ރައީސް އަރިހަށް ލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޒިޔާރަތް ކުރައްވައިފި

ދިވެހިރާއްޖެއާއި ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ މެދުގައި ފަންނީ ގޮތުންނާއި އެކި ގޮތްގޮތުން މައުލޫމާތާއި ތަޖުރިބާ ބަދަލުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރައްވާފައިވަނީ، ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޑޮކްޓަރ ޖަގަތް ވިކްރަމަރަތްނަ އެމް.ޕީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިހާރު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ބޭއްވި މި ބައްދަލުވުމުގައި، ދެބޭފުޅުން ވަނީ، ދެޤައުމުގެ މެދުގައި އޮތް ގާތްގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި މި ގުޅުމަކީ، ހަމައެކަނި ސިޔާސީ ގުޅުމެއް ނޫން ކަމާއި، މިއީ އަޙުވަންތަ ގުޅުމެެއް ކަންވެސް ދެބޭފުޅުން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ދެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ގުޅުން ހަރުދަނާ ކުރުމުގެ ގޮތުން، މޯލްޑިވްސް-ސްރީލަންކާ ޕާލިމެންޓަރީ ފްރެންޑްޝިޕް ގްރޫޕާއި ސްރީލަންކާ-މޯލްޑިވްސް ޕާލިމެންޓަރީ ފްރެންޑްޝިޕް އެސޯސިއޭޝަން މެދުވެރިކޮށް މަސައްކަތް ކުރުމުގެ މައްޗަށްވެސް ދެބޭފުޅުންގެ ވާހަކަފުޅުގައި މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި މުއައްސަސާތަކުގެ ހިންގުން ހަރުދަނާ ކުރުމަށް، ދެޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ މެދުގައި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށް، މަޢުލޫމާތު ޙިއްސާ ކުރުމަކީ މުހިންމު ކަމެއް ކަމަށްވެސް ދެބޭފުޅުން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން މި ބައްދަލުވުމުގައި ދެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ މެދުގައި އެއްބާރުލުން އިތުރުކޮށް، ދެޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ދެ ބޭފުޅުންވެސް މަޝްވަރާކުރެއްވިއެވެ.
ދެ ޤައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކޮށްފައިވަނީ، މިދިޔަ އަހަރުގެ ޖުލައި ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ