ރައީސް މުހައްމަދު މުއިއްޒުއަ ސުވާލެއް ކޮށްގެން 15 ދުވަހު ޖަލުގައި ބޭއްވި މުހައްމަދު ޝަހުޒާން އޮތް ގޮޅިއަށް ދަންވަރު ގަޑީގައި މަރުތޭލާއި ފުއްކަށި ހިފައިގެން ގޮސް ނިދާ އަށި ތެޅުން ހޯމް މިނިސްޓަރު އަލީ އިހުސާން ދިފާއު ކުރައްވައިފި އެވެ.
އީދު ދުވަހު ޖަލުން މިނިވަންވުމަށްފަހު ދިން އިންޓަވިއުއެއްގައި ޝަހުޒާން ވަނީ އޭނާއަށް ޖަލުގައި ދިން ލާއިންސާނީ އަނިޔާތައް މީޑިއާއާ ހިއްސާކޮށްފަ އެވެ. އޭގެ ތެރޭގައި ދަންވަރުގެ ގަޑީގައި ގޮޅިއަށް ވަދެ، ކޮންކްރީޓުން ހަދާފައި ހުންނަ ނިދާ އަށީގެ ބައިބައި ތެޅުން ހިމެނެ އެވެ.
އެކަމާ ގުޅިގެން މިނިސްޓަރު އިހުސާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޝަހުޒާން އަދި ހަބަރެއް ލިޔެގެން ޖަލަށްލި މި ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރުއާމެދު ކަންތައް ކޮށްފައިވާނީ އެހެން ގައިދީންނާމެދު ވެސް ކަންތައް ކުރާ ގޮތަށް ކަމަށެވެ. މައްސަލައަކީ އެ ދެ ނޫސްވެރިން އޮތް ގޮޅިން ފޯނެއް ފެނުން ކަމަށް އޭނާ ވިދާޅުވި އެވެ.
ޖަލުގައި ޝަހުޒާން އާއި ލީވާންއަށް ލާއިންސާނީ އަނިޔާ ނުދޭ ކަމަކަށް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.
"މި ކަންކަމަކީ ވަކި ގައިދީއަކަށް ނުވަތަ ވަކި ފަރާތަކުން އަންގައިގެން ކުރާ ކަންކަމެއް ނޫން. އަމުދުން ޖަލުގައި މިފަދަ ކަންކަމަކީ ރައީސުލްޖުމްހޫރިއްޔާ ގޮތް ނިންމަވާ ކަންކަމެއް ނޫން. އަދި އަޅުގަނޑުގެ ވަޒީރު ކަމުގައި ރައީސް ދުވަހަކު ވެސް ޖަލުގެ މިފަދަ ކަންކަމާ އެއްވެސް މިންވަރަކަށް އިންސްޓްރަކްޝަނެއް ދެއްވާފައެއް ނުވޭ،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިހުސާން ވިދާޅުވި އެވެ.
ޖުމްލަ 15 ދުވަސް ޖަލުގައި ހޭދަ ކުރުމަށްފަހު އިއްޔެ މިނިވަންވި ޝަހުޒާން ވަނީ އޭނާއަށް ޖަލުގައި ކުރި ލާއިންސާނީ އަނިޔާ ތަފުސީލުކޮށްދީފަ އެވެ.
"ކޮންމެ ރެއަކުހެން ޖަލުގެ އޮފިސަރުންގެ ބޮޑެތި ފައުޖުތައް ދަގަނޑު މުގުރާއި މަރުތޭލާއި ފުއްކަށި ހިފައިގެން އަޅުގަނޑުގެ ގޮޅިއަށް ކޮންމެ ރެއަކުހެން ވަދެ، އަޅުގަނޑު ނިދަން އޮންނަ އަށްޓާއި ފާރުގެ އެތަން މިތަން ތަޅައި ސުންނާފަތި ކުރީ ސީދާ ރައީސް މުއިއްޒު އަންގަވައިގެން،" ޝަހުޒާން ބުންޏެވެ.
ޝަހުޒާން ޖަލަށްލީ ރައީސް މުއިއްޒުއަށް އަމާޒުވާ ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅޭ ގޮތުން ސުވާލު ކުރުމުންނެވެ. ލީވާން ޖަލަށްލީ، މުއިއްޒުއަށް އަމާޒުވާ ތުހުމަތުތަކުގެ ވާހަކަ ދެއްކުން ކޯޓު އަމުރެއް މެދުވެރިކޮށް މަނާކުރި ވާހަކަ ލިޔުމުންނެވެ.
ދަންވަރު ގަޑީގައި މަރުތޭލާއި ފުއްކަށި ހިފައިގެން ގޮސް ޝަހުޒާން އޮތް ގޮޅީގެ އަށި ތެޅުން މިނިސްޓަރު ދިފާއުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ