ފަލަސްތީނުގެ ރައްޔިތުން ގާޒާއިން ނެރުމަށް ޓްރަމްޕް ގޮވާލި ގޮވާލުން އިސްލާމީ ގައުމުތަކުން ކުށްވެރިކޮށްފި

އިސްލާމީ ގައުމުތައް ބައިވެރިވާ އޯގަނައިޒޭޝަން އޮފް ދަ އިސްލާމިކް ކޮންފަރެންސް (އޯ.އައި.ސީ) އިން ބުދަ ދުވަހު ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ފަލަސްތީނުގެ ރައްޔިތުން ގާޒާއިން ބޭރަށް ނެރުމަށް ގޮވާލައި ދެއްކި ވާހަކަތައް ކުށްވެރިކޮށްފަ އެވެ. އަދި ފަލަސްތީނު ބިމުގައި އިޒްރޭލްގެ ސިޔާދަތަށް އޭނާ ދެއްވި ތާއީދާއި އަންރުވާއަށް ދޭ ފައިސާ ހުއްޓާލަން ނިންމި ނިންމުންވެސް ވަނީ ކުށްވެރިކޮށްފަ އެވެ.
ޓްރަމްޕް ބުދަދުވަހު ވިދާޅުވެފައިވަނީ އެމެރިކާއިން  ގާޒާ "ހިފައި" އެތަނުގެ "ވެރިފަރާތަށް" ވާނެ ކަމަށެވެ.
ކުރިން ގްރީންލޭންޑާއި ޕެނަމާއަށް އިންޒާރުދީ، ކެނެޑާ އެމެރިކާގެ 51 ވަނަ ސްޓޭޓަށް ހަދަން ހުށަހެޅި ޓްރަމްޕް، މިހާރު ވަނީ އޭނާގެ 'ފުޅާކުރުމުގެ' އެޖެންޑާއަށް ގާޒާވެސް އިތުރުކުރައްވާފަ އެވެ. އަދި އެތަން "މެދުއިރުމަތީގެ ރިވޭރާއަކަށް" ހެދިދާނެ ކަމަށް ވިދާޅުވެ، އެކަން ހާސިލުކުރުމަށް އެމެރިކާގެ ސިފައިން ފޮނުވުމާ ދެކޮޅެއް ނުހައްދަވަ އެވެ. ޓްރަމްޕް އެ އިޝާރާތްކުރައްވަނީ ފަރަންސޭސިވިލާތުގެ މަޝްހޫރު ރަށެއްކަމުގައިވާ ފްރެންޗް ރިވޭރާ އަށެވެ.
ބައިނަލްއަގްވާމީ ގާނޫނާ ޚިލާފު
އޯ.އައި.ސީގެ ބަޔާނުގައި ބުނެފައިވަނީ މިކަމަކީ އޮކިއުޕޭޝަނާއި، ކޮލޯނިއަލް ސެޓްލްމަންޓްތަކާއި، ފަލަސްތީނުގެ ބިން ބާރުގެ ބޭނުންކޮށްގެން ހިފެހެއްޓުމަށް މަގުފަހިވާނެ ކަމެއް ކަމަށެވެ. މިއީ ބައިނަލްއަގްވާމީ ގާނޫނުގެ އުސޫލުތަކާއި، ސެކިއުރިޓީ ކައުންސިލްގެ ރިޒޮލިއުޝަން 2334 ފަދަ އ.ދ.ގެ ރިޒޮލިއުޝަންތަކާ ޚިލާފު ކަމެއް ކަމަށް ބުނެފައިވެއެވެ.
ގާޒާއަކީ ފަލަސްތީނުގެ ބައެއް
އޯ.އައި.ސީން އިތުރަށް ފާހަގަކޮށްފައިވަނީ ގާޒާއަކީ އޮކިއުޕައިޑް ސްޓޭޓް އޮފް ފަލަސްތީނުގެ ވަކިނުކުރެވޭނެ ބައެއް ކަމަށެވެ. އަދި ހުއްޓުން ދެމެހެއްޓުމަށާއި، އިޒްރޭލްގެ އޮކިއުޕޭޝަން މުޅިން ނިމުމަކަށް ގެނައުމަށް ގޮވާލައިފައިވެ އެވެ.
އަންރުވާގެ ދައުރު
އޯ.އައި.ސީން އަންރުވާއަށް ތާއީދުކުރާ ކަމަށާއި، އެ އިދާރާގެ ދައުރު ބަދަހިކުރުމަށް ގޮވާލައިފައިވެ އެވެ. އަދި އެ އިދާރާގެ ވުޖޫދު ނުވަތަ ގާނޫނީ ހައިސިއްޔަތު ނިމުމަކަށް ގެނައުމު ކުރާ އެއްވެސް މަސައްކަތެއް ބަލައިނުގަންނާނެ ކަމަށް ބުނެފައިވެ އެވެ.
ފަލަސްތީނުގައި އަދުލުވެރި، ދެމެހެއްޓެނިވި ސުލްހައެއް ހޯދުމަށް އޯއައިސީގެ ތާއީދު
އޯ.އައި.ސީން ބުނެފައިވަނީ ފަލަސްތީނުގައި އަދުލުވެރި، ދެމެހެއްޓެނިވި ސުލްހައެއް ހޯދުމަށް ކުރެވޭ ބައިނަލްއަގްވާމީ މަސައްކަތްތަކަށް ތާއީދުކުރާ ކަމަށެވެ. މި މަސައްކަތުގެ ނަތީޖާއަކަށް ވާންޖެހޭނީ އިޒްރޭލްގެ އޮކިއުޕޭޝަން ނިމުމަކަށް އައިސް، 1967 ގެ ޖޫން 4 ގެ ބޯޑަރުތަކުގައި، އިރުމަތީ ޖެރޫސަލަމް އޭގެ ވެރިރަށްކަމުގައި ހިމެނޭ ގޮތަށް، މިނިވަން ފަލަސްތީނު ދައުލަތެއް ގާއިމުވުން ކަމަށް ބުނެފައިވެއެވެ.
ގާޒާގެ ރައްޔތިުން ބޭރަށް ފޮނުވާލުމަކީ މަނާކަމެއް
 ގާޒާ އެމެރިކާގެ ބާރުގެ ދަށަށް ގެނެސް ގާޒާގެ ރައްޔިތުން އެހެން ތަންތަނަށް ބަދަލުކުރަން ހުށަހެޅި ހުށަހެޅުމާ ގުޅިގެން އ.ދ.ގެ އިންސާނީ ހައްގުތަކާބެހޭ ވެރިޔާ ވޯކާ ޓަރކް ވިދާޅުވެފައިވަނީ ހިފާފައިވާ ސަރަހައްދަކުން މީހުން ބޭރަށް ފޮނުވައިލުމަކީ މުޅިން މަނާ ކަމެއް ކަމަށެވެ.
"އަމިއްލަ ނިންމުމުގެ ހައްގަކީ ބައިނަލްއަގްވާމީ ގާނޫނުގެ މައިގަނޑު އަސާސެއް، އަދި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން ފަހުން އަލުން ފާހަގަކުރި ގޮތަށް، ހުރިހާ ދައުލަތަކުންވެސް އެ ހައްގު ރައްކާތެރިކޮށްދޭންޖެހޭނެ. އޮކިއުޕައިކޮށްފައިވާ ސަރަހައްދަކުން ބާރުގެ ބޭނުންކޮށްގެން މީހުން އެހެންތަނަކަށް ބަދަލުކުރުން ނުވަތަ ފޮނުވައިލުމަކީ މުޅިން މަނާ ކަމެއް،" ޓަރކް ވިދާޅުވިއެވެ.
ގާޒާގެ ރައްޔިތުން ބޭރަށް ފޮނުވައިލުމަކީ ގާނޫނާ ޚިލާފު ކަމެއް: އ.ދ.ގެ ހިޔުމަން ރައިޓްސް ކައުންސިލް
ގާޒާ އެމެރިކާގެ ބާރުގެ ދަށަށް ގެނައުމަށް ޓްރަމްޕް ހުށަހެޅި ހުށަހެޅުމާ ގުޅިގެން އ.ދ.ގެ ހިޔުމަން ރައިޓްސް ކައުންސިލުން ބުނެފައިވަނީ ހިފާފައިވާ ސަރަހައްދަކުން މީހުން ބާރުގެ ބޭނުންކޮށްގެން ބަދަލުކުރުމަކީ ބައިނަލްއަގްވާމީ ގާނޫނާ ޚިލާފު ކަމެއް ކަމަށެވެ.
"ސީސްފަޔާގެ ދެވަނަ މަރުހަލާއަށް ދިއުމަކީ މުހިންމު ކަމެއް. އޭރުން ހުރިހާ ހިފެހެއްޓިފައިވާ މީހުންނާއި ބަންދުކޮށްފައިވާ މީހުން ދޫކޮށް، ހަނގުރާމަ ނިމުމަކަށް ގެނެސް، ބައިނަލްއަގްވާމީ އިންސާނިއްޔަތާބެހޭ ޤާނޫނާއި އިންސާނީ ހައްގުތަކުގެ ގާނޫނަށް ފުރިހަމައަށް އިހްތިރާމްކޮށްގެން ގާޒާ އަލުން އިމާރާތްކުރެވޭނެ،" އ.ދ.ގެ ހިޔުމަން ރައިޓްސް ކައުންސިލުން ބުންޏެވެ.
"އޮކިއުޕައިކޮށްފައިވާ ސަރަހައްދަކުން ބާރުގެ ބޭނުންކޮށްގެން މީހުން އެހެންތަނަކަށް ބަދަލުކުރުން ނުވަތަ ފޮނުވައިލުމަކީ މުޅިން މަނާ ކަމެއް،" އެ ކައުންސިލުން ބުންޏެވެ.
ގާޒާއަކީ ފަލަސްތީނު ރައްޔިތުންގެ ބިން: ޖަރުމަނުގެ ޚާރިޖީ ވަޒީރު
ޖަރުމަނުގެ ޚާރިޖީ ވަޒީރު އަނަލޭނާ ބެއަރބޮކް ވިދާޅުވެފައިވަނީ ގާޒާއަކީ ފަލަސްތީނު ރައްޔިތުންގެ ބިން ކަމަށާއި، އެ ރައްޔިތުން އެތަނުން ފޮނުވައިލުމަކީ ބަލައިނުގަނެވޭނެ އަދި ބައިނަލްއަގްވާމީ ގާނޫނާ ޚިލާފު ކަމެއް ކަމަށެވެ.
"އެކަމުން އިތުރު ވޭނާއި ނަފްރަތު އުފެދޭނެ. ފަލަސްތީނު ރައްޔިތުންގެ އިހުމާލުން އެއްވެސް ހައްލެއް ގެނެވިގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ.
އިރގިރޭސި ޗެރިޓީގެ ބަސް
އިނގިރޭސިވިލާތުގައި ހިންގާ މެޑިކަލް އެއިޑް ފޯ ޕަލެސްޓައިން (އެމް.އޭ.ޕީ) އިން ގާޒާއިން ފަލަސްތީނު މީހުން ނެރުމަށް އެމެރިކާގެ ރައީސް ހުށަހެޅި ހުށަހެޅުން ކުށްވެރިކޮށްފި އެވެ.
"ގާޒާއަކީ ފަލަސްތީނު ރައްޔިތުންގެ ބިން، އެމެރިކާ ނުވަތަ އިޒްރޭލްގެ ބިމެއް ނޫން. އަދި މިއީ އަރައިގަތުމަކާއި ހަނގުރާމައިގެ ކުށެއް ކަމަށް ބެލެވޭނެ،" އެމް.އޭ.ޕީގެ ވަގުތީ ސީ.އީ.އޯ ސްޓީވް ކަޓްސް ބުންޏެވެ.
"މި ނުރައްކާތެރި ބިން ހިފުން، އިނގިރޭސި ސަރުކާރުންނާއި މުޅި ބައިނަލްއަގްވާމީ މުޖުތަމައުއިން ހަރުކަށި ގޮތެއްގައި ބަލައިނުގަނެ ދޫކޮށްލަންޖެހޭނެ. ދެ މިލިއަން ފަލަސްތީނު މީހުންގެ ކަރާމާތާއި ބައިނަލްއަގްވާމީ ގާނޫނުގެ އަސާސްތައްވެސް  މިހާރު މިވަނީ ނާޒުކު ހިސާބެއްގައި،" އޭނާ އިތުރަށް ބުންޏެވެ.
ޓްރަމްޕްގެ ހުށަހެޅުމާ ފްރާންސް އިދިކޮޅު
ގާޒާ އެމެރިކާގެ ބާރުގެ ދަށަށް ގެނެސް ފަލަސްތީނުން އެހެން ތަންތަނަށް ބަދަލުކުރުމަށް އެމެރިކާގެ ރައީސް ޓްރަމްޕް ހުށަހެޅި ހުށަހެޅުން ފްރާންސްއިން ވަނީ ބަލައިނުގަނެ، އެއީ ބައިނަލްއަގްވާމީ ގާނޫނާ ޚިލާފު އަދި ސަރަހައްދަށް ހަމަނުޖެހުން ގެނެވިދާނެ ކަމެއް ކަމަށް ބުނެފައެވެ.
"ގާޒާގެ ފަލަސްތީނުން ބާރުގެ ބޭނުންކޮށްގެން ބަދަލުކުރުމަކީ ބައިނަލްއަގްވާމީ ގާނޫނާ ޚިލާފު ކަމެއް، ފަލަސްތީނުންގެ ޝަރުއީ އުންމީދުތަކަށް އަރައިގަތުމެއް، އަދި ދެ ދައުލަތުގެ ހައްލަށް ހުރަސްއެޅުމުގެ އިތުރުން މިސްރާއި ޖޯޑަންފަދަ ގާތް ބައިވެރިންނަށާއި މުޅި ސަރަހައްދަށް ހަމަނުޖެހުން ގެނެވިދާނެ ކަމެއް،" ފްރާންސް ޚާރިޖިއްޔާގެ ތަރުޖަމާނު ކްރިސްޓޮފް ލެމޮއިން ބުންޏެވެ.
ގާޒާގެ މުސްތަގްބަލު އޮންނަންވާނީ މުސްތަގްބަލުގެ ފަލަސްތީނު ދައުލަތުގެ ތެރޭގައި ކަމަށާއި، ތިންވަނަ ގައުމެއްގެ ބާރުގެ ދަށަކު ނޫން ކަމަށް ލެމޮއިން ބުންޏެވެ.
ސްޕެއިންގެ ރައްދު
ސްޕެއިންގެ ޚާރިޖީ ވަޒީރު ހޯސޭ މެނުއެލް އަލްބަރެސް ވަނީ ފަލަސްތީނުން އެހެން ތަންތަނަށް ބަދަލުކޮށް، "މެދުއިރުމަތީގެ ރިވޭރާއެއް" އުފެއްދުމަށް ޓްރަމްޕް ހުށަހެޅި ހުށަހެޅުން ބަލައިނުގަނެ ކުށްވެރިކޮށްފައެވެ.
"އަހަރެން ވަރަށް ސާފުކޮށް ބުނަން: ގާޒާއަކީ ގާޒާގެ ފަލަސްތީނުންގެ ބިން، އަދި އެމީހުން ތިބެންޖެހޭނީ ގާޒާގައި. ގާޒާއަކީ ސްޕެއިން ތާއީދުކުރާ މުސްތަގްބަލުގެ ފަލަސްތީނު ދައުލަތުގެ ބައެއް، އަދި އިޒްރޭލް ދައުލަތުގެ ފާގަތިކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދެވޭ ގޮތަށް އެކުގައި އުޅެންޖެހޭނެ،" އަލްބަރެސް ނޫސްވެރިންނަށް ބުންޏެވެ.
ރޫސީވިލާތުން ދެ ދައުލަތުގެ ހައްލަށް ތާއީދުކުރޭ
މެދުއިރުމަތީގެ ހައްލު އޮތީ ދެ ދައުލަތުގެ ހައްލެއްގެ މައްޗަށް ކަމަށް ރޫސްވިލާތުން ދެކޭ ކަމަށް ކްރެމްލިންގެ ތަރުޖަމާނު ދިމިޓްރީ ޕެސްކޮވް ބުދަ ދުވަހު ވިދާޅުވި އެވެ. މިއީ ގާޒާ އެމެރިކާގެ ބާރުގެ ދަށަށް ގެނެސް އަލުން ތަރައްގީކުރަން ބޭނުންވާ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ