މޭރީ މަރާލީ މައްސަލައިގައި މާވިން 25 އަހަރަށް، ލަމްހާ 15 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ނަރުސް މޭރީ ގްރޭސް މަރާލި މައްސަލައިގައި އޭނާގެ ފިރިމީހާ މާވިން ވާގަސް 25 އަހަރަށް އަދި އެކަމުގައި އޭނައަށް ވާގިވެރިވީ ހަލީމަތު ލަމްހާ 12 އަހަރަށް ޖަަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެެ. 
މޭރީ މަަރާލި މައްސަލައިގައި މައްސަލައިގައި މާވިންގެ މައްޗަށް ސާބިތުވީ އެނގިހުރެ މީހަކު މެރުމުގެ ދައުވާ އެވެ. ލަމްހާގެ މައްޗަށް ސާބިތުވީ އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އެވެ.
މި ދެ މީހުންގެ މައްޗަށް ވެސް މިދިޔަ މަހު ބޭއްވި ހުކުމް އިއްވުމުގެ އަޑުއެހުންތަކުގައި ކުށްވެރިވާ ކަމަށް ކަނޑައަޅާފައިވާއިރު، މިއަދު އޮތީ އަދަބު ކަނޑައަޅަން ބޭއްވި މަޖިލީހެވެ.
ކްރިމިނަލް ކޯޓުގައި ދައުލަތުގެ ފަރާތުން އެދުނީ މާވިންގެ އަދަބު އަށް ދަރަޖަ މަތިކޮށް، 25 އަހަރަށް ޖަލަށް ލުމަށެވެ. މާވިން އެދުނީ އޭނާގެ ކުށަށް ދެވެން އޮތް އެންމެ ކުޑަ އަދަބެއް ދިނުމަށެވެ. 
މި މައްސަލައިގައި ކޯޓުން ހުކުމް އިއްވީ ދައުލަތުން އެދުނު ގޮތަށެވެ. އޭގެ ސަބަބުތަކުގެ ތެރޭގައި  މޭރީގެ އެއްވެސް ކުށެއް ނެތި އޭނާ މަރާލާފައިވުމާއި އެ މަރު ފޮރުވަން މަސައްކަތް ކުރުމާއި، އޭނާގެ އަމަލުގެ ސަބަބުން އެ މީހުންގެ ދަރިފުޅު މަންމަގެ ލޯބިން މަހުރޫމްވެފައިވުން ގާޒީ ފާހަގަކުރެއްވި އެވެ.
މޭރީ މަރާލި މައްސަލައިގައި މމާވިން ބަންދުގައި ހުންނަތާ ހަތަރު އަހަރާއި ހަ މަހާއި 4 ދުވަސްވެފައިވާތީ ޖަލު އަދަބުން އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ 20 އަހަރާއި ތިން މަހާއި ފަސް ދުވަހެވެ. 
ދައުލަތުން އެދުނީ ލަމްހާއަށް މައްސަލައިގައި ކަނޑައެޅޭ އެންމެ ބޮޑު އަދަދު ކަނޑައަޅައިދިނުމަށެވެ. ލަމްހާ އެދުނީ ގޭބަންދުކޮށް ދިިނުމަށެވެ. ނަމަވެސް ގާޒީ ވަނީ އޭނާ ގޭބަންދުގައި ބަހައްޓަން ޖެހޭ ހާލަތެއް ނެތް ކަމަށް ބުނެ 15 އަހަރާއި ހަތަރު މަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. 
ލަމްހާ ބަންދުގައި ތިން އަހަރާއި ފަސް މަހާއި 25 ދުވަސް ހޭދަކޮށްފައިވާތީ އޭނާ ހަލުގައި ހުންނަން ޖެހޭނީ 12 އަހަރެވެ. 
މާވިން އާއި ލަމްހާއަކީ ވެސް އައިޖީއެމްއެޗްގައި ނަރުހުންގެ ގޮތުގައި މަސައްކަތް ކުރި ދެ މީހުންނެވެ. މޭރީ އަކީ ވެސް އެ ހޮސްޕިޓަލުގައި މަސައްކަތް ކުރި ނަރުހެކެވެ.
މޭރީ އާއި މާވިން އަދި ލަމްހާއަކީއައިޖީއެމްއެޗްގެ ކެޝުއަލްޓީގައި މަސައްކަތް ކުރާ ނަރުހުންނެވެ. ފިލިޕީންސްގައި ވަރިކުރުމަކީ މަނާކަމެއް ގޮތުގައި އޮތް އިރު، ލަމްހާއާއި މާވިން އުޅުނީ ސިއްރު ލޯބީގެ ގުޅުމެއް ބާއްވައިގެން ކަމަށް ތުހުމަތު ކުރެ އެވެ.
އޮކްޓޯބަރު 19, 2021 ގައި ގްރޭސް ދަންޖެހިގެން މަރުވި ކަމަށް ބުނެ މާވިން ރިޕޯޓް ކުރިޔަސް ތުހުމަތު ކުރެވޭ ކަންކަން ހުރުމުން ފުލުހުން ތަހުގީގު އިތުރަށް ހިންގަމުން ދިޔައީ އެވެ. އަދި ގްރޭސް މަރާލި ކަމުގެ ތުހުމަތުގައި މާވިން ހައްޔަރު ކުރީ އެ އަހަރުގެ އޮކްޓޯބަރު 27 ގަ އެވެ. ލަމްހާ ހައްޔަރު ކުރީ އޭގެ 50 ދުވަސް ފަހުން އެ އަހަރުގެ ޑިސެމްބަރު 16 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ