ޕްލާސްޓިކް ތަކެތި އުފެއްދުމަށް ބޭނުންކުރާ ޕްރީ-ޕްރޮޑަކްޝަން ޕްލާސްޓިކުގެ ބާވަތެއް ކަމަށްވާ "ޕްލާސްޓިކް ނާޑްލްސް" ރާއްޖޭގެ އުތުރުގެ ބައެއް ރަށްރަށުގެ ގޮނޑުދޮށްތަކުން ފެނިއްޖެ އެވެ.
ވެށި ބޮޑު ނުރައްކަލަކަށް ހުށަހެޅޭ މި ބާވަތުގެ ޕްލާސްޓިކްކޮޅުތައް މިހާތަނަށް އުތުރު ދެ ރަށަކުން ފެނިފައިވާއިރު، އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އިން ވަނީ މި ތަކެތި ފެންނަ ރަށްރަށުން އެ އިދާރާއަށް ރިޕޯޓްކޮށްދިނުމަށް ވެސް އެދިފަ އެވެ. އީއާރުއޭ އިން އަންނަނީ މިކަމާ ގުޅޭ ސާވޭތައް ވެސް ކުރަމުންނެވެ.
އީއާރުއޭ އިން ހދ. ހަނިމާދޫ ކައުންސިލަށް އިއްޔެ ފޮނުވި ސިޓީއެއްގައި ބުނީ އަލިފާން ރޯވެ ސްރީ ލަންކާގެ ކޮލަމްބޯގެ އައްސޭރި ކައިރިއަށް މެއި 2021 ގައި އަޑިއަށް ދިޔަ "އެކްސް-ޕްރެސް ޕާލް" އިން ގާތްގަނޑަކަށް 1،680 މެޓްރިކް ޓަނުގެ ޕްލާސްޓިކް ނާޑްލްސް، އަދި އިންޑިއާގެ ކެރެލާ ކޯސްޓް ސަރަހައްދަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އަޑިއަށް ދިޔަ "އެމްއެސްސީ އެލްސާ 3" އިން ލީކުވެފައިވާ ގާތްގަނޑަކަށް 22 ޓަނުގެ ޕްލާސްޓިކް ނާޑްލްސް އެ ގައުމުތަކުގެ ގޮނޑުދޮށްތަކަށް ޖަމާވެ، އެ ސަރަހައްދު ވަރަށް ބޮޑަށް ތަޣައްޔަރުވެފައިވާ ކަމަށެވެ.
ޕްލާސްޓިކް ތަކެތި އުފެއްދުމަށް ބޭނުންކުރާ މި ނާޑްލްސްއަކީ 1-5 މިލިމީޓަރުގެ ހުދު ނުވަތަ ޓްރާންސްލޫސެންޓްކޮށް، މުގު ފުށްތަކެއް ގޮތަށް ހުންނަ އެއްޗެކެވެ.
އީއާރުއޭގެ ސިޓީގައި ބުނީ މި ނާޑްލްސްއަކީ އަޑިއަށް ނުގޮސް ކަނޑުގެ އޮޔާއި ވަޔާ އެކު ދުރަށް ދަތުރުކުރާ އަދި ނެތިފަނާނުވެ ގިނަ ދުވަސްތަކެއް ވަންދެން ހުންނަ އެއްޗަކަށް ވާތީ، މޫސުން ބަދަލުވާ ދުވަސްވަރު އޮއިވަރާ އެކު ރާއްޖޭގެ ގޮނޑުދޮށްތަކަށް އައުމުގެ ފުރުސަތު ވެސް އޮންނަ ކަމަށެވެ. އެހެންވެ، މިކަމާ ގުޅިގެން އެ އޮތޯރިޓީން ކުރަން ޖެހޭ ދިރާސާތައް ކުރަމުން އަންނަ ކަމަށާއި މިގޮތަށް ކުރެވުނު ދިރާސާއަކުން ރާއްޖޭގެ ބައެއް ރަށްރަށުން މިހާރު ނާޑްލްސް ފެނިފައިވާ ކަމަށް އެ ސިޓީގައިވެ އެވެ.
އެ ސިޓީގައި ބުނި ގޮތުގައި، މިކަމަކީ ކަނޑުގެ ދިރުންތަކާއި މަސްވެރިކަން އަދި ޓޫރިޒަމަށް މީގެ ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ. އަދި އޭގެ ނޭދެވޭ އަސަރު ސީދާ ގޮތުންނާއި ނުސީދާ ގޮތުން އިންސާނުންގެ ސިއްހަތަށް ވެސް ކުރުމުގެ ފުރުސަތު އޮތުމުން މިކަމާ ގުޅިގެން އިތުރަށް ބަލައި ދިރާސާކޮށް، މި ތަކެތީގެ އަސަރު ރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށްތަކަށް ކޮށްފައިވާ މިންވަރު ދެނެގަތުމަކީ ފިޔަވަޅުތައް އެޅުމަށް މުހިންމު ކަމެކެވެ. އެ ދިރާސާތައް ކުރުމަށް ރަށްރަށުގެ ކައުންސިލްތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށް އީއާރުއޭ އިން ބުންޏެވެ.
އީއާރުއޭ އިން ހަނިމާދޫ ކައުންސިލަށް ފޮނުވި ސިޓީގައި ވެސް ވަނީ އެ ރަށުގެ ގޮނޑުދޮށްތަކަށް ނާޑްލްސް ހުރިތޯ ބަލައިދިނުމަށް އެދިފަ އެވެ.
އީއާރުއޭ އިން މިހާތަނަށް ކޮށްފައިވާ ސާވޭތަކުގައި ހއ. އަތޮޅުން ގޮނޑުދޮށްތަކުން ނާޑްލްސް ފެނިފައިވެ އެވެ. އޮއިވަރަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އުތުރާއި އިރުމަތީ ފަރާތުގެ ރަށްރަށުގެ ގޮނޑުދޮށްތަކަކީ މީގެ އަސަރު އެންމެ ބޮޑަށް ކުރާނެ ސަރަހައްދުތައް ކަމަށް ބެލެވެ އެވެ.
ސިންގަޕޫރުގެ ކޮންޓެއިނަރު ބޯޓު "އެކްސް-ޕްރެސް ޕާލް" ފެތުނު ހާދިސާއަކީ ތާރީޚުގައި ވެސް ހިނގި ކަނޑަށް ޕްލާސްޓިކް ލީކުވުމުގެ އެންމެ ބޮޑު ހާދިސާ އެވެ. މީގެ ސަބަބުން އެ ސަރަހައްދުން ވެލަޔާއި ކޯމަހާއި އެކި ބާވަތުގެ މަސްމަހާމެހި މަރުވުމުގެ އިތުރުން އެ ތަކެތީގެ ބަނޑުން މި ބާވަތުގެ ޕްލާސްޓިކް ފެނިފައިވާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ. އަދި ގޮނޑުދޮށްތަކާއި ފަރުތައް ތަޣައްޔަރުވެ، ޓޫރިޒަމަށް ވެސް އޭގެ ނޭދެވޭ އަސަރު ވަނީ ކޮށްފަ އެވެ.
ޕްލާސްޓިކް ތަކެތި އުފައްދަން ބޭނުންކުރާ ނުރައްކާތެރި ބާވަތެއް އުތުރުގެ ބައެއް ރަށްރަށަށް ލައްގަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ