެއީ ގުޅުމެއް ހުރި ކަމެއްގެ ގޮތުގައި އެއްވެސް ބޭފުޅަކު ދެކެވަޑައިގެން ވެސް ނުވާނެ،" ސެކިއުރިޓީ ކަނޑާލައި ނަމަ، ސެކިއުރިޓީއާ ނުލާ ވެސް މުޒާހަރާއަށް ނުކުންނަވާނަންތޯ 'ދައުރު'ން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވި އެވެ."އަޅުގަނޑުގެ ކަންބޮޑުވުމަކީ، އަޅުގަނޑު މަރުވުން އެކަންޏެއް ނޫން. ބައިވަރު މީހުންނަށް ގެއްލުން ލިބިދާނެތީ. މިއީ ސަމާސާއަށް، ސިޔާސީ ވިސްނުމެއްގައި ކުރާ ކަހަލަ ކަމެއް ނޫން."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ