ރާއްޖެއާއި މެކްސިކޯއިން ލޭގެ ކެންސަރުގެ ބާވަތެއް ކަމަށްވާ ‘މަލްޓިޕަލް މައިލޯމާ’ އަށް ފަރުވާ ދިނުމަށް ބޭނުންކުރާ ‘ޑާޒަލެކްސް’ (DARZALEX) އިންޖެކްޝަންގެ ފޭކް ބެޗްތަކެއް ފެނިގެން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗުއޯ) އިން މެޑިކަލް އެލާޓެއް ނެރެ، އޭގެ ސަބަބުން ބަލިމީހުންގެ ފުރާނައަށް ސީދާ ނުރައްކާވެދާނެ ކަމުގެ އިންޒާރު ދީފިއެވެ. ޖެނީވާގައި ހުންނަ ޑަބްލިއުއެޗުއޯގެ މައި މަރުކަޒުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ބޭސްތައް ފެނިފައިވަނީ ހުއްދަ ނެތް ސަޕްލަޔަރުންގެ އަތުންނާއި ބައެއް ހޮސްޕިޓަލްތަކުން ކަމަށެވެ. މި މައްސަލަ އެންމެ ފުރަތަމަ ރިޕޯޓްކޮށްފައިވަނީ ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާއި މެކްސިކޯގެ ކަމާބެހޭ އިދާރާތަކުންނެވެ.
މި ބޭސް އުފައްދާ އަސްލު ކުންފުނި ކަމަށްވާ ‘ޖެންސެން’ (JANSSEN) އިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، ރާއްޖެއިން ފެނިފައިވާ “STV1K01” ބެޗް ނަންބަރުގެ ފުޅިތަކަކީ އެ ކުންފުނިން އުފައްދާފައިވާ އެއްޗެއް ނޫނެވެ. މީގެ އިތުރުން “MYS7381” ބެޗަކީ ވެސް ފޭކް ބެޗެއް ކަމަށް ވަނީ ކަނޑައަޅާފައެވެ. ހާއްސަކޮށް، ރާއްޖެއިން ފެނުނު ބެޗްގެ ފުޅިތަކުގެ ތެރޭގައި ލޮލަށް ފެންނަ ކުނޑި ނުވަތަ ތަޣައްޔަރުވެފައިވާ މާއްދާތަކެއް ހުރިކަން އެމްއެފްޑީއޭ އިން ވަނީ ފާހަގަކޮށްފައެވެ.
ޑަބްލިއުއެޗުއޯއިން ބުނާ ގޮތުގައި މި ފޭކް ބޭހުގެ ކޮލިޓީއާއި ސާފުތާހިރުކަން ކަށަވަރު ނުވާއިރު، އޭގައި އެއްވެސް އަސްލު މާއްދާއެއް ނެތުމަކީ ނުވަތަ ގެއްލުންދެނިވި މާއްދާތަކެއް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ ސަބަބުން ހަށިގަނޑުގައި އިންފެކްޝަން އުފެދުމާއި، ބަލި އިތުރަށް ގޯސްވުމާއި، އަދި މަރުވުމުގެ ފުރުސަތު ބޮޑެވެ. އެހެންކަމުން، ސިއްހީ ހިދުމަތްތެރިންނާއި އާންމުން މިކަމަށް ވަރަށް ބޮޑަށް ސަމާލުވުމަށާއި، މި ބެޗްތަކުގެ ބޭސް ގެންގުޅޭނަމަ ބޭނުން ނުކުރުމަށް ވަނީ އިރުޝާދު ދީފައެވެ. އަދި ބޭސް ބޭނުން ކުރެވިފައިވާނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށާއި، މިފަދަ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެމްއެފްޑީއޭއަށް ރިޕޯޓް ކުރުމަށް ވަނީ އެދިފައެވެ.
ޑަބްލިއުއެޗްއޯގެ މަންދޫބު، ރައީސްގެ އަރިހަށް ވަދާޢީ ޒިޔާރާތް ކުރައްވައިފި ރާއްޖެއިން ހިމަބިއްސާއި ރުބެއްލާ ނައްތާލާފައިވާތީ ޑަބްލިއުއެޗްއޯ އިން އެކަން ފާހަގަކޮށްފި ކޮވިޑް19:ވެކްސިނެއް އެންމެ އަވަހަށްވެސް ބޭނުންކުރަން ފެށޭނީ 2021 ވަނަ އަހަރު ކޮވިޑް-19: އެއ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ