ލާއޯސްގެ ހޮހަޅައެއްގައި ތާށިވި ފަސް މީހަކު ފެނިއްޖެ، ދެ މީހަކު ހޯދުމުގެ މަސައްކަތް ކުރިއަށް

ލާއޯސްގެ ހޮހަޅައެއްގެ ތެރޭގައި ބަންދުވެފައި ތިބޭތާ ހަފުތާއެއްހާ ދުވަސް ވެފައިވާ ފަސް މީހަކު، ބުދަ ދުވަހު ދިރިތިއްބާ ފެނިފައިވާ ކަމަށާއި، އަދިވެސް ގެއްލިފައިވާ އިތުރު ދެ މީހަކު ހޯދުމުގެ މަސައްކަތް ލާއޯސް އާއި ތައިލެންޑުގެ އެހީތެރިން ކުރަމުންދާ ކަމަށް ތައިލެންޑުގެ ވޮލަންޓިއަރުން ބުނެފި އެވެ.
ތައިލެންޑުގެ ރެސްކިއު ޓީމުގެ އިސްވެރިޔާ ކެންގްކާޑް ބޮންގްކަވޮންގް ރޮއިޓާޒްއަށް ބުނި ގޮތުގައި، އެ ގައުމުގެ ގަޑިން އިއްޔެ ހަވީރު 4:30 އާ ހަމައަށް ފަސް މީހަކު ވަނީ ފެނިފަ އެވެ. އަދި ބާކީ ތިބި ދެ މީހުން ހޯދުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށްދާނެ ކަމަށް އޭނާ ބުންޏެވެ.
މި ހާދިސާގައި އެހީތެރިވަމުންދާ ތައިލެންޑުގެ އެހެން ވޮލަންޓިއަރެއް ކަމަށްވާ ޗަކްރަކްރިތު ތައެންގްޓަންގް ވަނީ، ސަލާމަތްވި ފަސް މީހުންނާއެކު އުފާފާޅުކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި، ސަލާމަތްވި މީހުން ތިބީ ރަނގަޅު ހާލަތެއްގަ އެވެ.
ލާއޯސްގެ ރަސްމީ ނޫސް އޭޖެންސީ "ލާއޯ ޕައްތާ ނިއުސް" އާއި އެ ސަރަހައްދުގެ ވޮލަންޓިއަރުން ބުނި ގޮތުގައި، ލާއޯސްގެ ހަތް ރައްޔިތުން ޒައިސޮމްބޫން ޕްރޮވިންސްގެ އެ ހޮހަޅައަށް ވަނީ މިދިޔަ ހަފުތާގައި ރަން ހޯދުމަށެވެ. ނަމަވެސް، ބޯކޮށް ވާރޭވެހި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ހޮހަޅައިން ނުކުމެވޭނެ މަގު ވަނީ ބަންދުވެފަ އެވެ.
މި މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ތައިލެންޑުގެ ވޮލަންޓިއަރުން ބައިވެރިވާން ފެށީ މިދިޔަ އާދީއްތަ ދުވަހު އެވެ. މި ޓީމުގައި، 2018 ވަނަ އަހަރު ތައިލެންޑުގެ އުތުރުގެ ހޮހަޅައެއްގައި ތާށިވި 12 ކުދިންނާއި އެ ކުދިންގެ ފުޓުބޯޅަ ކޯޗު ސަލާމަތްކުރުމުގެ އޮޕަރޭޝަނުގައި ބައިވެރިވި ޑައިވަރަކު ވެސް ހިމެނެ އެވެ. މުޅި ދުނިޔޭގެ ސަމާލުކަން ލިބުނު އެ ފަހަރުގެ އޮޕަރޭޝަނުގައި އިނގިރޭސިވިލާތާއި އެހެނިހެން ގައުމުތަކުގެ ޑައިވަރުންނާއި، އެމެރިކާގެ އަސްކަރިއްޔާގެ އިތުރުން ބައިނަލްއަގުވާމީ އެހީތެރިކަން ލިބިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ