ފުލުހުންގެ މުއައްސަސާއިން އެންމެ ވަރުގަދަ އަޒުމަކާއެކު ކާމިޔާބު ކުރަންޖެހޭ މަސައްކަތަކީ ޑްރަގްގެ ވަބާއިން ރާއްޖެ ސަލާމަތްކުރުން ކަމަށް، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
42 ވަނަ ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، ވަޒީރު ވަނީ ރާއްޖޭގެ ކުށުގެވެއްޓާއި ފުލުހުން ކުރަންޖެހޭ މަސައްކަތްތަކަށް އަލިއަޅުވާލައްވާފައެވެ.
އެތައް އަހަރެއް ވަންދެން، ރާއްޖޭގެ ދާޚިލީ ސަލާމަތަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މަސްތުވާތަކެތީގެ މައްސަލަކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އިންތިޒާމްވެގެން ހިންގާ ކުށްތަކަށް ފަންޑުވެސް ކުރަނީ މަސްތުވާތަކެތީގެ ތެރެއިންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އެހެންކަމުން މަސްތުވާތަކެތި ހުއްޓުވަމީ ޤައުމުގެ މަސްލަހަތު ޤާއިމްކުރުމަށް މުހިންމުކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އެއީ އުދަނގޫ މަސައްކަތަކަށްވީ ނަމަވެސް، ފާއިތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި އެ ދާއިރާއިން މުހިންމު މަސައްކަތްތަކެއް ކޮށްފައިވާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ރާއްޖޭގައި އާއްމުކޮށް ހިންގާ ކުށްތަކަށް ހޭލުންތެރިވެ، އެ ކަންކަމާއި ކުރިމަތިވުމަށް ފުލުހުން ފުރިހަމައަށް ތައްޔާރުވެތިބުމަށް ވަޒީރު އިޙްސާން އިލްތިމާސްކުރެއްވިއެވެ.
"ކުރާ ކުށަށް ވަރަށް ރަނގަަޅަށް ޖަވާބުދޭން ވާނެ. އެތައް އަހަރެއްވީ ހުރަހެއް ޑްރަގްގެ ވަބާއަކީ. އާއިލީ ނުތަނަވަސްކަން ގެނެސް ފަރުދުން ހަލާކުކޮށްލާ. ފުލުހުންނާ ހަވާލުކޮށްފައިވާ އެންމެ ވަރުގަދަކޮށް ހިފަންޖެހޭ ކަމަކީ މިއީ. ފުލުހުން އެންމެ ކާމިޔާބުކަމާއެކު ނިންމަންވީ މިޝަންއަކީ ޑްރަގްގެ ވަބާއިން ސަލާމަތްވުން." ވަޒީރު އިޙްސާން ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފުލުހުންގެ މަސައްކަތްތައް ބައްޓަންކުރަން ޖެހޭ ގޮތުގެ އިރުޝާދުތައް ވަޒީރު ވަނީ ދެއްވާފައެވެ.
ފުލުހެއްގެ އެންމެ ވަރުގަދަ ހަތިޔާރަކަށް ވާން ވާނީ ބެޓަނާއި އެ ނޫން ހަތިޔާރުތައް ނޫންކަމަށާއި، ފުލުހުންގެ އެންމެ ވަރުގަދަ ހަތިޔާރަކީ ފުލުހުންނަށް އޮތް އިތުބާރު ކަމަށް ވަޒީރު ވިދާޅުވިއެވެ. ކިބުރުވެރިކަމެއް ނެތި ނަޒާހަތްތެރިކަމާއެކު ޚިދުމަތްކުރުމަކީ ފުލުހުންގެ ޒިންމާ އަދާކުރުމަކީ އާއްމުންގެ އިތުބާރު ދެމެހެއްޓުމަށްޓަކާ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މަސްތުވާތަކެތީގެ ވިޔާފާރިކުރާ ފަރާތްތައް ހުއްޓުވުމަށް ކުރާ މަސައްކަތުގެ ފުރިހަމަ ނަތީޖާ އަންނަ އަހަރު ހާސިލުވާނެކަމަށް މީގެ ކުރިން ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ. މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް ޓާގެޓްކޮށްގެން ފުލުހުންކުރާ މަސައްކަތް އަންނަ އަހަރު އިތުރަށް ވަރުގަދަކުރާނެ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ވަޒީރު ފުލުހުންނަށް ގޮވާލެއްވީ މަސްތުވާތަކެތި ހުއްޓުވަން އިސްކަންދިނުމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ