ދިރާގު ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް، އެއްވެސް އިތުރު ފީއަކާ ނުލައި ދިރާގު ލިމިޓެއްނެތް ފައިބަރ ޕްލޭންތަކަށް އަޕްގްރޭޑް ކުރުމުގެ ފުރުސަތު އެ ކުންފުނިން މިއަދު ހުޅުވައިލައިފިއެވެ.
މި ޕްރޮމޯޝަންގެ ދަށުން، ޕްލޭން އަޕްގްރޭޑް ކުރާ ކަސްޓަމަރުންނަށް ދެ މަސް ދުވަހުގެ މުއްދަތަށް އިތުރު ފީއަކާ ނުލައި ހިދުމަތް ބޭނުންކުރުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.
މި ޕްރޮމޯޝަންގެ މައިގަނޑު މަގްސަދަކީ ކަސްޓަމަރުންނަށް އިތުރު ފީއަކާ ނުލައި ހަލުއި ސްޕީޑާއި އަންލިމިޓެޑް އިންޓަރނެޓް ތަޖުރިބާކޮށްލުމުގެ މަގު ފަހިކޮށްދިނުމެވެ. މި ގޮތުން، ދިރާގުގެ ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންގެ ތެރެއިން ކަނޑައެޅިފައިވާ ވަކި ޕެކޭޖްތައް ބޭނުންކުރަމުންދާ ކަސްޓަމަރުންނަށް 31 ޖުލައިގެ ނިޔަލަށް އެއްވެސް އިތުރު ފީއަކާ ނުލާ ލިމިޓެއްނެތް ޕްލޭންތަކަށް ބަދަލުވެވޭނެއެވެ.
މި ޕްރޮމޯޝަންގެ ދަށުން ހިލޭ އަޕްގްރޭޑް ކުރެވޭނެ ޕެކޭޖުތަކުގެ ތެރޭގައި ފައިބަރ 5އެމް ސްޓާޓަރ، ފައިބަރ 5އެމް ބޭސިކް، ފައިބަރ 5އެމް، ފައިބަރ 10އެމް ބޭސިކް އަދި ފައިބަރ 15އެމް ސްޓާޓަރ ހިމެނެއެވެ. މީގެ އިތުރުން ޝަރުތުހަމަވާ އެހެނިހެން ޕެކޭޖުތައް ބޭނުންކުރާ ކަސްޓަމަރުންނަށް ވެސް މި ފުރުސަތު ލިބިގެންދާނެ ކަމަށް ދިރާގުން މައުލޫމާތުދެއެވެ.
ޕެކޭޖު އަޕްގްރޭޑް ކުރަން ބޭނުންވާ ކަސްޓަމަރުންނަށް ދިރާގު އަޕްގްރޭޑް ޕޯޓަލް ނުވަތަ މައި އެކައުންޓް މެދުވެރިކޮށް މި ހިދުމަތް ފަސޭހަކަމާއެކު ހޯދޭނެއެވެ. މީގެ އިތުރުން ދިރާގުގެ ކަސްޓަމަރ ސަރވިސް ސެންޓަރަކަށް ޒިޔާރަތްކޮށްގެން ވެސް ޕެކޭޖް އަޕްގްރޭޑް ކުރުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.
މި ޕްރޮމޯޝަންގެ ސަބަބުން ކަސްޓަމަރުންގެ އިންޓަރނެޓް ތަޖުރިބާ އިތުރަށް ފުރިހަމަވެ، ވީޑިއޯ ސްޓްރީމް ކުރުމާއި، ޑައުންލޯޑް ކުރުމާއި، އޮންލައިން ގޭމިންގް އަދި ވީޑިއޯ ކޯލްތަކުގެ އިތުރުން ގޭގައި ތިބެގެން މަސައްކަތްކުރާ ފަރާތްތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
ދިވެހިރާއްޖޭގެ މުވާސަލާތީ އަދި ޑިޖިޓަލް ހިދުމަތްތައް އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެމުންދާ ދިރާގުން ބުނީ، އެ ކުންފުނީގެ އަމާޒަކީ އީޖާދީ އުފެއްދުންތަކާއި އައު ހިދުމަތްތައް މެދުވެރިކޮށް، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ދިރިއުޅޭ ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް މުއްސަނދިކޮށްދިނުމެވެ. މިގޮތުން ކުންފުނީގެ ހިދުމަތްތައް ފުޅާކޮށް އިތުރަށް ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ދިރާގުން ފާހަގަކުރެއެވެ.
ދިރާގު ލިމިޓެއްނެތް ފައިބަރއަށް ހިލޭ އަޕްގްރޭޑް ކުރެވޭ ޕްރޮމޯޝަނެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ