އެމަނިކުފާނަކީ އެއްވެސް އިރެއްގައި މަގުމަތިން ސަރުކާރެއް ވައްޓާލަން އެހާ ބޮޑަށް ބޭނުންވި މީހެއް ނޫންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެންޕެއިންނަށް ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މާފަރަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނަކީ އެއްވެސް އިރެއްގައި މަގުމަތިން ސަރުކާރެއް ވައްޓާލަން އެހާ ބޮޑަށް ބޭނުންވި މީހެއް ނޫން ކަމަށެވެ. އެހެންނަމަވެސް ރައީސް ޑރ. މުއިއްޒު ހުންނެވީ އަމިއްލައަށް ވެއްޓެން ތައްޔާރަށް ކަމަށް ވިދާޅުވިއެވެ. އެގޮތުން އިޝްގުގައި މާބޮޑަށް ބޭގަރާރުވެ ސަރުކާރުގެ އެއްވެސް ކަމެއްގައި ރައީސް ހަރަކާތްތެރިވެވަޑައިގެން ނުއުޅުއްވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒުގެ ޒާތީ ކަންކަމަކީ އެމްޑީޕީން ކަންބޮޑުވާ ކަމެއް ނޫން ކަމަށާއި އެބޭފުޅުން ކަންބޮޑުވަނީ ރާއްޖޭގެ ތަނަވަސްކަމާއި ރައްޔިތުންގެ ފުދުންތެރިކަމަށް އެމަނިކުފާނު ވިސްނުން ނުބަހައްޓަވާތީ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ސަރުކާރު ބަދަލުވާނީ ކޮން އިރަކުން ކަމެއް ނޭނގޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
”ސަރުކާރު ބަދަލުވާނީ ކޮންއިރަކުން ކަމެއް ނޭނގޭ. 2028ގައި ތޯ ނޫނީ މާދަމާތޯ ނޭނގޭ. އާންމު ގޮތެއްގައި ދެން އޮތީ 2028 ގައި ބަދަލުވާން. އަޅުގަނޑަކީ އެހާ ބޮޑަށް މަގުމަތިން ސަރުކާރެއް ވައްޓާލާން ބޭނުންވާ މީހެއް ނޫން،“ ރައީސް ނަޝީދު
ރައީސް ނަޝީދުގެ ވާހަކަ ކުރިއަށް ގެންދަވަމުން ވިދާޅުވީ ރައީސް ޑރ. މުއިއްޒުގެ މަގުބޫލުކަން މިހާރު އޮތީ އިންތިހާއަށް ދަށްވެފައި ކަމަށެވެ. އެގޮތުން އިންތިހާބެއް ހަމަ ބާއްވާ އިރަށް ބަލިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބަށް އިޝާރަތްކުރައްވާ ވިދާޅުވީ، އެ އިންތިހާބުންވެސް ވީ ބަލިކަމަށާއި ރެފަރެންޑަމް ވޯޓުންވެސް ބަލިވީ ކަމަށާއި، އަދި އައްޑޫ ހިތަދޫ ބައި އިލެކްޝަނުންވެސް ވީ ބަލިކަމަށެވެ. އެއާއެކު ލޯކަލް އިންތިޚާބަށް ފަހު ދޮންފަނުން ނެގި ވޯޓުންވެސް ވީ ބަލިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ޗެއާޕާސަންގެ މަގާމަކީ ހަމައެކަނި ޕާޓީގެ އިދާރީ ކަންކަން ބެލެހެއްޓުމަށް އޮތް މަގާމެއް ނޫން ކަމަށާއި، އެއީ ސަރުކާރު ބަދަލުކުރުމަށް ބޭނުންކުރާނެ އެންމެ ވަރުގަދަ ވަސީލަތް ކަމަށެވެ. މި ހުރިހާ ދުވަހު ސަރުކާރުން ވަނީ އެމްޑީޕީއަށް ނިދާ ބޭސް ދީގެން ނިންދަވާފައިކަމަށާއި އެމްޑީޕީއަކީ ސަރުކާރުން ދޭ ނިދާ ބޭހެއް ކައިގެން ނިދާފައި އޮންނަންޖެހޭ ޕާޓީއެއް ނޫން ކަމަށާއި، މިހާރު އެ ނިދިން ހޭލަންވެއްޖެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ސަރުކާރުގެ މަގުބޫލުކަން ޕީއެންސީގެ އެތެރޭގައާއި ރައްޔިތުންގެ މެދުގައި ދަށަށް ދަނީ ރައީސް މުއިއްޒުގެ ކިބައިން ފެންނަ ބޭވަފާތެރިކަމުގެ ސިފަތަކުގެ ސަބަބުން ކަމަށް ނަޝީދު ތުހުމަތު ކުރެއްވިއެވެ. އެގޮތުން، ވެރިކަމަށް ވަޑައިގަތުމަށް ކުރީގެ ރައީސް އަބްދުالله ޔާމީންގެ ނަންފުޅު ބޭނުން ކުރެއްވުމަށްފަހު، ބާރު ލިބުމުން އެމަނިކުފާނަށް ބޭވަފާތެރިވެވަޑައިގެންފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ސަރުކާރުގެ ކެބިނެޓް ބަދަލުކުރައްވާ ދިފާއީ ވަޒީރު ޣައްސާނު މައުމޫން ވަޒީރުކަމުން ވަކިކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ބޭވަފާތެރިކަމުގެ ލާމަސީލު މިސާލެއްކަމަށް ނަޝީދު ވިދާޅުވިއެވެ.
އަތޮޅުތެރެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން އެމަނިކުފާނު ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. ރައީސް ނަޝީދު ވަނީ ކުރިއަށް އޮތް ޗެއާޕާސަން އިންތިޚާބުގައި މާފަރުގެ ރައްޔިތުން މިކަމުގައި އެއްބާރުލުން ދިނުމަށް ގޮވާލާފައެވެ. މިގޮތުން ސަރުކާރު ޖަވާބުދާރީކުރުވާ ރައީސް ޑރ. މުއިއްޒުގެ އަތްފުޅާކުރުން ހުއްޓުވުމަށް އެންމެން ނިކުންނަންޖެހޭކަމަށް ވިދާޅުވިއެވެ.
އެއްވެސް އިރެއްގައި މަގުމަތިން ސަރުކާރެއް ވައްޓާލާކަށް ބޭނުމެއް ނޫން: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ