ހޯރްމޫޒް ކަނޑުއޮޅި ބޭނުންކުރުމުގައި ޗައިނާއަށް ހާއްސަ ލުއިތަކެއް

ހޯރްމޫޒް ކަނޑުއޮޅި ބޭނުންކުރާ އުޅަނދުފަހަރުގެ އަތުން ނަގާނެ ސާވިސް ފީގެ މިންވަރާއި އޭގެ ބާވަތް އީރާނުން ކަނޑައަޅާއިރު، ޗައިނާ އާއި އެހެނިހެން އެކުވެރި ގައުމުތަކަށް "ޚާއްސަ ލުއިތަކެއް" ދޭނެ ކަމށް ބުނެފި އެވެ. 
ބެއިޖިންގައި ހުންނަވާ އީރާނުގެ ސަފީރު އަބްދުއްރިޒާ ފަޒްލީ ވިދާޅުވީ، އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަތަރު މަސް ދުވަހު ކުރި ހަނގުރާމައަށް ފަހު، ހަކަތަ ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ އެ ކަނޑުއޮޅީގެ މައްސަލައަކީ މިހާރު "ގައުމީ ސަލާމަތާ" ގުޅިފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން، އޮމާން ސަރުކާރުގެ އެއްބާރުލުމާއި އެހީތެރިކަމާއެކު ހޯރްމޫޒް ކަނޑުއޮޅިއާ ގުޅޭ އާ އިންތިޒާމުތަކެއް ހަމަޖައްސާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖުލައި ހަތަރު ވަނަ ދުވަހު ބެއިޖިންގައި ބޭއްވި ވޯލްޑް ޕީސް ފޯރަމްގައި ވާހަކަދައްކަވަމުން ފަޒްލީ ވިދާޅުވީ، ޗައިނާއަކީ އެކުވެރި ގައުމަކަށް ވާތީ އެ ގައުމަށް ޔަގީނުން ވެސް ހާއްސަ އިނާޔަތްތަކެއް ދޭނެ ކަމަށެވެ. ނަމަވެސް އެއީ ކޮން ކަހަލަ ލުއިތަކެއް ކަމެއް އޭނާ ތަފްސީލެއް ނުކުރައްވަ އެވެ.
ހޯރްމޫޒް ކަނޑުއޮޅި ކުރިއަށް އޮތް ތަނުގައި ބަލަހައްޓާނެ ގޮތަކީ، ހަނގުރާމަ ދާއިމީކޮށް ހުއްޓާލުމަށް ކުރިއަށްދާ މަޝްވަރާތަކުގައި ހިމެނޭ ހިޔާލުތަފާތުވުން ބޮޑު މައްސަލަތަކުގެ ތެރެއިން އެއް ކަމެވެ. ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާ އާއި އިސްރާއީލުން ވައިގެ ހަމަލާތައް ދޭން ފެށުމާއެކު އީރާނުން ވަނީ އެ ކަނޑުއޮޅި ބަންދުކޮށްފަ އެވެ. އެ ސަރަހައްދުގެ ދަތުރުފަތުރުތައް އަލުން ފަށާފައިވަނީ ޖޫން މަހު ސޮއިކުރި ވަގުތީ ސުލްހައިގެ އެއްބަސްވުމަށް ފަހު ދާދި ފަހުންނެވެ.
އެމެރިކާ އާއި ގަލްފުގެ އަރަބި ގައުމުތަކުން ބާރުއަޅަނީ އެ ކަނޑުއޮޅި ބޭނުންކުރުމަށް އީރާނާއި އޮމާނަށް އެއްވެސް ބާވަތެއްގެ ފީއެއް ނުނެގޭނެ ކަމަށެވެ. ނަމަވެސް، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން ކޮންމެވެސް ކަހަލަ ފީއެއް ދައްކަން ޖެހޭނެ ކަމަށް ޔޫރަޕްގެ ބައެއް ގައުމުތަކުން މިހާރު ގަބޫލުކުރާ ކަމަށް މިކަމުގެ މައުލޫމާތު ހުރި ފަރާތްތަކުން ބުނެފައިވެ އެވެ. އަދި އުޅަނދު ނިސްބަތްވާ ގައުމަށް ބަލައި ތަފާތުކުރުން ނުގެންގުޅުމަށް އެ ގައުމުތަކުން އީރާނާއި އޮމާންގެ އޮފިޝަލުންގެ ކިބައިން އެދިފައިވާ ކަމަށް ވެސް އެ ފަރާތްތަކުން ބުނެ އެވެ.
ހަނގުރާމަ ފެށުމުގެ ކުރިން ދުނިޔޭގެ ތެލާއި ގޭސް (އެލް.އެން.ޖީ) ގެ ފަސްބައިކުޅަ އެއްބައި ސަޕްލައި ދަތުރުކުރީ އެ ކަނޑުއޮޅި މެދުވެރިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ