އަޟްހާ އީދު ދުވަހުގެ ހަވީރު މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާ

1446 ވަނަ އަހަރުގެ އަޟްހާ އީދު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް ގްރޭޓަރ މާލޭގެ ޢާންމު ހުރިހާ މަގުތަކަކީ ވެހިކަލް ނުދުއްވާ މަގުތަކެއްގެ ގޮތުގައި މާލެ ސިޓީ ކައުންސިލުން ހަމަޖައްސައިފިއެވެ.
މިއީ މިދިޔަ އަހަރުގެ ޖޫން 13 ވަނަ ދުވަހު ބޭއްވުނު މާލޭ ސިޓީ ކައުންސިލުގެ 04 ވަނަ ދައުރުގެ 150 ވަނަ ރަސްމީ އާންމު ޖަލްސާގައި ނިންމި ނިންމުމެއްގެ ދަށުން އަންނަ ބަދަލެކެވެ. އެގޮތުން، ކޮންމެ އަހަރެއްގެވެސް ފިތުރު ޢީދު އަދި އަޟްޙާ ޢީދު ދުވަސްތަކުގެ ހަވީރު 16:00 އިން 18:00 އަށް މާލެ ސިޓީގައި ވެހިކަލް ނުދުއްވާ ވަގުތެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
ނަމަވެސް، އެމެޖެންސީ ހާލަތްތަކުގައި ދަތުރުކުރާ ވެހިކަލްތަކަށް ހާއްސަ ސްޓިކަރެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ސްޓިކާ 2025 ޖޫން 6 ވަނަ ދުވަހުގެ ހެނދުނު 08:30 އިން 10:30 އަށް އަދި މެންދުރުފަހު 14:00 އިން 15:45 އަށް މާލެ ސިޓީ ކައުންސިލްގެ ޢާންމު ޚިދުމަތާއި ބެހޭ ބައިން ދޫކުރާނެކަމަށް ކައުންސިލުން މަޢުލޫމާތު ދީފައިވެއެވެ.
މާލެ ސިޓީ ކައުންސިލުން ވަނީ މި ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް އިންޒާރުދީފައެވެ. އެގޮތުން، ކަނޑައެޅިފައިވާ ގަޑީގައި އިންޖީނުލީ އަދި ބެޓެރި އުޅަނދު ދުއްވުމަކީ މަނާކަމެކެވެ.
އީދު ދުވަހަކީ ދިވެހިން ކުލަގަދަކޮށް ފާހަގަކުރާ ދުވަހަކަށް ވުމާއެކު، މި އަހަރުވެސް އެމްއެންޑީއެފްއިން ”އީދުހަވީރު 1446“ ގެ ނަމުގައި ޤައުމީ ފެންވަރުގެ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ