މާލޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް، އެކަކަށް ފަރުވާދެނީ

މާލޭގެ މައްޗަންގޮޅީގައި ހުރި ގެއެއްގައި މިއަދު ހެނދުނު އަލިފާނުގެ ހާދިސާއެއް ހިނގައި، އެކަކަށް ފަރުވާދޭން ފަށައިފިއެވެ. ފުލުހުންނާއި ސިފައިން މައުލޫމާތު ދޭ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މައްޗަންގޮޅި އާމިނާ ރަނި ހިނގުމުގައި ހުރި މއ. ސުއްކަތުރާ ގޭގައެވެ. މި ހާދިސާ ހިނގީ މިއަދު ހެނދުނު 09:46 ހާއިރެވެ. އެމްއެންޑީއެފްއިން ބުނީ، އަލިފާން ރޯވީ އެ ގޭގެ ބަދިގެއާއި ސިޓިންގް ރޫމް ހިމެނޭ ބައިގައި ހުރި ކަބަޑު ސެޓެއްގެ ތިރީ ބައިގައި ކަމަށެވެ. ފަޔާ އެންޑް ރެސްކިއު ސާވިސްއިން ކުރި މަސައްކަތުން، މިހާރު ވަނީ އަލިފާންގަނޑު އެއްކޮށް ނިއްވައިފައި ކަމަށް ވެސް ބުންޏެވެ. ސިފައިން މިހާރު ކުރަމުންދަނީ އެ ސަރަހައްދުގައި ހިފާފައިވާ ދުންތައް ބޭރުކުރުމުގެ މަސައްކަތެވެ. މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން އެކަކަށް ފަރުވާ ދިނުމަށް ޓަކައި ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް އެ މީހާގެ ހާލަތާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. އެމްއެންޑީއެފާއި ފުލުހުން އަދިވެސް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ