ރިވައިވަލް ސްޕޯޓްސް އިން އަންނަ އަހަރުގެ އައިއޯއައިޖީ އަށް ބޮޑު ޕްރޮޖެކްޓެއް

ރާއްޖޭގައި އެންމެ ޕްރޮފެޝަނަލްކޮށް ކުރިއަށްގެންދާ ބެޑްމިންޓަން ކްލަބް، ރިވައިވަލް ސްޕޯޓްސް އިން އަންނަ އަހަރު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް އަމާޒުކޮށް، ބޮޑު ޕްރޮޖެކްޓެއް ލޯންޗްކޮށްފި އެވެ. 
މިއީ، މިހާތަނަށް ރިވައިވަލް އިން ފެށި އެންމެ އުންމީދީ މަސައްކަތް ކަމަށް އެ ކްލަބުން ވަނީ ބުނެފި އެެވެ. 
އެ ގޮތުން، ރިވައިވަލް އިން އިއުލާނުކުރި މި ޕްރޮޖެކްޓްގެ މައިގަނޑު މަގުސަދަކީ، އަންނަ އަހަރު އޮގަސްޓް ނޫނީ ސެޕްޓެމްބަރު މަހު، ކޮމޮރޯސްގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖެ ތަމްސީލްކުރާ ގައުމީ ބެޑްމިންޓަން ސްކޮޑުގައި  ރިވައިވަލް އިން ހަ ފިރިހެން ކުޅުންތެރިންނާއި ހަތަރު އަންހެން ކުޅުންތެރިން ހިމެނުމަށް ޓާގެޓްކުރުމެވެ. 
"ޓާގެޓަކީ އަންނަ އަހަރުގެ އައިއޯއައިޖީގައި ރާއްޖެ އަށް އެންމެ ގިނަ މެޑަލް ގެނެސްދޭ ކުޅިވަރަކީ ބެޑްމިންޓަނަށް ހެދުން،" ރިވައިވަލް އިން ބުންޏެވެ. 
ރިވައިވަލްގެ ސީނިއާ ސްކޮޑުގައި ހިމެނޭ ކުޅުންތެރިންނަށް ބަލާއިރު، ފިރިހެން ކުޅުންތެރިންނަކީ، ނިބާލް އަހުމަދު، ހުސެއިން ޒަޔާން ޝަހީދު ޒަކީ، ހަސަން ޒަޔާން މުހައްމަދު، ހައިޝަމް އިބްރާހިމް އަލީ، މުހައްމަދު ހަަލަފް އިމްރާން، އައްޔޫބް އަޒުހަރު މުހައްމަދު، އަހުމަދު އަޔާން ބިން މުހައްމަދު ސޮލާހު، އާދަމް މަހީން މުހައްމަދު، ހޫދު ބިން ހާމިދު އަދި މުހައްމަދު އަހުސަން އަހުމަދު އެވެ. އަންހެން ކުޅުންތެރިންނަކީ، ފާތިމަތު ނަބާހާ އަބްދުލް ރައްޒާގު (ނަބާ)، އައިމިނަތު ނަބީހާ އަބްދުލް ރައްޒާގު (ނަބީ)، މައިސާ ފަތުހުﷲ އިސްމާއިލް (މައި) އަދި އައިމިނަތު ޝަހުރުނާޒް މޫސާ އެވެ. 
މި ޕްރޮޖެކްޓްގެ ތެރެއިން ރިވައިވަލް އިން ވަނީ ކުޅުންތެރިންނަށް ރާއްޖޭން ބޭރުގައި ޓްރެއިނިން ކޭމްޕްތަކުން ފުރުސަތު ދިނުމާއި ބެޑްމިންޓަން ދުނިޔޭގެ ޖަމިއްޔާ، ބީޑަބްލިއުއެފް ލެވަލްގެ މުބާރާތްތަކުގައި ކުޅުމުގެ ފުުރުސަތު ފަހިކޮށްދިނުމާއި އިންޑިވިޖުއަލް ޓްރެއިނިންތަކަށް އެ ކަމަށް އެންމެ ގާބިލު ކޯޗުން ހަމަޖައްސައިދިނުމާއި ޑަބަލްސް އާއި ސިންގަލްސް އިވެންޓްތަކަށް ހާއްސަ އަހައްމިއްޔަތުކަން ދޭ ޓްރެއިނިން ޕްރޮގްރާމްތަކުން ފުރުސަތު ދިނުމުގެ އިތުރުން، ކުޅުންތެރިން ކުރިއެރުމަށް ކުރާ ހުރިހާ މަސައްކަތެއްގައި އެއްބާރުލުން ދޭން ނިންމައިފަ އެވެ. 
"މި ޑިވެލޮޕްމަންޓް ޕްރޮޖެކްޓަކީ މިހާތަނަށް ރިވައިވަލް އިން ކުރާ އެންމެ ބޮޑު އިންވެސްޓްމަންޓް. އަހަރަކަށް ވުރެން ގިނަ ދުވަހުގެ މުއްދަތަށް އިއުލާނުކުރި މި ޕްރޮޖެކްޓްގެ ތެރެއިން އެތުލީޓުންނަށް ހުރިހާ ގޮތަކުން އެހީތެރިކަން ފޯރުކޮށްދެވޭނެ،" 2019 ވަނަ އަހަރު ވުޖޫދުވި ދުވަހުން ފެށިގެން ރާއްޖޭގެ ބެޑްމިންޓަނަށް ތަފާތު މަސައްކަތެއް ކުރަމުން އަންނަ ވައިވަލް އިން ބުންޏެވެ. 
ރިވައިވަލްގެ ކުޅުންތެރިން ވަނީ ބައިނަލްއަގުވާމީ ލެވަލްގައި ރާއްޖެ ތަމްސީލްކޮށް ގިނަގުނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. 
ރިވައިވަލް އިން ވަނީ އައިއޯއައިޖީ އަށް އަމާޒުކޮށް މި ފަށާ ޕްރޮޖެކްޓަށް މަގުފަހިކޮށްދިން ކަމަށްޓަކައި، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި ސްޕޯޓްސް މިނިސްޓްރީ އަދި ބެޑްމިންޓަން އެސޯސިއޭޝަނަށް ޝުކުރު އަދާކޮށްފަ އެވެ. އަދި، މި ކަމަށްޓަކައި އެހީތެރިކަން ލިބޭތީވެ، ރިވައިވަލް ސްޓޭޑިއަމް ބުކްކޮށްގެން ކުޅެން ގަވާއިދުން އަންނަ ފަރާތްތަކަށް ވެސް ކްލަބުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ