ނިމިގެންދިޔަ އެއް ހަފުތާގެ ތެރޭގައި ސްކޭމްތަކުގައި ގާތްގަނޑަކަށް 600،000 ރުފިޔާ ގެއްލިފައިވާ ކަމަށާއި، އޭގެ ތެރެއިން 255،000 އަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދިފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ އެންޓި-ސްކޭމް ސެންޓަރުން ހާމަކޮށްފިއެވެ.
މެއި 17 އިން 23، 2026 އަށް ފުލުހުން އާންމުކުރި ސްކޭމްގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެ މުއްދަތުގައި ޖުމްލަ 29 މައްސަލައެއް ރިޕޯޓްކޮށްފައިވެއެވެ. މި މައްސަލަތަކުގައި ޖުމްލަ 598،467.44 ރުފިޔާ ގެއްލިފައިވާއިރު، އޭގެ ތެރެއިން މިހާތަނަށް 255،710.99 ރުފިޔާ ވަނީ ހޯދިފައެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ހަފުތާގައި އެންމެ ގިނައިން ހިނގާފައިވަނީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރީގެ ސްކޭމްތަކެވެ. އެންޓި-ސްކޭމް ސެންޓަރަށް ހުށަހެޅުނު މައްސަލަތަކުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނައީ މިފަދަ މައްސަލަތަކެވެ. އެއީ ރިޕޯޓްކުރި 29 މައްސަލައިގެ ތެރެއިން 15 މައްސަލައެވެ. މިފަދަ ސްކޭމްތަކުގައި އާންމުކޮށް ކަންތައް ކުރަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި އޮންލައިން މާކެޓްޕްލޭސްތަކުގައި މުދާ އިޝްތިހާރުކޮށް، ފައިސާ ލިބުމުން މުދާ ނުފޮނުވައި ފިލައިގެންނެވެ.
މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި، ވިޔަފާރިއަކީ ރަޖިސްޓްރީކޮށްފައިވާ ތަނެއްތޯއާއި، ވިއްކާ މުދަލަކީ އެ ވިޔަފާރިއާ ގުޅޭ މުދަލެއްތޯ ބެލުމަށް ފުލުހުން އިރުޝާދު ދެއެވެ. އަދި ފިހާރަ ނުވަތަ ގުދަން ހުރި ތަން ކަށަވަރު ކުރުމަށާއި، ކުރިއާލާ ފައިސާ ދެއްކުމުގެ ބަދަލުގައި "ކޭޝް އޮން ޑެލިވަރީ" (މުދާ ލިބުމުން ފައިސާ ދެއްކުން) އިޚްތިޔާރު ކުރުމަށް ފުލުހުން އެދެއެވެ.
ދެވަނައަށް އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ބޭރު ފައިސާ މާރުކުރުމުގެ ސްކޭމްތަކެވެ. އެއީ ހަ މައްސަލައެވެ. ވައިބަރ އަދި ވަޓްސްއެޕް ފަދަ މެސެޖިންގ އެޕްތައް މެދުވެރިކޮށް، ހުއްދަ އޮންނަ މަނީ އެކްސްޗޭންޖް ވިޔަފާރިތަކުގެ ނަމުގައި މަކަރުވެރިން އުޅޭކަމުގެ އިންޒާރު ފުލުހުން ދީފައިވެއެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ފައިސާ ފޮނުވުމުގެ ކުރިން އެއީ ސައްހަ ނަންބަރެއް ނުވަތަ އެކައުންޓެއްތޯ ބެލުމަށް އެ ވިޔަފާރިއެއްގެ ރަސްމީ ލޭންޑްލައިން ނަންބަރަށް ގުޅައި ކަށަވަރު ކުރުމަށް އެންޓި-ސްކޭމް ސެންޓަރުން ލަފާދެއެވެ.
މީގެ އިތުރުން ފިޝިންގ، ވިޝިންގ އަދި ވަޒީފާގެ ދޮގު ފުރުސަތުތަކާ ގުޅޭ ފަސް މައްސަލައަކާއި، މީހުންގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ ދެ މައްސަލައެއް ރިޕޯޓްކޮށްފައިވެއެވެ. މީހުންގެ ނަމުގައި އޮޅުވާލައިގެން ހިންގާ ސްކޭމްތަކުގައި އާންމުކޮށް މަކަރުވެރިން އުޅެނީ އާއިލާ މީހަކަށް ނުވަތަ ރައްޓެއްސަކަށް ވެގެން، ކުއްލި ކަމެއް ދިމާވެގެން ފައިސާ ބޭނުންވެގެން އުޅޭ ކަމަށް ދައްކައިގެންނެވެ. މިފަދަ ހާލަތްތަކުގައި ފައިސާ ފޮނުވުމުގެ ކުރިން އެ މީހެއްގެ އަސްލު ނަންބަރަށް ގުޅައި ކަށަވަރު ކުރުމަށް ފުލުހުން އިލްތިމާސް ކުރެއެވެ.
އިތުރު އެއް މައްސަލަ އެހެނިހެން ސްކޭމްތަކުގެ ގިންތީގައި ހިމެނިފައިވެއެވެ.
ޝައްކުކުރެވޭ ލިންކުތަކާ މެދު ފުލުހުން މިހަފްތާގައި ވެސް ވަނީ އިންޒާރު ދީފައެވެ. އެސްއެމްއެސް މެދުވެރިކޮށް ފޮނުވާ ލިންކުތަކަށް ނުފިތުމަށާއި، ވަން-ޓައިމް ޕާސްވޯޑް (އޯ.ޓީ.ޕީ) ނުވަތަ ބޭންކިންގގެ ސިއްރު މައުލޫމާތު އެއްވެސް މީހަކާ ހިއްސާ ނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
ސްކޭމްތަކުން ހަފްތާއެއްގެ ތެރޭގައި ހަލައްކައެއްހައި ރުފިޔާ ގެއްލިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ