ލ. ގަމުގައި އީދުގެ ކުޅިވަރުތަކަށް ތައްޔާރުވުމުގެ ތެރޭގައި ކަރަންޓު ޖެހުނު ކުއްޖާގެ ހާލަތު ސީރިއަސް ކަމަށާއި، މިހާރު ފަރުވާދެމުންދަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި، ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗް އިން ބުނެފިއެވެ.
މިހާދިސާގައި އަނިޔާ ލިބިފައިވަނީ، ލ. ގަމުގެ އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖަކަށެވެ. މީގެ ކުރިން އެރަށުން ދިޔަރެސް އާއި ވާހަކަ ދެއްކި ފަރާތަކުން ބުނެފައިވަނީ، އެ ކުއްޖާއަށް ކަރަންޓުޖެހުމަށް ދިމާވީ، އަންގާރަ ދުވަހުގެރޭ، ގަމުގައި ޢީދު ފާހަގަކުރުމަށް ވަމުންދިޔަ ތައްޔާރީގެ ތެރެއިން މަގުމަތީގައި ހުރި ކަރަންޓު ފޮއްޓަކުން ބޯޑު ވާގަނޑަކަށް ކަރަންޓު ގުޅަން އުޅުމުގެ ތެރޭގައި ކަމަށެވެ.
ކަރަންޓުޖެހުނު ކަން އެނގުމާއެކު، ވަގުތުން އެކުއްޖާ ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށިކަމަށާއި، އެހެންނަމަވެސް ކުއްޖާއަށް ލިބުނު އަނިޔާގެ ސީރިއަސްކަމުން އިތުރުފަރުވާއަށް މާލެއަށް ބަދަލުކުރީއެވެ.
ކުއްޖާގެ މިހާރު ހާލަތާއި ފަރުވާ އާއި ބެހޭގޮތުން އައިޖީއެމްއެޗް އިން ބުނެފައިވަނީ، ލ. ގަމުން ކަރަންޓުގައި ޖެހިގެން އިތުރު ފަރުވާއަށް މާލެއަށް ބަދަލުކުރި ކުއްޖަކަށް ފަރުވާ ދެމުންދާކަމަށާއި، ކުއްޖާގެ ހާލަތު މިވަގުތު ސީރިއަސް ކަމަށެވެ. އަދި މިހާރު ފަރުވާ ދެމުންދަނީ އައިސީޔޫގަ، ވެންޓިލޭޓަރުގައި ކަމަށްވެސް އައިޖީއެމްއެޗް އިން ބުނެފައިވެއެވެ. އެހެންނަމަވެސް ކުއްޖާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލްތަކެއް މިހާތަނަށް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.
"ލ. ގަމުން ކަރަންޓުގައި ޖެހިގެން ގެނައި ކުއްޖާއަށް ހޮސްޕިޓަލުގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުން އަންނަނީ،" އައިޖީއެމްއެޗް އިން ބުނެފައިވެއެވެ.
މިހާދިސާ އާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފައިވަނީ، އަންގާރަ ދުވަހުގެރޭ 11:00 ހާއިރު، ލ. ގަމުގައި އުމުރުން 14 އަހަރުގެ ކުއްޖަކަށް ކަރަންޓުޖެހުނު ކަމުގެ މައުލޫމާތު ލިބިފައިވާކަމަށާއި މިހާދިސާ އާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބަލަމުން ގެންދާކަމަށެވެ.
ކަރަންޓުގައި ޖެހުނު ކުއްޖާއަށް ވެންޓިލޭޓަރުގައި ފަރުވާދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ