ކަނބުލޮގެ ޓިކެޓް ބުކްކުރަން ހުޅުވާލައިފި ކަނބުލޮގެ ޓިކެޓް ބުކްކުރަން ހުޅުވާލައިފި

ކިޑް ޕްރޮޑަކްޝަނާއި ސެޓާން ސްޓޫޑިއޯ އިން ގެނެސްދޭ ދިވެހި ފިލްމް "ކަނބުލޮ" ގެ ޓިކެޓް ބުކްކުރަން އިއްޔެ ހުޅުވާލައިފި އެވެ.
ރާއްޖޭގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ކަމަނަ" އުފެއްދި ޓީމުން ނެރޭ ކަނބުލޮ އޮލިމްޕަހުގައި އަޅުވަން ހަމަޖެހިފައި ވަނީ އަންނަ އޯގަސްޓް 31، ގަ އެވެ.
ފިލްމުގެ ޓިކެޓް ބުކް ކުރުމަށް ހާއްސަކުރެވިފައިވާ ނަންބަރަކީ 7458800 އެވެ.
ކިޑް ޕްރޮޑަކްޝަނާއި ސެޓާން ސްޓޫޑިއޯ އިން ބުނީ ގިނަ ކޯލްތަކަށް އެއްފަހަރާ ޖަވާބު ނުދެވުނަސް، ޓިކެޓް ނަގަން ބޭނުންވާ ރެއަކާއި އަދަދު ވައިބާއިން މެސެޖު ކުރުމުން ޖަވާބު ދެމުންދާނެ ކަމަށެވެ.
ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުން 2009 ވަނަ އަހަރު ބޭއްވި ދިގު ވާހަކަ ލިޔުމުގެ ގައުމީ މުބާރާތުގެ އެއް ވަނަ އަށް ހޮވުނު "ޔުކްތާ" ވާހަކައިގެ މައްޗަށް ތައްޔާރުކުރާ ކަނބުލޮ އަކީ ދިވެހި މުޖުތަމައުގައި ކުޑަކުދިންނަށް ކުރަމުންދާ ޖިންސީ ގޯނާއާއި ގެވެށި އަނިޔާގެ ހާދިސާއެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ފިލްމަކެވެ.
ޔަޝްފާ އަބްދުލް ގަނީގެ މި ވާހަކައަށް ތައްޔާރުކުރާ ކަނބުލޮގެ ޝޫޓިން ނިންމާ މިހާރު ދަނީ އެޑިޓިންގެ މަސައްކަތްކުރަމުންނެވެ. ފިލްމުގެ ކާސްޓުންގެ ގޮތުގައި ފެންނާނީ އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)، މަރިޔަމް އައްޒަ، އަހުމަދު ނިމާލް، ޝީލާ ނަޖީބު، އަހުމަދު އީސާ، ވާސިއާ މުހައްމަދު އަދި މަރިޔަމް ޝަކީލާ އެވެ.
ފިލްމުގެ ޓިކެޓް ގަންނަ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ މީހަކަށް އެވޯން އިން ވަނީ ބެޑްރޫމް ސެޓެއް ހުށަހަޅާފަ އެވެ. މިގޮތުން އޯގަސްޓް 31، ގެ ނިޔަލަށް ގަންނަ ކޮންމެ ޓިކެޓަކާއެކު ކޫޕަނެއް ލިބޭނެ އެވެ.
މަހުދީ އަހުމަދު ސްކްރީން ޕްލޭ ލިޔެފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ ހުސެން މުނައްވަރު އެވެ މިއީ މަހުދީގެ ސްކްރީން ޕްލޭގެ މައްޗަށް މުނައްވަރު ޑައިރެކްޓްކުރާ ހަތަރުވަނަ ފިލްމެވެ. ފިލްމުގެ ޕްރޮޑިސަރަކީ ކަމަނަ ފިލްމުގެ އެއް ޕްރޮޑިއުސާ އަލީ ޝާނިޒް މުހައްމަދު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ