ދުނިޔޭގެ ތެލުގެ ވިޔަފާރީގެ %20އަށް ވުރެ ބޮޑު ބައެއް ހިއްސާކުރާ މުހިންމު ކަނޑުގެ ސަރަހައްދެއް ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދުމަށް އީރާނާ އެކު އޮމާނުން އެއްބާރުލުން ދީފި ނަމަ، އޮމާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރޭ ދެއްވައިފި އެވެ.
"އެއްވެސް ބަޔަކު އެތަން ކޮންޓްރޯލެއް ނުކުރާނެ. އެއީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދެއް. އަދި އޮމާނުން ވެސް އުޅެންޖެހޭނީ އެހެން އެންމެން ވެސް އުޅޭ ގޮތަށް. ނޫން ނަމަ އަހަރެމެންނަށް ޖެހޭނީ އެ މީހުން ގޮއްވާލަން،" ކެބިނެޓް ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، އީރާނާއި އޮމާން ގުޅިގެން ހުށަހަޅާފައިވާ އެއްބަސްވުމެއްގެ ދަށުން އެ ކަނޑުއޮޅި މެނޭޖުކޮށްފާނެ ކަމަށް ބުނާ ރިޕޯޓްތަކާ ބެހޭ ގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕް ވާހަކަދެއްކެވިއިރު އޮޅުމަކުން އެހެން ނަމެއް ވިދާޅުވެވުނީ ކަމަށް ބައެއް ފަރާތްތަކުން ލަފާކުރި ނަމަވެސް، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ފަހުން އާންމުކުރި ޓްރަމްޕް ދެއްކެވި ވާހަކައިގެ ލިޔުމުން ކަށަވަރުވާ ގޮތުގައި އޭނާ ސީދާ އިޝާރާތް ކުރެއްވީ އޮމާނަށެވެ.
އެމެރިކާގެ ޒަމާންވީ އެކުވެރިއެއްގެ އިތުރުން ވޮޝިންޓަނާއި ތެހެރާންއާ ދެމެދު މެދުވެރިއެއްގެ ބައި އަދާކުރާ އޮމާނުން، އެ ކަނޑުއޮޅީގެ ގުޅިފައިވާ ކޮންޓްރޯލް ހޯދުމަށް ފާޅުގައި އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައެއް ނުވެ އެވެ. އަދި ޓްރަމްޕްގެ ސަރުކާރުން ވެސް ވަނީ އެފަދަ އޮނިގަނޑެއްގެ ވާހަކަ ދައްކާ އީރާނުގެ މީޑިއާތަކުން ފަތުރާފައިވާ ރިޕޯޓްތަކަކީ މުޅިން ދޮގު ވާހަކަތަކެއް ކަމަށް ބުނެ އެކަން ދޮގުކޮށްފަ އެވެ.
ފާޑުކިޔާ ފަރާތްތަކުން ވަނީ ޓްރަމްޕްގެ މި ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.
މީގެ އިތުރުން، އިޒްރޭލު ބަލައިގަންނަ 'އަބްރަހަމް އެކޯޑްސް' އެއްބަސްވުންތަކުގެ ބައެއްގެ ދަށުން، ސައޫދީ އަރަބިއްޔާ އާއި ގަތަރު ހިމެނޭހެން އަރަބި ގައުމުތަކުން އިޒްރޭލާ އެކު ގުޅުން ގާއިމްކުރުމަށް ޓްރަމްޕް ވަނީ އަލުން ފިއްތުންތައް ކުރިމަތިކުރައްވާފަ އެވެ.
"އަރަބި ގައުމުތަކުން [އިޒްރޭލާ އެކު] ސޮއި ނުކުރާ ނަމަ، އަހަރެމެން [އީރާނާ އެކު] އެއްބަސްވުން ހަދަންޖެހޭ ތަނެއް ނެތް،" އިޒްރޭލާ އެކު ސަރަހައްދީ ގޮތުން ގާއިމުކުރާ ހާރިޖީ ގުޅުންތައް، ކުރިއަށް އޮތް ތަނުގައި އީރާނާ އެކު ވެވޭ އެއްވެސް އެއްބަސްވުމަކާ ގުޅުވާލައްވަމުން ޓްރަމްޕް ވިދާޅުވި އެވެ.
ހޮރްމޫޒް ކަނޑުއޮޅީގެ މައްސަލައިގައި އޮމާން ގޮއްވާލަންޖެހިދާނެ: ޓްރަމްޕް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ