މެތިއު ޕެރީގެ މަރުގެ މައްސަލައިގައި އޭނާގެ އެސިސްޓެންޓު ތިން އަހަރަށް ޖަލަށް

އެމެރިކާގެ މަޝްހޫރު ސިޓްކޮމް "ފްރެންޑްސް"ގެ ތަރި މެތިއު ޕެރީގެ މަރުގެ މައްސަލައިގައި އޭނާގެ އެސިސްޓެންޓު ކެނެތު އިވަމާސާ ތިން އަހަރާއި ފަސް މަސްދުވަހަށް ޖަލަށް ލުމަށް އެމެރިކާގެ ކޯޓަކުން ހުކުމްކޮށްފި އެވެ.
މިއީ މެތިއުގެ މަރާ ގުޅިގެން ކުރިއަށް ގެންދިޔަ ގިނަ ދުވަސްވީ ގާނޫނީ މައްސަލަތަކުގެ ނިމުމެވެ.
ބީބީސީގެ ރިޕޯޓެއްގައި މެތިއުގެ ވަކީލުންނާ ހަވާލާދީ ބުނީ އެއްވެސް މެޑިކަލް ތަމްރީނެއް ނެތް އުމުރުން 60 އަހަރުގެ އިވަމާސާ ވަނީ މެތިއު މަރުވުމުގެ ހަފުތާތަކެއް ކުރިން ދެ ޑޮކްޓަރަކާ ގުޅިގެން 50,000 ޑޮލަރުގެ ކެޓަމީން އޭނާއަށް ފޯރުކޮށްދީ، އޭނާގެ ގަޔަށް އެ ޖަހައިފައި ކަމަށެވެ.
އުމުރުން 54 އަހަރުގައި މެތިއު މަރުވެފައި އޮއްވާ ފެނުނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު، ލޮސް އެންޖެލިސްގައި ހުންނަ އޭނާގެ ގޭގެ ހޮޓް ޓަބެއްގެ ތެރެއިންނެވެ. މެޑިކަލް އޮފިޝަލުން އޭރު ބުނި ގޮތުގައި އޭނާ މަރުވީ ކެޓަމީން އޯވަޑޯޒްވެ، ގެނބިގެންނެވެ. 
އިވަމާސާ ވަނީ މެތިއު މަރުވުމަށް މެދުވެރިވި ކެޓަމީން ހޯދުމުގައި ބައިވެރިވިކަމުގެ ކުށަށް އިއުތިރާފުވެފަ އެވެ. އެ ކުށަށް އެންމެ ބޮޑު އަދަބެއްގެ ގޮތުގައި 15 އަހަރުގެ ޖަލު ހުކުމެއް އަންނަ އިރު، އޭނާ ލުއި ހުކުމެއް ހޯދީ ތަހުގީގަށް އެއްބާރުލުން ދީގެން ކަމަށް ބީބީސީގައި ބުންޏެވެ.
ޖަލު ހުކުމުގެ އިތުރުން 10,000 ޑޮލަރުން އޭނާ ޖޫރިމަނާކޮށް، ޖަލުން ސަލާމަތްވުމަށް ފަހު ދެ އަހަރު ވަންދެން އޭނާ އުޅޭގޮތުން މޮނިޓާކުރުމަށް ވެސް ހުކުމްގައިވެ އެވެ. އޭނާ ޖަލަށް ދާންޖެހެނީ އަންނަ ޖުލައި މަހުގެ 17 ގަ އެވެ.
މި މައްސަލަ ބެލި ފަނޑިޔާރު ބުނީ މެތިއުއަކީ މަސްތުވާތަކެއްޗަށް ދެވިހިފާފައި ހުރި މީހެއްކަން އެނގިހުރެ، އަދި ކެޓަމީން ބޭނުންކޮށްގެން ނޭދެވޭ އަސަރުތައް ކުރަމުންދިޔައިރު ވެސް އިވަމާސާ އެ ތަކެތި ހޯދައިދީ، މަރުވި ދުވަހު ވެސް ބޮޑު ޑޯޒެއް ޖެހުމަށް ފަހު އޭނާ އެކަނި ދޫކޮށްލާފައި ދިޔައީތީ އޭނާގެ އަމަލަކީ ވަރަށް ފަރުވާކުޑަ އަމަލެއް ކަމަށެވެ. އަދި ޕެރީ މަރުވުމުން ހެކި ނައްތާލަން އުޅެ، ފުލުހުންނަށް ދޮގު ހެދިކަން ވެެސް ކޯޓަށް ހުށަހަޅާފައިވާ ހެކިތަކުން ހާމަވާ ކަމަށް ފަނޑިޔާރު ބުންޏެވެ. 
ކޯޓުގައި އިވަމާސާ ވަނީ މެތިއުގެ އާއިލާގެ ފަރާތުން މާފަށް އެދިފަ އެވެ. 
ނަމަވެސް، އިވަމާސާގެ ވަކީލު ބުނީ އޭނާ ކަންތައް ކުރީ މެތިއު އެންގި ގޮތަށް ކަމަށާއި ވެރިޔާ ބުނާ ބުނުމަށް "ނޫނެކޭ" ބުނަން އޭނާ ނުކުޅެދުނީ ކަމަށެވެ.
މެތިއުގެ މަންމަ ސުޒާން މޮރިސަން އަދި އޭނާގެ ދައްތަމެން ކޯޓަށް ފޮނުވި ސިޓީތަކުގައި ބުނެފައި ވަނީ އިވަމާސާއަށް އެއްވެސް ހަމްދަރުދީއެއް ނެތް ކަމަށެވެ.
މެތިއުގެ މަންމަ ބުނި ގޮތުގައި، އިވަމާސާގެ އެންމެ މުހިންމު ޒިންމާއަކީ މެތިއު މަސްތުން ސަލާމަތްވުމަށް ކުރާ ހަނގުރާމައިގައި އޭނާއަށް އެހީތެރިވުމެވެ. ނަމަވެސް، އޭނާ ވެގެންދިޔައީ މެތިއުއަށް މަސްތުވާތަކެތި ސަޕްލައިކޮށްދިން މީހާއަށެވެ.
މެތިއުގެ ދައްތަ މެޑްލިން ބުނި ގޮތުގައި، އިވަމާސާ ވަނީ މެތިއު ނުރައްކާތެރި މާހައުލަކަށް ގަސްތުގައި އެކަނި ދޫކޮށްލައިފަ އެވެ.
މެތިއުގެ މަރުގެ މައްސަލައިގައި ޖުމްލަ ފަސް މީހަކަށް ދައުވާކޮށްފައިވާއިރު، އެ އެންމެން ވެސް ވަނީ ކުށަށް އިއުތިރާފުވެފަ އެވެ.
އޭނާއަށް ކެޓަމީން ވިއްކި ޑްރަގް ޑީލަރު 15 އަހަރަށް ވަނީ ޖަލަށް ލައިފަ އެވެ. ކެޓަމީން ސަޕްލައިކޮށްދިން ޑޮކްޓަރު ދެ އަހަރާއި ފަސް މަސްދުވަހަށް ވަނީ ޖަލަށް ލައިފަ އެވެ. މިކަމުގައި މެދުވެރިއެއްގެ ގޮތުގައި އުޅުނު މީހަކަށް ދެ އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، ކެޓަމިން ވިއްކި ޑޮކްޓަރަކު ވަނީ 8 މަސްދުވަހަށް ގޭ ބާންދުގައި ބަހައްޓައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ