ނޭޕާލްގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ، އެ ޤައުމުގެ ވެރިންނަށް ތަހުނިޔާ ފޮނުއްވައިފި

ނޭޕާލްގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެޤައުމުގެ ރައީސް ރާމްޗަންދްރަ ޕޯޑެލްއަށާއި ބޮޑުވަޒީރު ރައިޓް އޮނަރަބަލް ބަލެންދްރަ ޝާހްއަށް ތަހުނިޔާ އާއި މުބާރަކުބާދީ ފޮނުއްވައިފިއެވެ.
ނޭޕާލްގެ ރައީސް ރާމްޗަންދްރަ ޕޯޑެލް އަށް ފޮނުއްވި ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދެ ޤައުމަށާއި ދެ ޤައުމު ޙިއްޞާކުރާ ސަރަޙައްދީ ފައިދާއަށްޓަކައި، ދެ ޤައުމުގެ މެދުގައިވާ ޒަމާންވީ ގާތް ގުޅުމުގެ އަގުވަޒަންކުރައްވާކަން ފާހަގަކުރައްވާފައެވެ. އަދި މި ގާތް ގުޅުންތައް އިތުރަށް ހަރުދަނާކުރެވި، ގުޅިގެން ކުރާ މަސައްކަތްތައް ފުޅާވެ، ފާގަތިކަން އިތުރުވާނޭކަމަށް ޔަޤީންކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ބޮޑުވަޒީރު ރައިޓް އޮނަރަބަލް ބަލެންދްރަ ޝާހް އަށް ފޮނުއްވި ސިޓީފުޅުގައި، މި މުނާސަބާ ރައީސުލްޖުމްހޫރިއްޔާ ސިފަކުރައްވާފައިވަނީ، ނޭޕާލްގެ ސާބިތުކަމާއި ވިލުންތެރިކަމުގެ ރޫޙުގެ ހެއްކެއްގެ ގޮތުގައެވެ. މިއަހަރުގެ ކުރީކޮޅު ބޭއްވި އިންތިޚާބު ތަނަވަސް އަޣުލަބިއްޔަތަކުން ކާމިޔާބުކުރައްވައި މަޤާމާ ހަވާލުވެވަޑައިގަތީއްސުރެ، ބޮޑުވަޒީރު ޝާހްގެ މޭސްތިރިކަމުގައި، ފާގަތިކަން އިތުރުކުރުމަށާއި، ޑިމޮކްރަސީ ހަރުދަނާކުރުމަށް ނޭޕާލުން ހޯދަމުންދާ ކުރިއެރުންތައް ފެނުމަކީ އުފާކުރައްވާ ކަމެއްކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. މީގެ އިތުރުން، އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިޙުތިރާމުގެ މައްޗަށް ބިނާވެފައިވާ ގާތް ރަޙުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެ، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައިވާ ގުޅުންތައް އިތުރަށް ގާތްވެ، އޭގެ މަންފާ ދެ ޤައުމަށްވެސް ލިބިގެންދާނެކަމަށް ޔަޤީންކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.
އަދި ނޭޕާލްގެ ރައީސާއި ބޮޑުވަޒީރަށް ދުޅަހެޔޮ ޞިއްޙަތަކަށާއި އުފާފާގަތިކަމަށް އެދިވަޑައިގެން، އެ ޤައުމަށް ކުރިއެރުމާއި ފާގަތިކަމަށްވެސް އެމަނިކުފާނު އެދިވަޑައިގެންފައިވެއެވެ.
ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އެކްސް އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓުގައި އެމަނިކުފާނު ވިދާޅުވީ، ނޭޕާލުގެ ޖުމްހޫރީ ދުވަހުން ރަމްޒުކޮށްދެނީ ކުރިއަރަމުންދާ ޤައުމެއް ބިނާކުރުމަށް ނޭޕާލުގެ ރައްޔިތުން ކޮށްފައިވާ ގިނަގުނަ މަސައްކަތްތަކާއި، އެ ޤައުމުގެ އަމިއްލަވަންތަކަމާއި މުއްސަނދި ސަގާފަތަށް ދެވޭ ފުރިހަމަ ޤަދަރާއި އިޙުތިރާމް ކަމުގައެވެ.
ކޮންމެ އަހަރެއްގެ މޭ މަހުން 28 ވަނަ ދުވަސް ނޭޕާލުގެ ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، 2008 ވަނަ އަހަރު، އެ ޤައުމު ފެޑެރަލް ޑިމޮކްރެޓިކް ރިޕަބްލިކަކަށް ބަދަލުވި ތާރީޚީ މުނާސަބަތާ ގުޅުވައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ