އީރާނުގެ އަވަހާރަކޮށްލާފައިވާ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާގެ ރަސްމިއްޔާތުތަކުގައި އޭނާގެ ތިން ފިރިހެން ދަރިކަލުން އާންމުންގެ ތެރެއަށް ނުކުމެވަޑައިގެންފި އެވެ.
ނަމަވެސް، ޚާމަނާއީއަށް ފަހު ރޫހީ ލީޑަރުގެ މަގާމާ ހަވާލުވެވަޑައިގަތް ދެވަނަ ދަރިކަލުން މުޖުތަބާ ޚާމަނާއީއެއް ނުފެނެ އެވެ.
އާދީއްތަ ދުވަހު ތެހެރާންގެ އިމާމް ހުމައިނީ މުއްސަލާ މައިދާނުގައި ބޭއްވި ޖަނާޒާގެ ރަސްމިއްޔާތުން ފެނުނީ އަލީ ޚާމަނާއީގެ ތިން ފިރިހެން ދަރިކަލުން ކަމަށްވާ މުސްތަފާ، މަސްއޫދު އަދި މައިސަމް އެވެ. މިއީ މިއަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލާއެއްގައި އަލީ ޚާމަނާއީ އަވަހާރަކޮށްލި ފަހުން މި ތިން ބޭފުޅުން އާންމުންގެ ތެރެއިން ފެނުނު ފުރަތަމަ ފަހަރެވެ. ބައްޕާފުޅުގެ ސަންދޯއް ކައިރީގައި ކީރިތި ކުރައްވަން ތިއްބެވި މި ތިން ބޭފުޅުންނާއެކު އީރާނުގެ ސިޔާސީ އަދި އަސްކަރީ އިސް ވެރިން ބައިވެރިވެވަޑައިގަތެވެ.
މި ޖަނާޒާގައި ރައީސް މަސްއޫދު ޕެޒެޝްކިއަން އާއި އިންގިލާބީ ލަޝްކަރުގެ ކޮމާންޑަރު މޭޖާ ޖެނެރަލް އަހުމަދު ވަހީދީގެ އިތުރުން އެމެރިކާއާ އެކު މަޝްވަރާތައް ކުރައްވާ އިސް މަންދޫބު މުހައްމަދު ބާގިރު ގާލިބާފް ވެސް ބައިވެރިވެވަޑައިގަތެވެ.
ނަމަވެސް، އެންމެންގެ ސަމާލުކަން ހުއްޓުނީ ބައްޕާފުޅަށް ފަހު އީރާނުގެ ތިންވަނަ ރޫހީ ލީޑަރުގެ ގޮތުގައި މާޗު 8 ގައި އައްޔަންކުރި މުޖުތަބާ ޚާމަނާއީ ފެންނަން ނެތުމުންނެވެ. އުމުރުން 56 އަހަރުގެ މުޖުތަބާ އަކީ ބައްޕާފުޅު އަވަހާރަކޮށްލި ހަމަލާގައި ޒަހަމްވި ބޭފުޅެކެވެ.
ރިޕޯޓްތައް ބުނާގޮތުގައި އޭނާ މިހާރު ވަނީ އެ ޒަހަމްތަކުން މުޅިން ފަސޭހަވެފަ އެވެ. ނަމަވެސް، ޖަނާޒާއަށް އޭނާ ވަޑައިނުގެންނެވީ ސިއްހީ ސަބަބަކާ ހުރެ ނޫން ކަމަށާއި އެއީ ސަލާމަތީ ގޮތުން ހުރި ބޮޑެތި ނުރައްކާތަކެއްގެ ސަބަބުން ކަމަށް އީރާނުގެ އޮފިޝަލުން ބުނެއެވެ.
އާންމު އުސޫލުން ނަމަ، ބައްޕާފުޅުގެ މައްޗަށް ކަށުނަމާދު އިމާމުވެ ކުރައްވައި، މީހުންނާ ބައްދަލުކުރައްވަން ޖެހޭނީ އާ ލީޑަރު މުޖުތަބާ އެވެ.
އަލީ ޚާމަނާއީގެ ހަ ދުވަހުގެ ޖަނާޒާގެ ރަސްމިއްޔާތަކީ އީރާނުގެ ތާރީހުގައި ވެސް އެންމެ ބޮޑު އެއް އެއްވުމެވެ. މި ރަސްމިއްޔާތުތައް ތެހެރާން، ގުމް އަދި އިރާގުގެ ބައެއް ސިޓީތަކުގައި ކުރިއަށްދާއިރު، އަންނަ ބުރާސްފަތި ދުވަހު އަލީ ޚާމަނާއީ ފަސްދާނުލުމަށް ހަމަޖެހިފައިވަނީ އުފަން ރަށް ކަމަށްވާ މަޝްހަދުގަ އެވެ.
ޖަނާޒާގައި ޚާމަނާއީގެ ތިން ދަރިކަލުން، އާ ލީޑަރެއް ނެތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ