ގަމުގައި ކަރަންޓުގައި ޖެހުނު 14 އަހަރު ކުއްޖާ އޮތީ ވެންޓިލޭޓަރުގައި

ލ. ގަން އީދަށް ތައްޔާރު ކުރުމުގެ މަސައްކަތުގައި އުޅެނިކޮށް ކަރަންޓު ޖެހުނު އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖާ ވެރި ރަށް މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާދޭން ފަށައިފި އެވެ.
ހޮސްޕިޓަލުން ބައެއް ނޫސްތަކަށް މައުލޫމާތު ދިން ގޮތުގައި އެ ކުއްޖާއަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ބާއްވައިގެންނެވެ. ވެންޓިލޭޓަރަށް ލަނީ އަމިއްލަ ބާރުގައި ނޭވާލާން ދަތިތަކެއް ހުންނަ ނަމަ އެވެ. 
"ލ. ގަމުން ކަރަންޓުގައި ޖެހިގެން ގެނައި ކުއްޖާއަށް އެ ހޮސްޕިޓަލުގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުން އަންނަނީ،" ސަން މީޑިއާއާ ވާހަކަ ދައްކަމުން ހޮސްޕިޓަލުގެ އޮފިޝަލަކު ބުންޏެވެ. 
އެ ހާދިސާ ހިނގީ މިދިޔަ އަންގާރަ ދުވަހެވެ. ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައި ވަނީ އެ ކުއްޖާއަށް ކަރަންޓު ޖެހުނީ މަގުމަތީގައި ހަރުކޮށްފައި ހުރި ކަރަންޓު ޑިސްޓްރިބިއުޝަން ބޯޑަކުން ކަރަންޓު ނަގަން އުޅުމުގެ ތެރޭގައި ކަމަށެވެ. 
ކަރަންޓު ޑިސްޓްރިބިއުޝަން ބޯޑަކީ ހުޅުވުން މަނާ އެއްޗެކެވެ. އެފަދަ ބޯޑުތަކުގައި ހުންނާނީ ހައި ވޮލްޓޭޖް ކަރަންޓެވެ. އެހެންވެ، އެ ބޯޑުތައް ހުޅުވައި، އެއާ ކުޅުމަކީ ނުރައްކާތެރި ކަމެކެވެ. 
ކަރަންޓުގައި ޖެހުނު ކުއްޖާއަށް ލިބިފައި ހުރި ގެއްލުމުގެ ތަފުސީލެއް ހޮސްޕިޓަލުން އާންމެއް ނުކުރެ އެވެ. ނަމަވެސް އޭނާގެ ހަށިގަނޑުގެ ވަރަށް ބޮޑު ބައެއް ފިހިފައިވާ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައި އެބަހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ