ނުއޭވޯ ލެއޯން، މެކްސިކޯ (ޖޫން 30) - ފީފާ ވޯލްޑް ކަޕްގެ ގަދަ 32 ޓީމުގެ ބުރުގައި ޕެނަލްޓީ ޖަހައިގެން ނެދަލެންޑްސް ބަލިކޮށް މޮރޮކޯ އިން މުބާރާތުގެ ގަދަ 16 ބުރުން ޖާގަ ހޯދައިފި އެވެ.
މެޗުގެ 90 މިނިޓާއި އިތުރު ވަގުތުގެ ދެ ހާފު ނިމުނުއިރު، މޮރޮކޯ އާއި ނެދަލެންޑްސް 1-1 އިން އެއްވަރުވިއިރު، ޕެނަލްޓީގައި މޮރޮކޯ މޮޅުވީ 3-2 އިންނެވެ.
މިއީ، 2017 ވަަނަ އަހަރު އެކުވެރިކަމުގެ މެޗެއްގައި މި ދެ ޓީމުން ކުޅުނު ފަހުން، މި ދެ ޓީމުން ބައިނަލްއަގުވާމީ ލެވަލްގެ މެޗެއްގައި ކުޅުނު ފުރަތަމަ ފަހަރެެވެ. މޮރޮކޯ އާއި ނެދަލެންޑްސްގެ ފަރާތުން މި މެޗުގައި ފިޒިކަލް ކުޅުމެއް މެޗުގެ ފުރަތަމަ ވަގުތުތަކުން ފެށިގެން ފެނިގެންދިޔައިރު، މެޗުގެ ރެފްރީ، ބްރެޒިލްގެ ވިލްޓަން ސަމްޕައިއޯ އަށް ވަނީ އުނދަގޫ ނިންމުންތަކެއް ނިންމަން ޖެހިފަ އެވެ.
ފުރަތަމަ ހާފުގައި މޮރޮކޯ އިން ރަނގަޅު ހަމަލާތަކެއް ފޮނުވާލި އެވެ. އެ ގޮތުން، ކޯނަރެއްގައި މޮރޮކޯގެ ނީލް އެލް އައިނައޫއީ ބޮލުން ޖެހި ބޯޅަ ނެދަލެންޑްސްގެ ކީޕަރު، ބާޓް ވާބްރޫގެން ވަނީ މަތަކޮށްފަ އެވެ. އަދި، މޮރޮކޯގެ ކެޕްޓަން، އަޝްރަފް ހަކީމީ، އޭރިއާ ރޮނގުކައިރިން މަތީ ކަނަށް ފޮނުވާލަން ޖެހި ބޯޅަ ވެސް ކީޕަރު ވަބްރޫގެން ވަނީ މަތަކޮށްފަ އެވެ.
ނެދަލެންޑްސް އިން ފުރަތަމަ ހާފުގައި ގޯލ ސީދާކޮށް ފޮނުވާލި އެއް ހަމަލާ އަކީ އޭރިއާބޭރުން އެ ޓީމުގެ މިކީ ވެން ޑަ ވީން ޖެހި ޝޮޓެވެ. އެ ގޮތުން، ވެން ޑަ ވީން ފޮނުވާލި އެ ބޯޅަ ދިޔައި މޮރޮކޯގެ. ކީޕަރު، ޔާސީން ބޯނޯ އަތުގައި ޖެހިފައި ހުރަސްދަނޑިމަތިން ބޭރުންނެވެ.
ފުރަތަމަ ހާފުގެ ފަހުކޮޅުގައި ނެދަލެންޑްސްގެ އޭރިއާތެރެއިން، މޮރޮކޯ އިން ހިލޭ ޖެހުމަކުން ނެގި ހުރަހަަކަށް އެރި އެ ޓީމުގެ ފޯވާޑް، އިސްމާއިލް ސައިބާރީ އަށް އެ ބޯޅަ ގޯލަށް ފޮނުވާލެވޭ ގޮތެއްނުވި އެވެ. ދެ ވަނަ ހާފުގެ ކުރީކޮޅުގައި، ނެދަލެންޑްސް އޭރިއާތެެރެއިން ލިބުނު ފުރުސަތެއްގައި ހަކީމީ ޖެހި ޝޮޓެއް ހުރަސްދަނޑީގައި ޖެހިފައި ބޭރުވި އެވެ.
ހައިޑްރޭޝަން ބްރޭކަށް ފަހު، ކުޅުން ފަށައިގެން މޮރޮކޯ އިން ލަސްކޮށް ފެށިއިރު، ސަމާލުކަން ކުޑަވުމުގެ ފައިދާނަގައި، ނެދަލެންޑްސް އިން ތަނަވަސްވި ފުރުސަތުގައި ލަނޑު ޖެހި އެވެ. އެ ގޮތުން، އެ ޓީމުގެ ލަނޑު ޖެހީ 72 ވަަނަ މިނިޓްގައި ކޯޑީ ގަކްޕޯ އެވެ. މިއީ، ނެދަލެންޑްސްގެ ކްރައިސެންސިއޯ ސަމަވިލް ދިން ބޯޅައަކުން އޭރިއާތެެރެއިން ގަކްޕޯ ޖެހި ގޯލެކެވެ.
ނެދަލެންޑްސް އިން އެ ފަހުން ފަހަތަށް ޖެހިގެން ޑިފެންސް ކުރަމުން ދަނިކޮށް، މޮރޮކޯ އިން ނަތީޖާ ހަަމަހަމަކުރި ލަނޑު ޖެހީ މެޗުގެ އިތުރު ވަގުުތުގަ އެވެ. އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނިޓްގެ ތެރެއިން ފުރަތަމަ މިނިޓްގައި ޗެމްސްދިން ޓަލްބީ ނެގި ހުރަހަކުން މި ލަނޑު ޖެހީ އީސާ ދިއޮޕް އެވެ. މިއީ، ދިއޮޕް އެ ޓީމަށް ޖަހައިިދިން ފުރަަަތަމަ ގޯލެވެ.
އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި، މޮރޮކޯގެ ސޯފިއަން ރަހީމީ ހުސްކޮށް ވަދެ ޖެހި ޝޮޓެއް ނެދަލެންޑްސްގެ ކީޕަރު ވަބްރޫގެން ވަނީ މަތަކޮށްފަ އެވެ. ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ އަށް ދާށެވެ.
އެ ގޮތުން، ނެދަލެންޑްސްގެ ފުރަތަމަ ޕެނަލްޓީ، ޓިއެމް ކޫޕްމައިނާސް ވަނީ ކާމިޔާބުކޮށްފަ އެވެ. އެކަމަކު، މޮރޮކޯގެ ފުރަތަމަ ޕެނަލްޓީ އެލް އައިނޫއީ ޖެހި ޕެނަލްޓީ އަމާޒުވީ ހުރަސްދަނޑިއަށެވެ. ނެދަލެންޑްސްގެ ދެ ވަނަ ޕެނަލްޓީ، ޖަސްޓިން ކްލައިވަޓް ޖެހި ޝޮޓް އަމާޒުވީ ދަނޑިއަށެވެ. އޭގެ ފަހުން، މޮރޮކޯގެ ދެ ވަނަ ޕެނަލްޓީ ރަހީމީ ފޮނުވާލިިއިރު، އެ ބޯޅަ ގޯލަށް ވަނީ ވަބްރޫގެން އަތުގައި ޖެހިފައި، ދަނޑީގައި ވެސް ޖެހިފަ އެވެ. ވައުޓް ވެގްހޯސްޓް ވަނީ ނެދަލެންޑްސްގެ ތިން ވަނަ ޕެނަލްޓީ ވައްދާލައިފަ އެވެ. ތަލްބީ، މޮރޮކޯގެ ތިން ވަނަ ޕެނަލްޓީ ކާމިޔާބުކުރިއިރު، ނެދަލެންޑްސްގެ ހަތަރު ވަނަ ޕެނަލްޓީ ކުއިންޓަން ޓިމްބާ އަތުން ނާކާމިޔާބުވިއިރު، މޮރޮކޯގެ ހަތަރު ވަނަ ޕެނަލްޓީ ޖެހި އަޝްރަފް ހަކީމީ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ނެދަލެންޑްސްގެ ފަސް ވަނަ ޕެނަލްޓީ، ސަމަވިލް ފޮނުވާލިއިރު، މޮރޮކޯ ކީޕަރު ޔާސީން ބޯނޯ މަތަކުރުމުން، ސައިބާރީ ފަސް ވަނަ ޕެނަލްޓީ ވައްދާލައި އެ ޓީމު މޮޅުކޮށްދިނެވެ.
މޮރޮކޯ އިން މުބާރާތުގެ ގަދަ 16 ބުރުގައި ކުޅޭނީ، ކެނަޑާއާ އެވެ.
ޕެނަލްޓީގައި ނެދަލެންޑްސްގެ މައްޗަށް ކުރިހޯދައި މޮރޮކޯ ގަދަ 16 އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ