އެމެރިކާއިން ހޮރްމޫޒް ކައިރިން ހަމަލާދިނުމުން، އީރާނުގެ ހަމަލާ އެމެރިކާގެ އެއާބޭހަކަށް

މިދިޔަ މަހުގެ ކުރީކޮޅުން ފެށިގެން ގާއިމުކޮށްފައިވާ ނާޒުކު ހަމަލާ ބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުމާ މެދު ޝައްކު އުފެދޭ ގޮތަށް، އީރާނާއި އެމެރިކާއިން މިއަދު އަލުން އަސްކަރީ ހަމަލާތަކެއް ބަދަލުކޮށްފި އެވެ.
އެމެރިކާގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، އިތުރު ޑްރޯން ހަމަލާއެއް ދިނުން ހުއްޓުވުމުގެ ގޮތުން، ހޮރްމޫޒް ކަނޑުއޮޅި ކައިރީގައިވާ ބަންދަރު އައްބާސް ކައިރިން އީރާނުގެ ހަތަރު ޑްރޯނެއް އެމެރިކާގެ ސިފައިން ވަނީ ވައްޓާލާފަ އެވެ. އަދި ޑްރޯން ކޮންޓްރޯލްކުރާ ސްޓޭޝަނަކަށް ވެސް ހަމަލާދީފައިވެ އެވެ.
އެ އޮފިޝަލް މި ހަރަކާތް ސިފަކުރެއްވީ "ވަކި މިންގަނޑެއްގެ ތެރޭގައި ހިފެހެއްޓިފައިވާ، ހަމައެކަނި ދިފާއީ އަދި ހަމަލާ ބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުން ދެމެހެއްޓުމުގެ މަގްސަދުގައި" ދިން ހަމަލާއެއްގެ ގޮތުގަ އެވެ.
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްއިން ފަހުން ބުނި ގޮތުގައި، ބަންދަރު އައްބާސް އެއާޕޯޓް ކައިރިއަށް އެމެރިކާއިން ދިން ހަމަލާގެ ބަދަލުހިފުމުގެ ގޮތުން އެ ގައުމުން ވަނީ އެމެރިކާގެ އެއާބޭހަކަށް އަމާޒުކޮށް ހަމަލާދީފަ އެވެ. އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ ކުވައިތުން ބުނީ މިސައިލް އަދި ޑްރޯން ހަމަލާތަކަކަށް ރައްދުދެމުންދާ ކަމަށެވެ. ހަމަ އެއާ އެކު އިޒްރޭލުން ވެސް ވަނީ އެ ގައުމުގެ އުތުރުގެ ސަރަހައްދުން އެހެން ގައުމެއްގެ އުޅަނދުތަކެއް ފެނިފައިވާ ކަމަށް ރިޕޯޓްކޮށްފަ އެވެ.
އަލުން އުފެދުނު މި ނުތަނަވަސްކަމާ އެކު، އިއްޔެ ތެލުގެ އަގު ވަރަށް ބޮޑަށް ދަށަށް ދިއުމަށް ފަހު، އަލުން އަގުތައް ވަނީ މައްޗަށް ގޮސްފަ އެވެ. ދުނިޔޭގެ ހަކަތަ ފޯރުކޮށްދިނުމަށް ބުރޫއަރާފާނެ ކަމުގެ ބިރުވެރިކަން އަލުން އުފެދުމާ ގުޅިގެން، އެމެރިކާގެ ކުރޫޑް އޮއިލްގެ އަގު ވަނީ %3އަށް ވުރެ މައްޗަށް ގޮސްފަ އެވެ.
މިދަނޑިވަޅުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުން އަލުން އިއާދަކުރުމަށްޓަކައި ވޮޝިންޓަނުން ދޫދިނުމުގެ އެއްބަސްވުމަކާ ގާތްވަމުން އަންނަ ކަމަށް ބުނެ އީރާނުގެ މީޑިއާތަކުން ފަތުރާފައިވާ ރިޕޯޓްތައް ދޮގުކުރައްވާފަ އެވެ. ޓްރަމްޕް ވިދާޅުވީ އެއްވެސް ގައުމަކަށް އެ ކަނޑުގެ ސަރަހައްދު ކޮންޓްރޯލް ނުކުރެވޭނެ ކަމަށާއި އެއީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދެއް ކަމަށެވެ.
"[އީރާނުގެ އަވަށްޓެރި] އޮމާނުން ވެސް އުޅެންޖެހޭނީ އެހެން އެންމެން ވެސް އުޅޭ ގޮތަށް. ނޫން ނަމަ އަހަރެމެންނަށް ޖެހޭނީ އެ ގައުމު ގޮއްވާލަން،" ކެބިނެޓް ބައްދަލުވުމެއްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ރޭ އިންޒާރު ދެއްވި އެވެ.
ހިފަހައްޓާފައިވާ އީރާނުގެ ފައިސާ ދޫކޮށްލުމަށް އީރާނުން ތަކުރާރުކޮށް އެދެމުންދާއިރު، އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ އީރާނުން ދަނީ ދެކޮޅު ހަދަމުންނެވެ. ނަމަވެސް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ، އެމެރިކާއިން އަބަދު ވެސް ގެންގުޅޭ އެންމެ ފަހުގެ ނިންމުމަކީ އީރާނަށް ދުވަހަކު ވެސް ނިއުކްލިއާ ހަތިޔާރެއް ހެދޭނެ ފުރުސަތު ނުދިނުން ކަމަށެވެ.
ދުނިޔޭގެ ތެލާއި ގުދުރަތީ ގޭސް (އެލްއެންޖީ)ގެ ފަސްބައިކުޅަ އެއްބައި އާންމުކޮށް ދަތުރުކުރާ ހޮރްމޫޒް ކަނޑުއޮޅިއަކީ، ތިން މަސްދުވަހަށް ދެމިގެންގޮސްފައިވާ މި ހަނގުރާމަ ހުއްޓާލުމަށް ކުރެވޭ މަޝްވަރާތަކުގެ އެންމެ މުހިންމު އެއް މައްސަލަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ