ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އެމްއެންޔޫގެ ދަރިވަރުންނާއި މުވައްޒަފުންނަށް އަމާޒުކޮށްގެން ހިމަބިހި ފެތުރުން ކޮންޓްރޯލްކުރުމަށް ހިންގާ ޚާއްޞަ ވެކްސިން ޕްރޮގްރާމް އިފްތިތާޙްކޮށްފިއެވެ. މިއީ ޞިއްޙީ ވުޒާރާއާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީއާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
ހިމަބިހި ފެތުރުން ކޮންޓްރޯލްކުރުމަށް އެމްއެންޔޫއިން އިސްނަގައިގެން ކުރިއަށްގެންދާ "މީސެލްސް އައުޓްބްރޭކް ރެސްޕޮންސް އިމިއުނައިޒޭޝަން ޕްރޮގްރާމް" އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޞިއްޙީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ރަފީޤު ޙަސަނެވެ. މި ރަސްމިއްޔާތުގައި އެމްއެންޔޫގެ ޗާންސެލަރ ޑޮކްޓަރ މަހްމޫދު ޝައުޤީއާއި، ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމާއި އެޗްޕީއޭގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޞިއްޙީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ރަފީޤު ޙަސަން ވިދާޅުވީ، މިވަގުތު މި ބަލި ފެތުރެމުންދާ މީހުންގެ ތެރޭގައި ގިނައީ އުމުރުން 15 އަހަރާއި 30 އަހަރާ ދެމެދުގެ މީހުން ކަމަށެވެ. ހިމަބިއްސަކީ ހަލުވިކަމާއެކު ފެތުރޭ ބައްޔެއް ނަމަވެސް ވެކްސިން ޖެހުމުގެ ސަބަބުން މި ބަލިން ފަސޭހަކަމާއެކު ރައްކާތެރިވެވިދާނެކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމުން ބަލިޖެހުމުގެ ފުރުސަތު %97 ކުޑަވޭ. އަދި ބަލި ޖެހުނު ކަމުގައި ވިޔަސް ބަލީގެ ނުރައްކާ ވަރަށް ބޮޑަށް ކުޑަވެގެންދޭ. މިހާތަނަށް މި ބަލި ކޮންޓްރޯލް ކުރުމަށް ކުރެވުނު މަސައްކަތުގެ ދަށުން 4,468 މީހުންނަށް ވެކްސިން ދީފައިވޭ." ސްޓޭޓް މިނިސްޓަރު ރަފީޤު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ، މިއީ ހިމަބިހި ފެތުރުން ހުއްޓުވުމަށް ސަރުކާރުން ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެއްކަމަށެވެ. އަދި މިއީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ދުޅަހެޔޮ ޞިއްޙަތާއި މުޖުތަމަޢުގެ ލާބަ ހާސިލުކުރުމަށް ބަލިތަކުން ރައްކާތެރިވުމާއި އާންމު ޞިއްޙަތު ރައްކާތެރިކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަމަށެވެ.
"މިފެށުނު ވެކްސިން ދިނުމުގެ ކެމްޕޭނަކީ ހިމަބިހި ކޮންޓްރޯލްކުރުމަށް އެޅިވަރަށް މުހިންމު ފިޔަވަޅެއް. އެހެން ކަމުން މިހަރަކާތުގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވާ އުމުރުފުރާތަކުގެ ކުދިން ވެކްސިން ފުރިހަމަކުރުމަށް އިލްތިމާސްކުރަން." ޑރ. އައިޝަތު ޝެހެނާޒް ވިދާޅުވިއެވެ.
އެމްއެންޔޫއިން ވިދާޅުވީ އެ ޔުނިވަރިސިޓީގެ މިއަހަރުގެ ފުރަތަމަ ސެމިސްޓަރގެ ކިޔެވުން ނިމުމަކާ ގާތްވެފައިވުމުން މި ހަރަކާތް އަތޮޅުތަކުގައި ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23ގެ ފަހުންކަމަށެވެ. ނަމަވެސް މި މުއްދަތުގައި މާލޭގެ ކެމްޕަސްތަކުގައި ވެކްސިން ދިނުމުގެ ހަރަކާތް ކުރިއަށްދާނެކަމަށް އެ ޔުނިވަރސިޓީން މަޢުލޫމާތުދެއްވައެވެ.
ހިމަބިއްސަކީ ރާއްޖޭގައި ނައްތާލެވިފައިވާ ބައްޔެއް ނަމަވެސް މިއަހަރު މޭމަހުން ފެށިގެން ހިމަބިހީގެ ކޭސްތައް ރާއްޖޭގައި ފެންނަ މިންވަރު ވަނީ އިތުރުވެފައެވެ. އެހެންކަމުން މި ބައްޔާމެދު އާންމުން ހޭލުންތެރިކުރުމަށް ތަފާތު ހަރަކާތްތައް ހިންގުމުގެ އިތުރުން ބަލިން ރައްކާތެރިވުމަށް އާންމުކޮށް ހުޅުވާލައިގެން ވެކްސިން ޖެހުމުގެ މަސައްކަތްވެސް އެޗްޕީއޭއިން ވަނީ ފަށާފައެވެ.
ހިިމަބިހިން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް އެމްއެންޔޫއިން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ