40 މިލިއަން ޑޮލަރުގެ ރަން ވަގަށްނެގި ސީއައިއޭގެ ކުރީގެ ވެރިޔަކު ހައްޔަރުކޮށްފި

އެމެރިކާ ސަރުކާރުގެ ބަޖެޓުން 40 މިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެއްގެ ރަނާއި، މިލިއަނުން ފައިސާއާއި އަދި އަގުބޮޑު ގަޑިތަކެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ (ސީއައިއޭ) ގެ ކުރީގެ އިސް އޮފިޝަލެއް ކަމަށްވާ ޑޭވިޑް ރަޝް އެފްބީއައި އިން ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގެ ތަޙުޤީޤު ފަށާފައިވަނީ ސީއައިއޭގެ އެތެރޭގެ ތަޙުޤީޤަކަށްފަހު ފާހަގަވި ކަންތައްތަކެއް އެފްބީއައި އަށް ހުށަހެޅުމާއި ގުޅިގެންނެވެ.
ކޯޓު ލިޔެކިޔުންތަކުން އެނގޭ ގޮތުގައި ނޮވެމްބަރު 2025 އިން މާރިޗު 2026 ގެ ނިޔަލަށް ރަޝް ވަނީ ރަސްމީ ބޭނުންތަކަށް ކަމަށް ބުނެ ގިނަ އަދަދެއްގެ ބޭރު ފައިސާ އާއި އެތައް މިލިއަން ޑޮލަރެއްގެ ރަން ބާތައް ހޯދާފައެވެ. ނަމަވެސް އެ ތަކެއްޗަށް ފަހުން ވީގޮތެއް އަދި އޭގެ ބޭނުން ކުރިގޮތުގެ އެއްވެސް ރެކޯޑެއް ސީއައިއޭ އިން ފެންނާކަށް ނެތެވެ.
މޭ 18 ގައި އޭނާގެ ގެ ބަލައި ފާސްކުރިއިރު، ކޮންމެ އެއްޗެއްގައި އެއް ކިލޯ ހުރި 303 ރަން ބާ އާއި، އެމެރިކާގެ 2 މިލިއަން ނަގުދު ފައިސާ ފެނިފައިވެއެވެ. މީގެ އިތުރުން ރޮލެކްސް ބްރޭންޑް ހިމެނޭ ގޮތަށް 35 އަގުބޮޑު ލަގްޒަރީ ގަޑިވެސް އޭނާގެ ގޭގެ ތެރެއިން ވަނީ އަތުލައިގެންފައެވެ.
މި މައްސަލައަކީ ސީއައިއޭގެ އެންމެ މަތީ ސެކިއުރިޓީ ކްލިއަރެންސް އޮތް އަދި ނާޒުކު ސިއްރު މަޢުލޫމާތުތަކަށް އެކްސެސް އޮތް މީހަކު ހިންގި ބޮޑު ޖަރީމާއަކަށް ވުމުން، މުޅި އެމެރިކާގެ ސަމާލުކަން މިކަމަށް ވަނީ ހުއްޓިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ