40 އަހަރުގެ ޚިދުމަތަށްފަހު، ދިރާގުގެ ސީއީއޯ އިސްމާއިލް ރިޓަޔާ ކުރައްވަނީ

ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގައި މަގާމުގައި ހުންނެވި އިސްމާޢިލް ރަޝީދު ރިޓަޔަރކުރައްވަން ނިންމެވުމާ ގުޅިގެން ހިންގުމުގެ އިސް މަގާމަށް އަންނަ ބަދަލުތައް ދިރާގުން އިއުލާނުކޮށްފިއެވެ. އިސްމާޢިލް ރަޝީދަކީ ދިރާގަށާއި އަދި މުޅި ރާއްޖެއަށް ގާތްގަނޑަކަށް 40 އަހަރު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.
ދިރާގުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، އިސްމާޢިލް ރިޓަޔާކުރަން ނިންމުމާއި ގުޅިގެން ދިރާގުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޑެޒިގްނޭޓްގެ ގޮތުގައި ވަލްޑެމާރ ފެރަޑާޒް މިއަދުން ފެށިގެން ދިރާގާ ގުޅިފައިވާކަމަށެވެ.
1988 ވަނަ އަހަރު ދިރާގު އުފެދުނުއިރު އޮތް ޓީމުގައި އިސްމާޢިލް ހިމެނިވަޑައިގަންނަވައެވެ. އިސްމާޢިލްވަނީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަންސް އަދި ޑިޖިޓަލް ކަނެކްޓިވިޓީގެ ތަރައްގީއާ ގުޅޭ މުހިންމު ގިނަ މަސައްކަތްތައް ކުރައްވާފައެވެ.
އެގޮތުން ރާއްޖޭގެ ކޮމިއުނިކޭޝަންސް އުދަރެސް ބަދަލުކުރަނިވި މަޝްރޫއުތައް ލީޑުކުރެއްވުމާއި، މިއަދުގެ ޑިޖިޓަލް އިގްތިޞާދުގެ ބިންގާ އެޅުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައިވާކަން ދިރާގުން ފާހަގަކުރައްވައެވެ.
އިސްމާއިލް އިސްކޮށް މަސައްކަތްކުރެއްވި ބައެއް ބޮޑެތި މަޝްރޫޢުތަކުގެ ތެރޭގައި، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއް ގުޅުވާލަދިން ނެޓްވޯކް ރޯލްއައުޓް ޕްރޮގްރާމާއި، ރާއްޖޭގައި ޖީއެސްއެމް މޯބައިލް ޚިދުމަތް ތައާރަފުކުރުމާއި، 2006 ވަނަ އަހަރު ދިރާގު-އެސް.އެލް.ޓީ ސަބްމެރީން ކޭބަލް ސިސްޓަމް އެޅުމުގެ އިތުރުން ރާއްޖޭގެ އުތުރާއި ދެކުނުގައި ޑޮމެސްޓިކް ސަބްމެރީން ކޭބަލް ގާއިމުކުރުން ހިމެނެއެވެ.
މީގެ އިތުރުން، 2011 ވަނަ އަހަރު ލިސްޓުކުރުމަށް ދިރާގުން ކުރިއަށް ގެންދިޔަ އައި.ޕީ.އޯގައި، ރާއްޖޭގެ އަދި ބައިނަލްއަގްވާމީ އިދާރީ އަދި ރީޓެއިލް އިންވެސްޓަރުންނަށް މި އޮފަރިންގ މާކެޓްކޮށް، މެނޭޖްކުރެއްވުން ހިމެނެއެވެ.
2015 ވަނަ އަހަރު ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރުގެ ގޮތުގައި އިސްމާޢީލް އައްޔަންވުމަށްފަހު ދިރާގަށް ބޮޑެތި ކުރިއެރުންތަކާއި ބަދަލުތަކެއް ގެނެސްދެއްވާފައިވާކަން ދިރާގުން ފާހަގަކުރައްވައެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް 100 އިންސައްތަ ފައިބަރ-ޓު-ދަ-ހޯމް (އެފް.ޓީ.ޓީ.އެޗް) ކަވަރެޖް ފޯރުކޮސްދީފައިވާކަން ފާހަގަކޮށްލެވެއެވެ.
އިސްމާއިލް ރިޓަޔާކުރަން ނިންމެވުމާ ގުޅިގެން, ދެކުނު އެފްރިކާގެ ބޭފުޅެއް ކަމަށްވާ ވަލްޑެމާ ފެރަޑާޒް ވަނީ ދިރާގުގެ ސީއީއޯ ޑެޒިގްނޭޓްގެ ގޮތުގައި މިއަދުން ފެށިގެން ގުޅިވަޑައިގެންފައެވެ.
އޭނާއަކީ 30 އަހަރަށްވުރެ ގިނަ ދުވަހުގެ ބައިނަލްއަގުވާމީ ޓެލެކޮމިއުނިކޭޝަންސް އަދި ޑިޖިޓަލް ސަރވިސަސް ލީޑަރޝިޕްގެ ތަޖުރިބާހުރި ބޭފުޅެކެވެ. އެފްރިކާ، ޔޫރަޕް، އޭޝިއާ އަދި ކެރީބިއަންގެ ޓެލެކޮމިއުނިކޭޝަންސް އަދި ޑިޖިޓަލް ސަރވިސަސް ދާއިރާގައި ޚިދުމަތްކުރައްވާފައެވެ.
ވަލްޑޭ ދިރާގާ ގުޅިވަޑައިގަތުމަކީ، މޯބައިލް އަދި ފިކްސްޑް ޓެލެކޮމިއުނިކޭޝަންސް، ޑިޖިޓަލް ހިދުމަތްތައް، އެންޓަރޕްރައިޒް އަދި ކޮންސިއުމަރ މާކެޓްތަކުގެ އިތުރުން، ވިޔަފާރިތައް އިތުރަށް ހަރުދަނާކުރުމުގެ ފުޅާ ތަޖުރިބާ އެ ކުންފުންޏަށް ލިބިގެންދާނެ ކަމެއްގެ ގޮތުގައި ދިރާގުން ފާހަގަކުރައްވައެވެ.
އޭނާގެ ކެރިއަރުގައި އެކި ގައުމުތަކުގެ ސަރުކާރުތަކާއި، ރެގިއުލޭޓަރުންނާއި، އިންވެސްޓަރުން އަދި ސްޓްރެޓީޖިކް ބައިވެރިންނާއެކު ގާތުން މަސައްކަތްކުރައްވައި، ގައުމީ ޑިޖިޓަލް ތަރައްގީގެ މަޝްރޫއުތައް ކާމިޔާބުކަމާއެކު ކުރިއަށްގެންދަވައި، ބައިނަލްއަގްވާމީ މާކެޓުތަކުގައި ދެމެހެއްޓެނިވި ކުރިއެރުންތަކެއް ވަނީ ހޯއްދަވައިދެއްވައިފައެވެ.
ދިރާގުން ވިދާޅުވީ، މި އިންތިގާލީ މަރުހަލާގައި އިސްމާޢިލް އާއެކު ވާލްޑޭ ގާތުން މަސައްކަތް ކުރައްވާނެކަމަށެވެ. އަދި ކުންފުނީގެ ބޯޑުން ހާމަކުރައްވާފައިވާ ގޮތުގައި، މި ބަދަލުވުމުގެ މަރުހަލާ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ވިޔަފާރީގެ ހިންގުމަށް އެއްވެސް މެދުކެނޑުމެއްނެތި، ކަމާބެހޭ ފަރާތްތަކުގެ އިތުބާރު ދެމެހެއްޓޭނެ، އަދި ކުންފުނީގެ ސްޓްރެޓެޖީތަކަށް ބަދަލެއް ނުގެނެސް ކުރިއަށް ގެންދެވޭނެ ގޮތަށްކަމަށެވެ.
މީގެ އިތުރުން، ކުންފުނިން އިސްކަންދޭ ކަންތައްތަކާއި ކުރުމަށް ކަނޑައަޅައިފައިވާ ކަންކަމާއި ދިގު މުއްދަތުގެ މިސްރާބަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ވެސް ދިރާގުން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ