މާލޭގެ ކަރަންޓްގެ ޑިމާންޑާ އެއްވަރަށް ޚިދުމަތްދޭނެ، އިތުރު މަޝްރޫޢެއް

ގްރޭޓަރ މާލެ ސަރަޙައްދާއި ސްޓެލްކޯއިން ޚިދުމަތް ދޭ އެހެނިހެން ރަށްރަށުގެ ކަރަންޓު އުފެއްދުމުގެ ޤާބިލުކަން ނުވަތަ ކެޕޭސިޓީ 200 މެގަވޮޓަށްވުރެ އިތުރުވެފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވިދާޅުވެއްޖެއެވެ.
މާލެ ސަރަޙައްދާއި، އެސަރަޙައްދާ ކައިރީގައިވާ އަތޮޅުތަކުގެ އާބާދީ ދުވަހުން ދުވަހަކަށް އިތުރުވަމުން އަންނައިރު، އެންމެ މުހިންމު އެއް އަސާސީ ޚިދުމަތަކީ ކަރަންޓުގެ ޚިދުމަތެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވިދާޅުވީ، ގްރޭޓަރ މާލެ ސަރަހައްދާއި އެ ކުންފުނިން ޚިދުމަތް ދޭ އެހެނިހެން ރަށްރަށުގެ ކަރަންޓު އުފެއްދުމުގެ ޤާބިލުކަން ނުވަތަ ކެޕޭސިޓީ މިހާރު 222 މެގަވޮޓަށް އަރާފައިވާ ކަމަށެވެ. އެގޮތުން ކަރަންޓުގެ ޚިދުމަތް އެންމެ އެކަށޭނަ ގޮތުގައި ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ. ޑރ. އަޒުވަރު ވިދާޅުވީ، ސްޓެލްކޯއިން މިހާރު ގްރޭޓަރ މާލެ ސަރަހައްދުގެ އިތުރުން މާލެ ކައިރީގައިވާ ހަތަރު އަތޮޅެއްގެ ރަށްރަށަށް ކަރަންޓުގެ ޚިދުމަތް ދެމުންދާ ކަމަށެވެ. މީގެ އިތުރުން އެ ކުންފުނިން ދަނީ، ބައެއް ރަށްރަށުގެ ފެނާއި ނަރުދަމާގެ ޚިދުމަތްވެސް ބަލަހައްޓަމުންނެވެ.
މާލެ ސަރަހައްދަކީ، ކަރަންޓުގެ ލޯޑު ނުވަތަ ޑިމާންޑް އާދަޔާ ޚިލާފަށް ބޮޑުވަމުންދާ ތަނެއްކަން ފާހަގަކުރައްވާ ޑރ. އަޒުވަރު ވިދާޅުވީ އިމާރާތްތައް އުސްވެ، އާބާދީ ތޮއްޖެހެމުންދާއިރު، ކޮންމެ އަހަރަކުވެސް ކަރަންޓު ބޭނުންކުރާ ނިސްބަތް މަތިވަމުންދާ ކަމަށެވެ. ޑރ. އަޒުވަރު ވިދާޅުވީ މިއިތުރުވަމުން އަންނަ ލޯޑަށް ކޭޓަރ ކުރުމަށް ކޮންމެ އަހަރަކުވެސް ދުރާލާ ތައްޔާރުވާންޖެހެއެވެ.
"މި ސަރަހައްދުގެ އިތުރުވަމުންދާ ލޯޑަށް ކޭޓަރ ކުރުމުގެ ގޮތުން މާލެ ސަރަހައްދަށް ބޮޑު ޕްރޮޖެކްޓެއް ގެންނަންޖެހޭ. އެކަމާ ގުޅޭ މަސައްކަތްތައް މިހާރު ދަނީ ކުރެވެމުން،" އޭނާ ވިދާޅުވިއެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރު ވިދާޅުވީ ހޫނު މޫސުމުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާތީ، ޕީކް ސީޒަނަށް ތައްޔާރުވުމަކީ ސްޓެލްކޯއިން ވަރަށް ބޮޑަށް އިސްކަމެއްދޭ ކަމެއް ކަމަށެވެ. އެގޮތުން ޖަނަރޭޝަން ކެޕޭސިޓީ އިތުރު ކުރުމުގެ އިތުރުން، ކަރަންޓު ފޯރުކޮށްދޭ ޑިސްޓްރިބިއުޝަން ނެޓްވޯކް ވަރުގަދަކޮށް، ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްގެންދާ ކަމަށްވެސް އަޒުވަރު ވިދާޅުވިއެވެ.
ސްޓެލްކޯގެ ޚިދުމަތުގެ ދާއިރާ މިހާރު ވަނީ، ކުރިއަށްވުރެ ބޮޑަށް ފުޅާވެފައެވެ. ސަރުކާރުގެ ހިންގުމުގެ ނިޒާމަށް ގެންނެވި ބަދަލުތަކުގެ ތެރެއިން، ފެނަކަ ކޯޕަރޭޝަނުން ބ. އަތޮޅުން ފެށިގެން މ.އަތޮޅާ ހަމައަށް ދިން ޚިދުމަތްތައް މިހާރު ވަނީ ސްޓެލްކޯއާ ހަވާލުކޮށްފައެވެ. މިއީ، އެ ސަރަހައްދުތަކުގެ ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު އިތުރަށް ހަރުދަނާ ވެގެންދާނެ ބަދަލެކެވެ.
ސްޓެލްކޯގެ އުންމީދަކީ، އާބާދީ އިތުރުވަމުންދާ މިންވަރަށް ބަލައި، ޒަމާނީ ވަސީލަތްތަކާއެކު ރައްޔިތުންނަށް އިތުބާރު ހުރި ޚިދުމަތްތަކެއް ދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ